އިނގުރައިދޫން މަހަށް ގޮސް އުޅެނިކޮށް ގެއްލުނު މީހާ ފެނިއްޖެ

ގެއްލިގެން ހޯދަމުން ދިޔަ މާވަހަރު އަލިބެ

ރ.އިނގުރައިދޫން އިއްޔެ މަހަށް ގޮސް އުޅެނިކޮށް ގެއްލިގެން ހޯދަމުން ދިޔަ މީހާ މިއަދު ފެނިއްޖެއެވެ.

އިއްޔެ ގެއްލުނީ އަލީ ގާސިމް(މާވަހަރު އަލިބެ) ނަމަކަށް ކިޔާ އުމުރުން ދުވަސްވީ މީހެކެވެ.

އެމީހާ ގެއްލިގެން ހޯދަން ފެށީ އިއްޔެ ފަތިހުގެ ވަގުތެއްގައި ވަދާދިޔަ ގޮތަށް މިއަދު ހެނދުނުވީ އިރު ވެސް ރަށަށް އެނބުރި ނުދާތީއެވެ.

އަލިބެގެ އާއިލާއިން ބުނީ އޭނާއަކީ މީގެ ކުރިން މަހަށްގޮސް، އެހާ ގިނައިރުވާ މީހެއް ނޫން ކަމަށެވެ. އެހެންކަމުން އާއިލާއިން ކަންބޮޑުވެގެން އޭނާ ހޯދަން ފެށީ ކަމަށެވެ.

އިނގުރައިދޫ ކައުންސިލްގެ މެންބަރަކު މިއަދު "ސަން" އަށް ވިދާޅުވީ އަލިބެ ގެއްލިގެން އުޅޭތީ މޯލްޑިވްސް ކޯސްޓް ގާޑަށް އެކަމުގެ މައުލޫމާތު ދިން ކަމަށެވެ. އަދި އެރަށުގެ އެހެން ދޯނިފަހަރުގައި މީހުން ގޮސް އަލިބެ ހޯދަން މަސައްކަތްކުރި ކަމަށެވެ.

އަލިބެ އިއްޔެ މަހަށް ދިޔައީ އޭނާގެ އަމިއްލަ ކުޑަ ދޯންޏެއްގައި އެކަންޏެވެ. އޭނާ ގޮސް އުޅުނީ ފޯނު ނުލައި ކަމަށް ކައުންސިލް މެންބަރު ވިދާޅުވިއެވެ.

އެ މެންބަރު ވިދާޅުވީ އަލިބެ މިއަދުގެ 11:40ހާ އިރު އެނބުރި ރަށަށް ގޮސްފައިވާ ކަމަށެވެ. ނަމަވެސް ކަނޑުމަތީގައި އެހާ ގިނައިރުވި ސަބަބު އަދި ޔަގީންވެފައި ނުވާ ކަމަށެވެ.

އާއްމުގޮތެއްގައި އަލިބެ މަހަށް ގޮސް، އެ ދާ ދުވަހަކު އެނބުރި ރަށަށްދާ ކަމަށް ކައުންސިލް މެންބަރު ވިދާޅުވިއެވެ. ނަމަވެސް އިއްޔެ މަހަށް ގޮސް މިއަދު ހެނދުނުވީއިރު ވެސް އޭނާ ނާންނާތީ އަލިބެ ހޯދުމަށް ވަރަށް ގިނަ ބަޔަކު މަސައްކަތް ކުރިކަންވެސް މެންބަރު ފާހަގަކުރެއްވިއެވެ.

comment ކޮމެންޓް