އިޓަލީގެ ރެކޯޑަށް ނިމުން ގެނެސް ސްޕެއިން ފައިނަލަށް

އިޓަލީކޮޅަށް ގޯލު ޖެހުމަށްފަހު ސްޕެއިނުގެ ފޯވާޑް ފެރާން ޓޮރޭޒް އުފާފާޅު ކުރަނީ --- ފޮޓޯ//ލައިވްސްކޯ

ބަލި ނުވެ އެންމެ ގިނަ މެޗުގެ ރެކޯޑް ދަމަހައްޓަމުން އައި އިޓަލީ ބަލިކޮށް ސްޕެއިނުން ޔުއެފާ ނޭޝަންސް ލީގުގެ ފައިނަލުން ފުރުސަތު ހޯދައިފިއެވެ.

އިޓަލީގެ ސެން ސީރޯގައި ރޭ ކުޅުނު މެޗު ސްޕެއިނުން ކާމިޔާބު ކުރީ2-1 ގެ ނަތީޖާއަކުންނެވެ. މިއީ މިއަހަރު އޮތް ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ސެމީގައި ވެސް ކުޅުނު ދެ ޓީމެކެވެ. އެ މެޗުން އިޓަލީ މޮޅުވީ ޕެނަލްޓީކައި ކާމިޔާބީ ހޯދައިގެންނެވެ. ޔޫރޯ މުބާރާތް ވެސް ކާމިޔާބު ކުރި އިޓަލީން އެ މުބާރާތުގެ އެއްވެސް މެޗަކުން ބަލިވެފައި ނުވާއިރު، އެ ޓީމުން މިފަހުން ރެކޯޑް ހަދައިފައެވެ.

މި މެޗުގެ ކުރިން އެ ޓީމު ވަނީ ބަލިނުވެ ޖެހިޖެހިގެން 37 މެޗު ހަމަކޮށްފައެވެ. އަދި މިއީ އިޓަލީ އަމިއްލަ ފަސްގަނޑުގައި ވޭތުވެދިޔަ ދިހަ އަހަރުތެރޭ ބަލިވި ފުރަތަމަ މެޗެވެ.

މިލާންގެ ސެން ސީރޯ ސްޓޭޑިއަމްގައި ކުޅުނު މެޗުގެ 17 ވަނަ މިނިޓްގައި ސްޕެއިނުން ލީޑުނެގީ ފެރާން ޓޮރޭޒް ޖެހި ގޯލުންނެވެ. މިކޭލް އޮޔާޒަބާލް ހުސްކޮށްލާފައި ނަގައިިދިން ބޯޅަ އޭރިއާތެރެއިން ޓޮރޭޒް ވަނީ ގޯލުގެ ދުރު ކަނަށް އަމާޒުކޮށްލައިފައެވެ.

އެއަށްފަހު އިޓަލީން ކުޅުން ރަނގަޅުކޮށް އެއްވަރު ކުރުމަށް ކުރި މަސައްކަތް އިތުރަށް އުނދަގޫވީ، 42 ވަނަ މިނިޓްގައި އެ ޓީމުގެ ކެޕްޓަން ލިއޮނާޑޯ ބޮނޫޗީ އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑެއް ދެއްކުމުންނެވެ. އެއަށްފަހު އިޓަލީން މެޗުގެ ބޮޑުބައި ކުޅެން ޖެހުނީ 10 ކުޅުންތެރިންނާއެކުއެވެ.

އޭގެ ފުރިހަމަ ފައިދާ ނަގައި ސްޕެއިނުން ފުރަތަމަ ހާފު ނިމުމުގެ ކުރިން ފެރާން ޓޮރޭޒްގެ ދެވަނަ ގޯލުން އެ ޓީމު ވަނީ ލީޑު ފުޅާކޮށްފައެވެ. އެއަށްފަހު އިޓަލީ އަށް ކުޑަވެސް އުންމީދެއް ލިބުނީ 83 ވަނަ މިނިޓުގައި ފެޑެރިކޯ ކިއޭސާ ހުސް ކޮށްލާފައި ދިން ބޯޅައަކުން ލޮރެންޒޯ ޕެލެގްރިނީ ލަނޑު ޖެހުމުންނެވެ.

ފައިނަލުގައި ސްޕެއިން ނުކުންނާނީ ބެލްޖިއަމާއި ފްރާންސް ކުޅޭ ދެ ވަނަ ސެމީން މޮޅުވާ ޓީމަކާ ދެކޮޅަށެވެ. ފައިނަލް އާދިއްތަ ދުވަހުގެރޭގަ އެވެ. ދެ ވަނަ ސެމީ އާއި ފައިނަލް ވެސް ކުޅޭނީ އިޓަލީގެ ސްޓޭޑިއަމްތަކުގަ އެވެ.

comment ކޮމެންޓް