ޔުވެންޓަސްގެ މޮޅަށް ހިޔަނި އެޅުނީ ޑިބާލާގެ އަނިޔާއިން

ޔުވެންޓަސްއާއި ސަމްޑޯރިއާ ކުޅުނު މެޗުގެ ތެރެއިން ޑިބާލާއަށް އަނިޔާވެގެން ފައިބަނީ --- ފޮޓޯ//ލައިވްސްކޯ

އިޓާލިއަން ލީގުގައި ސަމްޑޯރިއާ އަތުން ޔުވެންޓަސް މޮޅުވި އިރު، އެ ޓީމުގެ އާޖެންޓީނާ ފޯވާޑް ޕައޮލޯ ޑިބާލާއަށް އަނިޔާ ވެެއްޖެއެވެ.

ޔުވެންޓަސްގެ ދަނޑުގައި މިއަދު ކުޅުނު މެޗުން ސަމްޑޯރިއާގެ މައްޗަށް ކުރި ހޯދީ 2-3 ގެ ހަނި ނަތީޖާއަކުންނެވެ. މި މެޗުން ލިބުނު މޮޅާ އެކު ކުޅުނު ހަ މެޗުން ދެވަނަ މޮޅު ޔުވެންޓަސްއަށް ލިބުނު އިރު، އެ ޓީމު އޮތީ ތާވަލުގެ ނުވަ ވަނައިގައެވެ. އެ ޓީމުން ލީގުގައި ކުޅުނު ފުރަތަމަ ހަތަރު މެޗުގެ ތެރެއިން ދެ މެޗުން އެއްވަރުވި އިރު، އަނެއް ދެ މެޗުން ވަނީ ބަލިވެފައެވެ.

އަނިޔާގެ ގިނަ މައްސަލަތަކެއް ކުރިމަތިވެފައި އޮތް ޔުވެންޓަސް އުނދަގޫ ހާލަތެއްގައި އޮތް އިރު، މިިއަދުގެ މެޗު ފަށައިގެން 10 ވަނަ މިނަޓުގައި ޑިބާލާ ވަނީ އެ ޓީމަށް ލީޑު ނަގައިދީފައެވެ. އެހެން ނަމަވެސް އެ ހާފުގެ މެދަކާ ހަމައިން ޑިބާލާއަށް ވަނީ އަނިޔާވެގެން ބަދަލު ކުރަން ޖެހިފައެވެ. މިދިޔަ ސީޒަނުގެ ބޮޑު ބައި ވެސް އަނިޔާގެ ސަބަބުން ގެއްލުނު ޑިބާލާ ނެތްތަން ފޫބައްދަން ޔުވެންޓަސްއިން އެރުވީ ޑެޔަން ކުލުސެވްސްކީއެވެ.

ޔުވެންޓަސްއިން ފުރަތަމަ ހާފު ނިމެން ދަނިކޮށް ލީޑު ފުޅާ ކުރީ ލިބުނު ޕެނަލްޓީއަކުން ތަޖުރިބާކާރު ޑިފެންޑަރު ލިއަނާޑޯ ބޮނޫޗީއެވެ. އޭގެ މިނަޓެއް ފަހުން ސަމްޑޯރިއާއިން ވަނީ ގޯލެއް ޖަހައި ލީޑު ކުޑަކޮށްފައެވެ. އެ ގޯލު އެ ޓީމަށް ޖަހައިދިނީ މާޔާ ޔޮޝީޑާއެވެ.

ދެވަނަ ހާފު ފަށައިގެން މާގިނައިރުތަކެއް ނުވަނީސް ލޮކަޓެއްލީގެ ގޯލުން ޔުވެންޓަސް އަނެއްކާވެސް ވަނީ ލީޑު ފުޅާކޮށްފައެވެ. އެއަށްފަހުން ވެސް ލީޑު ބޮޑު ކުރަން ޔުވެންޓަސްއަށް ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔައިރު، ސަމްޑޯރިއާއިން ވަނީ އެ ޓީމުގެ ދެވަނަ ގޯލެއް އެ ހާފުގައި ޖަހައިފައެވެ.

comment ކޮމެންޓް