ފިލްމު ކުޅުން ހުއްޓާލި ޒައިރާ ބުރުގާ އަޅައިފި

ބަތަލާ ޒައިރާ ވަސީމް ބުުރުގާ އެޅުމަށްފަހު ޕޯސްޓްކުރި ފުރަތަމަ ފޮޓޯ---

މީގެ ދެ އަހަރު ކުރިން ފިލްމު ކުޅުން ހުއްޓާލި ބަތަލާ ޒައިރާ ވަސީމް 21، ބުރުގާ އަޅައިފިއެވެ.

ބޮލީވުޑްގެ ކާމިޔާބު އެކްޓަރު އާމިރު ޚާން އާއެކު ފިލްމު "ދަންގަލް" އިން ފެނިގެންދިޔަ ބަތަލާ ފިލްމީދާއިރާ އިން ވަކިވީ ދީނަށް ދޭ ސަމާލުކަން ކުޑަވާތީ ކަމަށް އޭނާ ވަނީ ކުރިން ބުނެފައެވެ. އާމިރު އާއެކު "ސީކްރެޓް ސުޕަސްޓާ" އާއި ޕްރިޔަންކާ ޗޯޕްރާ އާއެކު "ޕިންކް ސްކައި"ގެ ވެސް މުހިއްމު ރޯލެއް ކުޅުނު ޒައިރާ ފިލްމީދާއިރާ އިން ވަކިވީ އޭނާގެ ކެރިއަރުގެ ހިޓް ޕޮއިންޓްގައި ހުއްޓައެވެ.

ޒައިރާ ބުރުގާ އެޅިކަން ހާމަކުރަމުން އިންސްޓަގްރާމަށް ވަނީ ފޮޓޯއެއް ވެސް ލާފައެވެ. އޭނާ ފިލްމު ކުޅުން ހުއްޓާލި ފަހުން މިދިޔަ އަހަރު އޭނާ ވަނީ އޭނާގެ ބުރުގާ ނާޅާ ފޮޓޯތައް ސޯޝަލް މީޑިއާ އިންނާއި މީހުންގެ އަތުން ޑިލީޓްކުރުމަށް އެދިފައެވެ.

ބަތަލާ ޒައިރާ ކުޅުނު ތިން ފިލްމުން އޭނާވަނީ ޖުމްލަ ހަތަރު އެވޯޑު ހާސިލްކޮށްފައެވެ. 2017 ވަނަ އަހަރު އޭނާ ވަނީ ތިން އެވޯޑު އުފުލާލައިފައެވެ. އެއީ ސްކްރީން އެވޯޑް ފޮ ބެސްޓް ފީމޭލް ޑެބިއު، ނޭޝަނަލް އެވޯޑް ފޮ ބެސްޓް ސަޕޯޓިން އެކްޓްރަސްގެ އިތުރުން ސްކްރީން އެވޯޑް ފޮ ބެސްޓް ޗައިލްޑް އާޓިސްޓްއެވެ. 2018 ވަނަ އަހަރު އޭނާ އަށް ލިބުނު އެވޯޑަކީ ފިލްމުފެއާ ކްރިޓީކް އެވޯޑު ފޮ ބެސްޓް އެކްޓްރަސްއެވެ.

comment ކޮމެންޓް