10 މަސް އަނިޔާގައި ހުރުމަށްފަހު އައިސް ފާޓީ ތަފާތު ދައްކައިފި

ބާސެލޯނާއި ލެވަންޓޭ ބައްދަލު ކުރި މެޗުގެ ތެރެއިން --- ފޮޓޯ//ލައިވްސްކޯ

ސްޕެނިޝް ލީގުގައި މިރޭ ލެވާންޓާއާ ދެކޮޅަށް ކުޅުނު މެޗުގައި 10 މަސްދުވަސް ވަންދެން އަނިޔާގައި ހުރުމަށްފަހު އެނބުރި އައިސް ބާސެލޯނާގެ ޒުވާން ފޯވާޑް އަންސޫ ފާޓީ ތަފަތު ދައްކައިފިއެވެ.

ބާސެލޯނާގެ ކޭމްޕް ނޫ ސްޓޭޑިއަމުގައި މިރޭ ކުޅުނު މެޗުގައި ލެވަންޓޭ އަތުން ކުރި ހޯދީ 0-3 ގެ ނަތީޖާއަކުންނެވެ. މި މެޗުން ލިބުނު މޮޅާ އެކު ބާސާ ވަނީ ހަ މެޗުން 12 ޕޮއިންޓް ހޯދައިގެން ފަސްވަނައަށް އަރައިފައެވެ.

އެއްވަނައިގައި އޮތް ރެއާލް މެޑްރިޑުން ހަތް މެޗު ކުޅެގެން 17 ޕޮއިންޓް ހޯދާފައިވާ އިރު، ދެވަނައިގައި އޮތް ސެވިއްޔާ އޮތީ 14 ޕޮއިންޓާ އެކުއެވެ. ތިންވަނައިގައި އެތުލެޓިކޯ މެޑްރިޑް ވެސް އޮތީ 14 ޕޮއިންޓް ހޯދައިގެންނެވެ.

މިފަހަރުގެ ލީގުގެ ތިން މެޗަކުން އެއްވަރުވެ ބާސެލޯނާގެ ކޯޗު ރޮނާލްޑް ކޫމަންއަށް ޕްރެޝަރު ބޮޑުވެފައިވާ އޮއްވާ އެންމެ ފަހުން ކާޑިޒްއާ ދެކޮޅަށް އެ ޓީމު ކުޅުނު މެޗުގައި ކޯޗަށް ވަނީ ރަތްކާޑު ދައްކައިފައެވެ. އެއާ އެކު މިއަދުގެ މެޗުގައި ބާސެލޯނާގެ ޓީމަށް އިރުޝާދު ދީފައިވަނީ އަލްފްރެޑް ޝްރޫޑާއެވެ.

މިއަދުގެ މެޗުގެ ކުރީކޮޅު ބާސެލޯނާއިން ވަނީ ދެ ގޯލު ޖަހައިފައެވެ. އެ ޓީމަށް އަލަށް ގުޅުނު ނެދަލޭންޑްސްގެ ދެ ކުޅުންތެރިން ކަމަށްވާ މެމްފިސް ޑިޕާއީއާއި، ލޫކް ޑެ ޔޮންގް ކާމިޔާބު ކުރި އެ ދެ ގޯލަށްފަހު ބާސެލޯނާއިން ވަނީ މުޅި މެޗު ޑޮމިނޭޓްކޮށް ގިނަ ހަމަލާތަކެއް އުފައްދައިފައެވެ.

ބާސެލޯނާގެ ފަހު ގޯލަކީ 10 މަހަށްފަހު އެނބުރި އައިސް އެ ޓީމުގެ ހުނަރުވެރި ފޯވާޑް ފާޓީ ޖަހައިދިން ގޯލެކެވެ. އެ ޓީމުގެ ލެޖެންޑް ލިއޮނެލް މެސީ ކުޅުނު 10 ނަންބަރު ޖާޒީގައި ފާޓީ ކުޅުނު ފުރަތަމަ މެޗުން އޭނާ ޖެހި ގޯލާއެކު ވަނީ ތިން މެޗަށްފަހު ބާސެލޯނާއަށް މޮޅެއް ޔަގީންވެފައެވެ.

comment ކޮމެންޓް