ރައްޔިތުން ބިކަވެފައި ތިބޭއިރު އިއްޒަތޭ ކިޔަން ލަދުގަންނަންޖެހޭ: ބޮންޑޭ

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 72 ވަނަ ޖަލްސާ -- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ އާންމު ހާލަތު ގޯސްވެ, ރައްޔިތުން ބިކަވެފައިވަނިކޮށް އެ ރައްޔިތުން ހޮވާފައި ތިބޭ މެންބަރުން "އިއްޒަތޭ" ކިޔަން ލަދުގަންނަންޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.

މިއަދު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 24ވަނަ ޖަލްސާގައި ވާހަކަައްކަވަމުން ބޮންޑޭ ވިދާޅުވީ ހަގީގަތުގައި އިއްޒަތް ލިބެންޖެހޭ ބަޔަކީ ރައްޔިތުންކަމަށެވެ.

"ރައްޔިތުންނަށް އިހްތިރާމެއް ނެތް. އެކަމަކު މެމްބަރުންނަށް އިހްތިރާމް އޮންނަ، އިއްޒަތް ލިބޭ، މަގުމަތީގައި ބިތްޖެހިފައި ތަންތަނުގައި ތިބޭ ރައްޔިތުންގެ އެހާ ހާލުގައި ބިކަވެފަައި، ތިބޭއިރު އަޅުގަނޑުމެން އިއްޒަތޭ ކިިޔަން ލަދުގަންނަންޖެހޭ، ހަމަގައިމު ވެސް އަޅުގަނޑު ލަދުގަނޭ،" ބޮންޑޭ ވިދާޅުވިއެވެ.

ބޮންޑޭ ވިދާޅުވީ އާންމު ހިދުމަތްތައް ހޯދުމުގައި ވެސް މަޖިލީހުގެ މެންބަރުންނަކީ ނަމޫނާ ދައްކާ ބަޔަކަށް ވާންޖެހޭކަމަށެވެ. ނަމަވެސް މިހާރު ފެންނަ މަންޒަރަކީ ބައެއް މެންބަރުން އަމިއްލަ މަންފާއަށް ކަންކަންކުރާ ތަން ކަމަށާއި އަމިއްލަ މަންފާގެ ބަދަލުގައި ރައްޔިތުންގެ މަސްްލަހަތު އިސްކުރުން މުހިންމު ކަމަށް އޭނާ ވިދާޅުވިއެވެ.

ބޮންޑޭ މި ފަދަ މޭރުމަކުން ވާހަކަދައްކަވާފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ހަސަންވަނީ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން އާންމު ހިދުމަތްތައް ހޯދުމުގައި އެކަށީގެންވާ އިއްޒަތެއް ނުލިބޭތީ އެކަމާ މެދު ކަންބޮޑުވުން ފާޅުކުރައްވާފައިއެވެ.

ހަމައެއާއެކު ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ހުރެ އެ މެންބަރުންނަށް ލިބެންޖެހޭ އިއްޒަތް ނުލިބޭނަމަ މެންބަރުންނާ މުހާތަބުކުރުން އެންމެ ރަނގަޅު ގޮތަކީ "ނިކަމެތި މެންބަރުން"ކަމަށް އިކްރާމް ވިދާޅުވިއެވެ.

އިކްރާމް އެފަދައިން ވިދާޅުވީ މަޖިލީހުގެ މެންބަރުންނަށް ސާފުގެ މެޗުތަކުގެ ޓިކެޓު ވިއްކުމުގައި ހާއްސަ އިމްތިޔާޒުތަކާއި އިންތިޒާމުތައް ނެތުމުން އެކަމާ ހިތްހަމަޖެހިވަޑައިނުގަތް އެމްޑީޕީގެ ވަަޓްސްއަޕް ގްރޫޕަކަށް މެސެޖުކުރައްވަމުންނެވެ.

comment ކޮމެންޓް