ދަނޑުވެރިކަން ތަރައްގީކުރުމަށް ޖަޕާނުން 42.7 މިލިއަން ރުފިޔާގެ އެހީ ދީފި

އޮގަސްޓް 22، 2021: ޖަޕާނުގެ ފަރާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދަނޑުވެރިކަން ތަރައްގީކުރުމަށް ޖަޕާނު ސަރުކާރުގެ ފަރާތުން ރާއްޖެއަށް 42.7 މިލިއަން ރުފިޔާގެ ހިލޭ އެހީ ދީފިއެވެ.

މި އެހީ ދިނުމުގެ އެގްރީމަންޓުގައި ސޮއިކޮށްފައިވަނީ ޖަޕާނުގެ ފަރާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީއެވެ.

މިއީ ޔުނިއިޓެޑް ނޭޝަންސްގެ ޕްރޮޖެކްޓް ފޯ ޑިވެލޮޕިން ސަސްޓެއިނަަބަލް އެގްރިކަލްޗަރަލް އިކޮނޮމީގެ ދަށުން ރާއްޖެއަށް ޖަޕާނުން ދިން އެހީއެކެވެ.

މި އެހީއަކީ ރާއްޖޭގައި ހިންގާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަަށް އެހީތެރިވުމުގެ ގޮތުން ކުރިއަށް ގެންދިޔަ ސީޑް މަޝްރޫގެ ފުރަތަމަ ފިޔަވައްސާއެކު ސީޑްގެ ދެވަނަ މަޝްރޫއެއް ކުރިއަށް ގެންދިއުމަށް ދިން އެހީއެކެވެ.

މި އެހީ ދިނުމުގެ އެގްރީމަންޓުގައި ސޮއިކުރުމަށް ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުން ކެއިކޯ ވިދާޅުވީ މި އެހީއާއެކު ރާއްޖޭގައި ދަނޑުވެރިކަން ކުރާ ފަރާތްތަކަށް އިތުރު އެހީއެއް ލިބިގެންދާނެކަމަށް އުންމީދުކުރައްވާކަމަށެވެ.

"އަޅުގަނޑު އުންމީދު ކުރަނީ ދެ ގައުމު އެކުގައި ކުރާ މަސައްކަތްތަކުން ރާއްޖޭގައި ފުޑް ސެކިއުރިޓީ ދެމެހެއްޓުމަށް ރަނގަޅު ފުރުސަތުތައް ލިބޭނެކަމަށް. އެކަން ހަރުދަނާވެގެންދާނެކަމަށް، ރާއްޖޭގެ ތަރައްގީއަށް މަސައްކަތްކުރުމުގައި ބައިނަލްއަގްވާމީ ބަައިވެރިންނާ އެއްކޮށް މަސައްކަތްކުރާނެކަމުގެ ޔަގީންކަން އަރުވަން،" ކެއިކޯ ވިދާޅުވިއެވެ.

ޖަޕާނުން އަންނަނީ ރާއްޖެއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން ކޮވިޑް-19ގެ ސަބަބުން އަސަރުކޮށްފައިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަސް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން 1.4 މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދީފައިވެއެވެ.

އަދި ކޮވިޑުގެ ހާލަތުގައި ވެސް ގިނަ އަދަދެއްގެ އެހީ ވަނީ ފޯރުކޮށްދީފައެވެ.

comment ކޮމެންޓް