ހިޔާ ފްލެޓް ސަރަހައްދަށް ޖަމާކޮށްފައި ހުރި ކުނިތައް އެޗްޑީސީން ނަގައިފި

ހިޔާ ފްލެޓް ސަރަހައްދަށް ޖަމާކޮށްފައި ހުރި ކުނިތައް އެޗްޑީސީ އިން ނަގަނީ -- ފޮޓޯ/އެޗްޑީސީ

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފްލެޓް ސަރަހައްދަށް ޖަމާކޮށްފައި ހުރި ކުނިތައް، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ނަގައި އެތަން އެއްކޮށް ސާފު ކޮށްފިއެވެ.

އެޗްޑީސީގެ މީޑީއާ އޮފިޝަލު އަލީ މަޝާރު "ސަން"އަށް ވިދާޅުވީ ކުނީގެ މައްސަލަ އިންތިހާއަށް ބޮޑުވެ، ހިޔާ ފްލެޓް ސަރަހައްދުގައި ދިރިއުޅޭ މީހުންގެ ފަރާތުން ޝަކުވާ ހުށަހަޅަން ފެށުމުން، ކުންފުނީގެ މުވައްޒަފުން ނުކުމެ ހަތް ދުވަސް ތެރޭގައި އެ ސަރަހައްދު ސާފު ކޮށްފައިވާ ކަމަށެވެ.

"އެހާ ބައިވަރު ޔުނިޓް ތަކުން އެއް ފަހަރާ ނެރުނީމަ ވަރަށް ގިނަ ކުނި ހުރެގެން އެ މައްސަލަ ވަރަށް ބޮޑުވި. ދެން އަޅުގަނޑުމެންގެ ޓީމުން މަސައްކަތު ގަޑި އިތުރުކޮށްގެން އިއްޔެއާ ހަމައަށް މުޅި ސަރަހައްދު ސާފުކުރީ،" މަޝާރު ވިދާޅުވިއެވެ.

މަޝާރު ވިދާޅުވީ ހިޔާ ފްލެޓްތަކުގައި މިހާރު ދިރިއުޅޭ ފަރާތްތަކުން ވެސް އެ ޓަވަރަކާ އެންމެ ކައިރި ސަރަހައްދެއްގައި ބަހައްޓާފައި ހުރި ޑަސްބިންތަކަށް ކުނި އަޅަމުން ދިއުމަށް, އެ ކުންފުނީގެ ފަރާތުން އިލްތިމާސް ކުރާ ކަމަށެވެ.

ހިޔާ ފްލެޓުތަކުން ކުނި ނަގާނެ އެއްވެސް އުސޫލެއް ކަނޑައެޅިފައި ނެތުމުން، ފްލެޓުތަކުގެ ތިރީގައި ކުނި ގިނަވާ މައްސަލައިގައި މީގެ ކުރިން ވެސް އެ ތަންތަނުގައި ދިރިއުޅޭ ފަރާތްތަކުން ވަނީ ހިތްހަމަ ނުޖެހުން ފާޅު ކޮށްފައެވެ.

ފްލެޓް ތަކުގައި މީހުން ދިރިއުޅެން ފަށާފައިވާއިރު، އެ މީހުންނަށް ދިމާވި އެންމެ ބޮޑު އެއް ގޮންޖެހުމަކީ ގޭގައި ހުންނަ ކުނިވާ ޒާތުގެ ތަކެތި އުކާލުމުގެ އިންތިޒާމެއް ހަމަޖައްސާފައި ނެތުމެވެ.

އެ މައްސަލައަށް ވަގުތީ ހައްލެއް ހޯދައިދިނުމަށް ޓަކައި ކުނިވާ ޒާތުގެ ތަކެތި އެޅުމަށް 30 ޑަސްބިން ވެސް ހިޔާ ފްލެޓު ހުންނަ ސަރަހައްދުގައި ވަނީ ބަހައްޓާފައެވެ.

މަޝާރު ވިދާޅުވީ ފްލެޓުތަކުގައި ދިރިއުޅެމުން އަންނަ ފަރާތްތަކުން އެތަނެއްގައި އުފެދޭ ކުނި އެންމެ ކައިރީގައި ހުންނަ ޑަސްބިނަކަށް އެޅުމަކީ އެ ކުންފުނީގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.

ހިޔާ ފްލެޓް ސަރަަހައްދުން ކުނި ނެގުމަށް އެޗްޑީސީން ނިންމާފައިވަނީ ހެނދުނު 8:00 އިން ފެށިގެން މެންދުރު 12:00 އަށެވެ.

މަޝާރު ވިދާޅުވީ ކުނީގެ މައްސަލަ ހައްލު ކުރުމުގެ ގޮތުން، ކުރިއަށް އޮތް ތަނުގައި މަދުވެގެން ދުވާލަކު އެއްފަހަރު ކުނި ނެގުމަށް އެ ކުންފުނިން ނިންމާފައިވާ ކަމަށެވެ.

comment ކޮމެންޓް