އާތިފް ޝަކޫރުގެ ވަކީލަކަށް ކުރީގެ އެސިސްޓެންޓް ޕީޖީ، ދައުލަތުން އެކަމާ ދެކޮޅު!

އާތިފް ޝަކޫރު އަދި ކުރީގެ އެސިސްޓެންޓް ޕީޖީ ފަޒްނާ ----

މަނީ ލޯންޑަރިންގެ ދައުވާ އުފުލާފައިވާ މ. އާސްތާނާ، އިބްރާހިމް އާތިފް ޝަކޫރުގެ ދިފާއީ ވަކީލަކަށް ކުރީގެ އެސިސްޓެންޓް ޕްރޮސިކިއުޓާ ޖެނަރަލް އައިޝަތު ފަޒްނާ އަހްމަދު ހަމަޖެއްސުމުން އެކަމަށް ދައުލަތުން އިއުތިރާޒް ކޮށްފިއެވެ.

އާތިފް ޝަކޫރުގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ އުފުލާފައިވަނީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ދަށުން ހިންގާ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ)ގެ ކުރީގެ އިސްވެރިޔާގެ މަގާމުގައި ހުންނަވައި އެމްއެމްޕީއާރްސީގެ ޗެކަކުން އެސްއޯފް ކުންފުނީގެ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށް ޝައްކު ކުރެވޭ މުއާމަލާތްތައް ކަމާ ބެހޭ ފަރާތްތަކަށް ރިޕޯޓު ނުކުރާ ކަމަށް ބުނެއެވެ.

އެ މައްސަލައިގައި މިއަދު ކްރިމިނަކް ކޯޓުގައި އޮތް އަޑުއެހުމަށް ވަޑައިގަތް ދިފާއީ ވަކީލުންގެ ޓީމުގައި ކުރީގެ އެސިސްޓެންޓް ޕީޖީ ފަޒްނާ ހިމެނެއެވެ. އަދި އެ އަޑުއެހުން ފެށުމާ އެކު ދައުލަތުގެ ވަކީލު އެކަން ފާހަގަކުރެއްވިއެވެ.

އެގޮތުން، އައިޝަތު ފަޒްނާ އަހުމަދަކީ ޕީޖީ އޮފީހުގައި އެސިސްޓެންޓް ޕްރޮސިކިއުޓާ ޖެނަރަލްގެ މަގާމު އަދާކުރައްވާފައިވާ ފަރާތެއް ކަމަށާއި އޭނާ އެ މަގާމު އަދާކުރައްވާފައިވަނީ، އޭޕްރީލް 10، 2016 އިން ފެށިގެން އޯގަސްޓު އަށެއް، 2018 އަށް ކަމަށް ދައުލަތުން ފާހަގަކުރިއެވެ.

"ވަކާލާތުކުރުމަށް އެދި ހުށަހަޅާ މައްސަލައަކީ އެ ވަކީލަކު މަސައްކަތްކުރި އިދާރާއެއް ނުވަތަ މުއައްސަސާއަކުން ވަކިވުމުގެ ކުރިން އެ އިދާރާއަކަށް ނުވަތަ މުއައްސަސާއަކަށް ހުށަހެޅިފައިވާ ނުވަތަ މަޝްވަރާކުރިވިފައިވާ މައްސަލައެއް ނަމަ އެފަދަ މައްސަލައެއްގައި ވަކާލާތު ކުރުމަށް އައްޔަނެއް ނުކުރެވޭނެ އޭ،" ދައުލަތުގެ ވަކީލް ވިދާޅުވިއެވެ.

އާތިފް ޝަކޫރުގެ މައްސަލައާ ގުޅޭ ގޮތުން ޕީޖީ އޮފީހާއި ދައުލަތުގެ އިދާރާތަކާ ދެމެދު ނޮވެމްބަރު 14، 2017 އިން ފެށިގެން މަޝްވަރާ ކުރަމުން ގޮސްފައިވާ ކަމަށް ވަކީލް ވިދާޅުވިއެވެ. އެ މުއްދަތުގައި އައިޝަތު ފަޒްނާ ދިޔައީ ޕީޖީ އޮފީހުގެ އެސިސްޓެންޓް ޕްރޮސިކިއުޓާ ޖެނަރަލްގެ މަގާމު އަދާކުރައްވަމުންކަން ދައުލަތުގެ ވަކީލް ފާހަގަކުރެއްވިއެވެ.

"އެހެން ކަމުން އެ ބޭފުޅާއަށް މި މައްސަލައިގައި ދިފާއީ ވަކީލެއްގެ ގޮތުގައި އައްޔަނު ނުވެވޭނެ ކަމަށް ދައުލަތަށް ގަބޫލު ކުރެވެނީ،" ޕީޖީގެ ވަކީލް ވިދާޅުވިއެވެ.

ދައުލަތުން އެ ނުކުތާ ފާހަގަކުރުމުން ދިފާއީ ވަކީލުންގެ ޓީމުގައި ހިމެނެވަޑައިގަންނަވާ ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވީ، އެ މައްސަލައިގެ ތަހުގީގު ފުލުހުން ފަށާފައިވަނީ މިދިޔަ އަހަރު ކަމަށާއި އެހެން ކަމުން ދައުލަތުގެ އިއުތިރާޒުގައި އެއްވެސް އަސާސެއް ނެތް ކަމަށެވެ.

ރައްދުގައި ދައުލަތުގެ ވަކީލް ވިދާޅުވީ، ދިފާއުން ފާހަގަކުރި ތާރީހުގެ ކުރިން، އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ދިޔައީ އާތިފް ޝުކޫރުގެ މައްސަލަ ދިރާސާ ކުރަމުން ކަމަށާއި ތަހުގީގު ނިންމާލާފައިވަނީ އެހެން އިދާރާތަކާ ގުޅިގެން މި އަހަރު ކަމަށެވެ.

އެހެން ކަމުން ދިފާއުން އެދިފައިވަނީ، ވަކީލް ފަޒްނާ އެ މުއްދަތުގައި ޕީޖީ އޮފީހުގައި މަސައްކަތް ކުރިކަން ސާބިތު ކުރުމަށް ލިޔެކިޔުންތަށް ހުށަހެޅުމަށެވެ. އަދި އެއަށްފަހު އެކަމަށް ދިފާއުން ރައްދު ދޭނެ ކަމަށް އާޒިމާ ވިދާޅުވިއެވެ.

ލިޔެކިޔުންތައް ހުށަހެޅުމަށް ޕީޖީން ވަނީ ފުރުސަތު ދިނުމަށް އެދިފައެވެ. އަދި ޝަރީއަތުން ވަނީ އެ ލިޔެކިޔުންތައް ހުށަހެޅުމަށް ފަސް ދުވަހުގެ މުއްދަތެއް ދީފައެވެ.

comment ކޮމެންޓް