ހިޔާ ފްލެޓްތަކުގައި ރައްޔިތުން ދިރިއުޅެނީ މަޖުބޫރުވެގެން: ރައީސް ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު-- ފޮޓޯ/ ރައްޔިތުންގެ މަޖިލިސް

ހިޔާ ފްލެޓުތަކުގައި ރައްޔިތުން ދިރިއުޅެނީ އެ ފްލެޓުތައް އެޅިފައި ހުރުމުން، އެ ތަންތަނުގައި ދިރިއުޅެން މަޖުބޫރުވުމުންކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިއަދު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރިޔާސަތުގައި އިންނަވައި ރައީސް ނަޝީދު ވިދާޅުވީ ތަހުޒީބީ މުޖުތަމައެއްގައި އެއްވެސް ރައްޔިތަކު ހިޔާ ފްލެޓުގައި ދިރިއުޅެން ނޭދޭނެކަމަށެވެ. އަދި އެއީ ބުއްދިވެރި ގޮތެއް ވެސް ނޫން ކަމަށެވެ.

"ތަހުޒީބު ދުނިޔޭގައި އެހާ މައްޗަށް އިމާރަތްކޮށްގެން އެހާ ކުޑަ ތަންކޮޅެއްގައި، އެފަދަ ގިނަ މީހުން ދިރިއުޅުން އެއީ ބުއްދިވެރި ގޮތެއް ނޫންކަމުގައި ނިންމިތާ ދުވަސްތަކެއް ވެއްޖެ. ނަމަވެސް އަޅުގަނޑުމެންނަށް ހުރީ އެ ތަންތަން އިމާރާތް ކުރެވިފައި. އެހެންވީމާ އެ ތަންތަނަށް ފަންސަވީސް ހާހުން، ތިރީސް ހާހުން، ރައްޔިތުން އެ ތަންތަނަށް ވަދެ އެ އުޅެނީ،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ހިޔާ ފްލެޓުތަކުގައި ދިރިއުޅޭ އާންމު ރައްޔިތުންގެ މެދުގައި އެ ފްލެޓުތަކާ މެދު ގިނަ ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ. އެގޮތުން އެ ތަނުގައި ކުނީގެ ނިޒާމާއި، ލިފްޓުތަކުގެ މައްސަލައާއި ދަތުރުފަތުރުގެ ނިޒާމު އޮތް ގޮތުން ކަންބޮޑުވުންތަކެއް ހުރި ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި އެއާއެކު އެ މައްސަލަ ހައްލުކުރުމަށް ކަމާ ގުޅުންހުރި އިދާރާތަކުން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވިއެވެ.

ހިޔާ ފްލެޓުތައް ހިމެނޭ ސަރަހައްދަށް ކުނި ޖަމާކުރާ މައްސަލަ ބޮޑުވެ މިއަދު ވަނީ ފްލެޓުތައް ހިމެނޭ ސަރަހައްދަށް ޖަމާކޮށްފައި ހުރި ކުނިތައް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ނަގާފައެވެ.

އެޗްޑީސީގެ މީޑިއާ އޮފިޝަލު އަލީ މަޝާރު "ސަން"އަށް ވިދާޅުވީ ކުނީގެ މައްސަލަ އިންތިހާއަށް ބޮޑުވެ، ހިޔާ ފްލެޓް ސަރަހައްދުގައި ދިރިއުޅޭ މީހުންގެ ފަރާތުން ޝަކުވާ ހުށަހަޅަން ފެށުމުން، ކުންފުނީގެ މުވައްޒަފުން ނުކުމެ ހަތް ދުވަސް ތެރޭގައި އެ ސަރަހައްދު ސާފު ކޮށްފައިވާ ކަމަށެވެ.

comment ކޮމެންޓް