ދަރިފުޅުގެ ނަމަށް ކުރެވޭ ފުރައްސާރައިގެ ތީރު ލަމްގެ ހިތުގެ ފުނަށް

ލަމްހާ އާއި މުއާޒް އެމީހުންގެ ދަރިފުލާއެކު -- ފޮޓޯ/ ލަމްހާ އިންސްޓަގްރާމް

"ތިޔަ ފަރާތްތަކުގެ ދަރިންނޭ ކިޔައިގެން ތިބާ ހިތްދަތިވާ ފަދަ ވާހަކައެއް މީހަކު ދައްކައިފި ނަމަ އިހުސާސް ވާނީ ކިހިނެތް؟ ގަބޫލު ވެސް ނުކުރެވޭ ގިނަ ކޮމެންޓް ތަކަކީ އަންހެނުންގެ ލިޔެފައި ހުރި އެއްޗެހި ކަމަކަށް..."

މިއީ ލަވަކިޔުންތެރިޔާ ލަމްހާ ލަތީފް އިއްޔެ އިންސްޓަގްރާމްގައި ހިއްސާކޮށްފައިވާ ބަސްކޮޅެކެވެ. ފޭސްބުކުން ކޮމެންޓް ތަކެއްގެ ސްކްރީން ޝޮޓާއެކު ލަމް އޭނާގެ ހިތުގެ އެންމެ ފުނުގައިވާ އިހުސާސްތައް ސްޓޯރީއަށް އޮއްސާލިއެވެ.

ލަމްއާއި ކުޑަމުއާގެ އަލަތު ދަރިފުޅު ދުނިޔެއަށް ފުރަތަމަ ނޭވާ ދޫކޮށްލީ މިދިޔަ ސެޕްޓެމްބަހު މަހުގެ ހަވަނަ ދުވަހުއެވެ.

މީގެ ކުރިންވެސް އަމިއްލަ ހަޔާތުގެ އެކި ސަފްހާތައް އިންސްޓަގްރާމްގައި އޭނާގެ ފޭނުންނާ ހިއްސާ ކުރާ ލަމް، އޭނާގެ އަލަތު ދަރިފުޅު 'މުލާ' އާއެކު ނަގާފައިވާ ޗާލު ފޮޓޯތަކަށް ވެސް ދަނީ އޭނާގެ ބެލުންތެރިންގެ ލޯބި ހޯދަމުންނެވެ.

އެގޮތުން ލަމްގެ ދަރިފުޅުގެ ނަން ފޭނުންނާ ހިއްސާކުުރުމުން، އާދައިގެ މަތިން ނޫސްތަކުގެ ސުރުހީއަށް އެ ވާހަކަ އެރިއެވެ. އަދި ބައެއް ފަރާތްތަކުން އެ ހަބަރަށް ރުންކުރު ކޮމެންޓްތައް ކުރަމުން ދިޔައެވެ.

މުއާޒްގެ ނަމުގެ ފުރަތަމަ އަކުރާއި ފިލި އަދި ލަމްހާގެ ނަމުގެ ފުރަތަމަ އަކުރު އެއްކޮށް ކިޔޭގޮތަށްވާ 'މުލާ' އަކީ ބްރެއިންސްޓޯމް އެކްޓިވިޓީއެއްގެ ތެރެއިން އެމީހުންނަށް ހޯދުނު ނަމެއް ކަމަށް ލަމް ބުންޏެވެ.

"ކޮން ބަ*** މުލަ ނުކިޔާ ފުޅަ ކިޔަސް، އަހަރުމެންނަށް މާ މުހިންމު ބައެއް ނޫން ތީކީ"

" ހާދަ ހުތުރު ނަމެކޭ 'މުލަ'، އިސްލާމީ ރިވެތި ނަމެއް ވެސް ނުކިޔޭ ދޯ"

ފޭސްބުކްގައި ބައެއް މީހުން ކުރި ކޮމެންޓްތަކުގެ ސްރީންޝޮޓް ވަނީ ލަމްގެ ސްޓޯރީގައި ހިއްސާ ކޮށްފައެވެ.

އެއަށް ރައްދު ދެމުން ލަމް ބުނީ އޭނާއާ ބެހޭގޮތުން ލިޔާ ލިޔުންތަކަށް މީހުން ކުރާ ހުތުރު ކޮމެންޓްތަކާ މެދު މީގެ ކުރިން އަޅާނުލާ ކަމަށެވެ.

ނަމަވެސް މަންމަ އަކަށް ވުމާއެކު ދަރިފުޅާއެކު ހޭދަކުރާ ވަގުތުތައް ހިއްސާކުރަނީ އޭނާގެ އުފަލުގައި ބައިވެރިވާ، އަދި އެ އުފާވެރި ވަގުތުތައް ދެކެން ބޭނުންވާ މީހުނަށް ކަމަށެވެ.

އެ ޕޯސްޓްތައް ލަނީ އެއިން ކޮންމެ ޕޯސްޓަކަށް ހަބަރު ހަދާނެ ކަމަށް ދެކިގެން ނޫން ކަމަށާއި އޭނާއަށް ނުރަނގަޅު ކޮމެންޓްތައް ލިބޭނެ ކަން އެނގުނު ނަމަވެސް، ދަރިފުޅޭ ކިޔައިގެން ކޮމެންޓް ކުރާއިރު ތަންކޮޅެއް އޯގާތެރި ވާނެ ނަމައޭ ހިތަށް އަރާކަމަށް ލަމް ބުންޏެެވެ.

ލަމްގެ ޕޯސްޓްތައް ބަލަން ބޭނުން ނުވާ މީހުނާއި ނަފްރަތުގެ ވާ މީހުން، އިންސްޓަގްރާމުން ލަމް އަންފޮލޯ ކުރުމަށް އޭނާ އެދުނެވެ. އަދި އެފަދަ މީހުން، އޭނާއާ ބެހޭގޮތުން ނޫސްތަކުގައި ލިޔާ ލިޔުންތައް ނުކިޔުމަށާއި ކޮމެންޓް ނުކުރުމަށް އޭނާ ވަނީ އެދިފައެވެ.

ލަމްއާއި ކުޑަމުއާ ކައިވެނީގެ ގޮތުން ގުޅުނީ 2017 ވަނަ އަހަރުއެވެ. މިދިޔަ މަހު ދަރިފުޅުގެ ނަން ފޭނުންނާ ހިއްސާ ކުރި ޕޯސްޓްގައި ލަމް ބުނެފައި ވަނީ ދަރިފުޅުގެ ނަމަކީ ގާތްގަނޑަކަށް މީގެ ހަތަރު ވަރަކަށް އަހަރު ވަންދެން އޭނާގެ ހިތުގައިވާ ނަމެއް ކަމަށެވެ.

comment ކޮމެންޓް