ރާއްޖެއާއި ޗައިނާގެ ގުޅުން އިތުރަށް ވަރުގަދަ ކުރަން ބޭނުން: ޝާހިދު

76ވަނަ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު -- ފޮޓޯ/ ރައީސް އޮފީސް

ރާއްޖެއާއި ޗައިނާއާ މެދު އޮތް ގުޅުން އިތުރަށް ވަރުގަދަކޮށް، ޗައިނާއާ ގާތުން މަސައްކަތް ކުރަން ބޭނުންވާ ކަމަށް އދ.ގެ 76ވަނަ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޗައިނާގެ 72 ވަނަ އަހަރީ ދުވަހާއި އެގައުމުގެ އާ ސަފީރު ވަންގް ލިޖިން މަގާމާ ހަވާލުވެވަޑައިގަތުން ފާހަގަކުރުމަށް މާލޭގައި ހުންނަ ޗައިނާ އެމްބަސީގައި އިއްޔެ އޮންލައިންކޮށް ބޭއްވި ރަސްމިއްޔާތަކަށް ދެއްވި ވީޑިއޯ މެސެޖެއްގައި ޝާހިދު ވިދާޅުވީ، ރާއްޖެ އާއި ޗައިނާގެ ގުޅުން ބިނާވެފައި ވަނީ ޗައިނާ އިން ގެންގުޅޭ ވަން ޗައިނާ ސިޔާސަތުގެ އިތުރަށް، އެއް ބަޔަކު އަނެއް ބަޔަކަށް އިހުތިރާމްކޮށް، ހަމަހަމަކަމާއެކު މުއާމަލާތްކުރުމުގެ މައްޗަށް ކަމަށެވެ.

"ރާއްޖެއާއި ޗައިނާގެ މަސްލަހަތު ހިމެނޭ ކަންކަމުގައި ދެ ގައުމު ގުޅިގެން ބައިނަލްއަގުވާމީ ދުނިޔޭގައި މަސައްކަތް ކުރާނަން. އަދި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ކަމަށް ވެސް އަޅުގަނޑު އުންމީދުކުރަން،" ޝާހިދު ވިދާޅުވި އެވެ.

އެ ވީޑިއޯ މެސެޖުގައި ޝާހިދު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ދިވެހިންގެ ނަމުގައި، ޗައިނާގެ ރައީސް ޝީ ޖިންޕިން އަށާއި އާ ސަފީރު ވާން ލިޖިން އަށް މަރުހަބާ ވިދާޅުވެފައެވެ.

ހަމައެއާއެކު ކޮވިޑް-19ގެ ދަތި އުނދަގޫ ދުވަސްވަރު ޗައިނާ އިން ރާއްޖެއަށް ސިއްހީ އާލާތްތަކާއި ވެކްސިން ފަދަ މުހިންމު ސާމާނު ފޯރުކޮށްދިންކަން ޝާހިދު ފާހަގަކުރައްވައި، ޗައިނާ ސަރުކާރަށް ޝުކުރު އަދާކުރެއްވިއެވެ.

މީގެ އިތުރުން، ބައިނަލްއަގްވާމީ އެކިއެކި މަޝްރޫއުތަކުގައި ވެސް ޗައިނާއާ ގުޅިގެން މަސައްކަތް ކުރަން ބޭނުންވާ ކަމަށް ޝާހިދު ވިދާޅުވިއެވެ.

މިމަހުގެ ހަޔެއްގައި ކަނޑައެޅި އާ ސަފީރު ވަންގް ލިޖިން ވިދާޅުވީ ޗައިނާގެ އެހީގައި ރާއްޖޭގައި މަޝްރޫއުތައް ހިންގިފައިވަނީ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުމުގެ ސަބަބުން ކަމަށެވެ.

ހަމައެހެންމެ، އަންނަ އަހަރު ދެގައުމުގެ ގުޅުމަށް 50 އަހަރު ފުރޭއިރު އެ ދުވަސް ފާހަގަކުރުމުގެ ޝަރަފު ލިބިގެން ދާނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް ސަފީރު ވިދާޅުވިއެވެ.

comment ކޮމެންޓް