ހިޔާ ފްލެޓުގެ ކަންކަމުގައި އެހީތެރިކަން ހޯދޭނެ ހޮޓްލައިނެއްް ތައާރަފްކޮށްފި

ޖުލައި 14، 2021: ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލެ ފޭސް ދޭއްގައި އިމާރާތްކޮށްފައިވާ ފުލެޓުތައް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހިޔާ ފްލެޓާ ގުޅުންހުރި ކަންކަމުގައި ދިމާވާ މައްސަލަތަކުގައި އެހީތެރިކަން ހޯދުމަށް ބޭނުންކުރެވޭ ހާއްސަ ހޮޓްލައިން ނަމްބަރެއް ހައުސިން ޑިވެލޮޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ތައާރަފްކޮށްފިއެވެ.

އެ ކުންފުނިން ތައާރަފްކޮށްފައިވަނީ 7253535 މި ނަމްބަރެވެ.

އެޗްޑީސީން ބުނީ އެ ހޮޓްލައިން ނަމްބަރަށް އެސްއެމްއެސްއެއް ކޮށްލުމުން އެޗްޑީސީގެ ފަރާތުން އެކަމެއް ބަލާނެކަމަށެވެ. އަދި ހައްލުކޮށްދިނުމަށް މަސައްކަތް ކުރާނެކަމަށެވެ.

މައްސަލަ ހުށަހެޅުމަށް އެސްއެމްއެސް ކުރާއިރު މައްސަލަ ހުށަހަޅާ ފަރާތުގެ ފުރިހަމަ ނަން މެސެޖުގައި ހިމަނަން ޖެހެއެވެ. އަދި ގުޅޭނެ ނަމްބަރެއްގެ އިތުރުން ފްލެޓް ނަމްބަރު ވެސް ޖަހަން ޖެހެއެވެ. އަދި އެހީތެރިކަން ބޭނުންވާ ކަމެއްގެ ވާހަކަ ރަނގަޅަށް އެނގޭނެހެން ހިމަނަން އެޗްޑީސީން ވަނީ ބުނެފައެވެ.

މި ހޮޓްލައިން ނަމްބަރު މެދުވެރިކޮށް ހިޔާ ފްލެޓާ ގުޅުންހުރި ކަންކަމުގައި މައުލޫމާތު ވެސް ހޯދޭނެއެވެ.

ހިޔާ ފްލެޓުގެ ފިނިޝިންގެ މަސައްކަތްތައް މިދިޔަ އޯގަސްޓު މަހުން ފެށިގެން ފްލެޓް ލިބިފައިވާ ފަަރާތްތައް ވަނީ ފަށާފައެވެ. އެއާއެކު މިހާރު ފްލެޓު ލިބިފައިވާ ގިނަ އަދަދެއްގެ އާއިލާތައް އަންނަނީ ފްލެޓަށް ބަދަލުވުމުގެ މަސައްކަތް ކުރަމުންނެވެ.

comment ކޮމެންޓް