ޕޮލިސް ރީޖަންތަކަށް ކޮމާންޑަރުން އައްޔަނުކޮށްފި

ޕޮލިސް ރީޖަންތަކަށް ކޮމާންޑަރުން އައްުޔަނު ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ: ފުލުހުން

ލާމަރުކަޒީ އުސޫލުން ފުލުހުންގެ ހިދުމަތް ދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ފުލުހުންގެ ރީޖަންތަކަށް ކޮމާންޑަރުން އައްޔަނުކޮށްފިއެވެ.

ރީޖަންތަކަށް ކޮމާންޑަރުން އައްޔަންކޮށް މަގާމުގެ ލިޔުން ހަވާލުކޮށްދެއްވާފައިވަނީ އިއްޔެ އިސްކަންދަރު ބިލްޑިންގުގައި ބޭއްވި ރަސްމިއްޔާތެއްގައި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދުއެވެ.

އެ ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަބްދުލް މަންނާން ޔޫސުފް އާއި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަލީ ރަޝީދުގެ އިތުރުން ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުން ބައިވެރިވެލެއްވިއެވެ.

ކޮމާންޑަރުން އައްޔަންކޮށްފައިވާ ރީޖަންތައް:

  • އަޕާ ނޯތު ޕޮލިސް (ހއ، ހދ އަދި ށ އަތޮޅު) - ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ޝިހާމް
  • ނޯތު ޕޮލިސް (ނ، ރ، ބ އަދި ޅ އަތޮޅު) - ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މޫސާ އަލީ
  • ނޯތު ސެންޓްރަލް ޕޮލިސް (ކ، އއ، އދ އަދި ވ އަތޮޅު) - ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ސަތީހް
  • ސައުތު ސެންޓްރަލް ޕޮލިސް (މ، ފ، ދ، ތ އަދި ލ އަތޮޅު) - ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ހުސައިން ރަޝީދު
  • ސައުތު ޕޮލިސް (ގއ، ގދ، އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީ ހިމެނޭ ސަރަހައްދު) – ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝަމީމް

ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ހަ ވަނަ މާއްދާގެ ދަށުން ލާމަރުކަޒީ އުސޫލުން ފުލުހުންގެ ހިދުމަތް ދިނުމަށްޓަކައި ދިވެހި ފުލުހުންގެ ހިދުމަތް އިދާރީގޮތުން އިންތިޒާމުކޮށްފައިވާ ގޮތް ޕޮލިސް ކޮމިޝަނަރުގެ މަޝްވަރާގެ މަތިން ހޯމް މިނިސްޓަރު ކަނޑައަޅުއްވާއިރު، ފުލުހުންގެ ހިދުމަތް މުޅިރާއްޖޭގައި އިންތިޒާމްވެގެންވާ ހަ ސަރަހައްދެއް ވަނީ ކަނޑައަޅުއްވާފައެވެ.

އެސަރަހައްދުތަކަކީ އިއްޔެ ކޮމާންޑަރުން އައްޔަނު ކުރި ފަސް ސަރަހައްދުގެ އިތުރުން މާލެ، ހުޅުމާލެ، ހުޅުލެ، ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅު ހިމެނޭ ކެޕިޓަލް ޕޮލިސް ސަރަހައްދެވެ.

ފުލުހުންގެ ހިދުމަތް މުޅިރާއްޖޭގައި އިންތިޒާމުވެގެންވާ ހަ ސަރަހައްދެއް ކަނޑައަޅާފައިވާއިރު، ކުރިން ފުލުހުންގެ ހިދުމަތް މުޅިރާއްޖެއަށް ބަހާލެވިފައިވަނީ މާލެ ސަރައްދުގެ އިތުރުން ހަތް ޑިވިޒަނެއްގެ މައްޗަށެވެ. އެއީ، ހއ، ހދ އަދި ށ އަތޮޅު ހިމެނޭ އަޕަރ ނޯތު ޕޮލިސް ޑިވިޒަނާއި ނ. ރ. ބ. އަދި ޅ. އަތޮޅު ހިމެނޭ ނޯތު ޕޮލިސް ޑިވިޒަނާއި، ކ. އއ. އދ. އަދި ވ. އަތޮޅު ހިމެނޭ ނޯތު ސެންޓްރަލް ޕޮލިސް ޑިވިޒަނާއި، މ. ފ. ދ އަތޮޅު ހިމެނޭ ސެންޓްރަލް ޕޮލިސް ޑިވިޒަނާއި، ތ. ލ ހިމެނޭ ސައުތު ސެންޓްރަލް ޕޮލިސް ޑިވިޒަނާއި، ގއ. ގދ ހިމެނޭ އަޕަރ ސައުތު ޕޮލިސް ޑިވިޒަން އަދި ޏ. ސ ހިމެނޭ ސައުތު ޕޮލިސް ޑިވިޒަނެވެ.

comment ކޮމެންޓް