އެމްޓީސީސީގެ ކުރީގެ ސީއީއޯ ޒިޔަތުގެ މައްޗަށް ދައުވާ ކުރަން ފޮނުވައިފި

އެމްޓީސީސީގެ ކުރީގެ ސީއީއޯ އިބްރާހިމް ޒިޔަތު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެމްޓީސީސީގެ ކުރީގެ ސީއީއޯ އިބްރާހިމް ޒިޔާތުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

އޭނާގެ މައްޗަށް ދައުވާކުރަން އޭސީސީން ފޮނުވީ، އެމްޓީސީގެ ސައިޓްތަކުގައި މަސައްކަތް ކުރުމަށް ބިދޭސީން ރެކްރޫޓް ކުރުމުގައި ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާ ކަމަށް ތުހުމަތުކޮށެވެ. އެގޮތުން ރެކްރޫޓްކުރުމަށް 53 ބިދޭސީން ގެނައުމަށް‌‏ ޖޮބް އޯޑަރު 2017ވަނަ އަހަރުގެ ޖުލައި މަހު ވަނީ ހަދާފައެވެ. އެ އޯޑަރު އެ ކުންފުނީގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކަށް ފޮނުވައި، އެ މަސައްކަތް ހަވާލުކުރުމަށްފަހު، އެ މަސައްކަތް ހަވާލުކުރިގޮތާ ގުޅޭގޮތުން ބައެއް ފަރާތްތަކުން ޝަކުވާ ހުށަހަޅަން ވަނީ ފަަށާފައެެވެ.

ދައުވާކުރަން ފޮނުވާފައިވަނީ އެ އޯޑަރު ކެންސަލްކޮށް، އަލުން އެ ޖޮބް އޯޑަރުގައިވާ 53 ބިދޭސީން ނެގުމުގެ ޕްރޮސެސް ކުރިއަށް ގެންދާ ކަމަށް ބުނެ ހުށަހެޅިފައިވާ މައްސަލަ ތަހްގީގުކުރުމަށްފަހެވެ.

މި މައްސަލަ ތަހުގީގުކުރުމަށް ފަހު އޭސީސީން ނެރުނު ބަޔާނުގައި ބުނީ ބިދޭސީ މުވައްޒަފުން ރެކްރޫޓްކުރާ 15 އެޖެންސީއަކާއެކު އެމްޓީސީސީން އެއްބަސްވުން ހަދާފައިވާކަމަަށެވެ.


ނަމަވެސް، ރެކްރޫޓްމަންޓް އެޖެންސީތަކާއެކު ވެފައިވާ އެއްބަސްވުމުގައި އެ ކުންފުނިން އަމަލުކުރުމަށް ކަނޑައަޅާފައިވާ އުސޫލާ ހިލާފަށް އެކަން ކޮށްފައިވާކަމަށް އޭސީސީން ބުންޏެވެ.

އެގޮތުން ޖޮބް އޯޑަރު ހަދައި، އެއްބަސްވުން ހަދާފައިވާ ކުންފުނިތަކުގެ ތެރެއިން އެ އޯޑަރު ފިނުވާފައިވަނީ ހަމައެކަނި އެސްކޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ކަންޓްރީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށެވެ.

ފުރަތަމަ ހެދި ޖޮބް އޯޑަރު އެއްބަސްވުން ހަދާފައިވާ 15 އެޖެންސީއަށް ފޮނުވި ނަމަވެސް ދެވަނައަށް ހެދި ޖޮބް އޯޑަރު ފޮނުވާފައިވަނީ ހަމައެކަނި އެ ދެ ކުންފުންޏަށެވެ. އަދި އެ އޯޑަރު ހަދާފައިވަނީ އެ ދެ ކުންފުންޏަށް ހާއްސަކޮށްގެންކަަމަށް ވެސް އޭސީސީން ބުންޏެވެ.

އެގޮތުން ދެވަނަ އޯޑަރުގައި މޯލްޑިވްސް އިމިގްރޭޝަނުން ބިދޭސީން ގެނައުމުގެ އުސޫލަށް ބަދަލު ގެނެސްފައިވާކަމަށް ބުނެފައިވާކަމަށް އެ ކޮމިޝަނުން ބުންޏެވެ. އަދި އެއާއެކު އެ ކުންފުނިން އެއްބަސްވުން ހަދާފައިވާ ބައެއް ރެކްރޫޓްމަންޓް އެޖެންސީތަކަށް އަދަދު ގިނަކޮށް، ބަންގްލަދޭޝް ރައްޔިތުން ނުގެނެވޭނެކަމަށް ވެސް ބުނެފައިވާކަމަށް އޭސީސީން ބުންޏެވެ.

އޭސީސީން ބުނީ އެސްކޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި، ކަންޓްރީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް އިމިގްރޭޝަނުން ހާއްސަ ހުއްދައެއް ދީފައިވާކަމަށް އެ އޯޑަރާ ގުޅޭ ހުއްދައިގެ ލިޔުމުގައި، އެ ކުންފުނިން ބަޔާންކޮށްފައިވާކަމަށެވެ.

ނަމަވެސް އިމިގްރޭޝަނުން ބިދޭސީން ރެކްރޫޓްކުރާ އެޖެންސީތަކުގެ ތެރެއިން އެއްވެސް އެޖެންސީއަކަށް ބިދޭސީން ގެނައުމުގައި ހާއްސަ ލުއިފަސޭހައެއް ދީފައި ނުވާކަން އެ ކޮމިޝަނުގެ ތަހުގީގުން އެނގޭ ކަމަށް އެ ބަޔާނުގައިވެއެވެ.

އެހެންކަމުން އެއީ ޒިޔަތު، އޭނާގެ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އެ ދެ ކުންފުންޏަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމަށް ކޮށްފައިވާ ކަމެއްކަމުގެ ތުހުމަތު އޭސީސީންވަނީ ކޮށްފައެވެ.

comment ކޮމެންޓް