އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން ފަލަސްތީނުގެ ފަސް މީހަކު ޝަހީދުކޮށްލައިފި

އިސްރާއީލުން ޝަހީދުކޮށްލާފައިވާ ފަލަސްތީނުގެ ބަޔަކު

ޖެނީން (ސެޕްޓެމްބަރު 26) : އިސްރާއީލުގެ އިސްތިއުމާރީ ބާރުތައް ފަލަސްތީނުގެ ހުޅަނގުއައްސޭރީގެ ދެ ސަރަހައްދަކަށް އަރައި ފަލަސްތީނުގެ ފަސް މީހަކު ޝަހީދުކޮށްލައިފިއެވެ.

ފަލަސްތީނުގެ އަމަނާބެހޭ މަސްދަރުތައް ބުނާގޮތުން އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން މިޖަރީމާތައް ހިންގާފައިވަނީ ހުޅަނގުއައްސޭރީގެ ރާމަﷲ ސިޓީގެ ވަށައިގެންވާ އަވަށްތަކުގައާއި ޖެނީން ސިޓީގައި ހިންގި އިސްތިއުމާރީ އޮޕަރޭޝަނެއްގައި ފަލަސްތީނު މީހުންގެ ގަޔަށް ބަޑިޖަހައިގެންނެވެ.

މި އޮޕަރޭޝަންގައި އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން މަސައްކަތްކުރީ ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ މުޖާހިދުންތަކެއް ހައްޔަރު ކުރަންކަމަށާ މި އޮޕަރޭޝަންގައި މުޖާހިދުންވެސް ބަޑިޖަހައި އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކަށް ނިސްބަތްވާ ސިފައިންގެ ދެމީހުން ވަރަށް ބޮޑަށް ޒަޚަމްކޮށްލި ކަމަށް ޚަބަރުތައް ބުނެއެވެ.

ފަލަސްތީނު މުޖާހިދުންގެ ބަޑީގެ ހަމަލާތަކުގައި ޒަޚަމްވި އިސްރާއީލު ސިފައިންގެ ދެމީހުންގެ ތެރެއިން އެކަކީ އޮފްސަރެއްކަމަށާ އޭނާވެސް އަދި ސިފައިންގެ އަނެއްމީހާއަށްވެސް ލިބުނު ޒަޚަމްތަކާއެކު މަރާ ހަނގުރާމަ ކުރަމުންގެންދާކަމަށް އިސްރާއީލު ސިފައިން ނެރުނު ބަޔާނެއް ބުނެއެވެ. އެބަޔާން ބުނާގޮތުން ހުޅަނގުއައްސޭރީގައި މިއަދު އިސްރާއީލުން ޝަހީދުކޮށްލި ފަސް މީހުންނަކީވެސް ހަމާސް ޖަމާއަތަށް ނިސްބަތްވާ މީހުންނެވެ.

ފަލަސްތީނުގެ ބިންތަކަށް ވެރިވެގަނެގެން އުޅޭ ޔަހޫދީ އިސްތިއުމާރީ ސިފައިންގެ ބައިގަނޑެއް

އިސްރާއީލުގެ ބޮޑުވަޒީރު ނަފްތާލީ ބެނެޓްގެ ތަރުޖަމާނުވެސްވަނީ އިސްރާއީލުން ޝަހީދުކޮށްލި ފަސް މީހުންނަކީ ހަމާސް އަށް ނިސްބަތްވާ ހަނގުރާމަވެރިންކަން ކަށަވަރުކޮށް ދެއްވާފައެވެ. ބެނެޓްގެ ތަރުޖަމާން ވިދާޅުވިގޮތުގައި ހަމާސްގެ ހަނގުރާމަވެރިން ހުޅަނގުއައްސޭރީގައި ވަރަށް ފުޅާދާއިރާއެއްގައި ގެންދަނީ ހަރަކާތްތެރިވަމުންނެވެ. އެއީ އިސްރާއީލުގެ އިސްތިއުމާރީ ސިފައިންނަށް ހުރި ބިރެއްކަމަށްވެސް ތަރުޖަމާން ވިދާޅުވިއެވެ.

ހަމާސް ޖަމާއަތަކީ ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ޖަމާއަތްތަކުގެ ތެރެއިން އެންމެވަރުގަދަ ޖަމާއަތެވެ. ހަމާސްއާ ދެކޮޅަށް ފަސް ފަހަރު އިސްރާއީލުން ހަނގުރާމަ ފަށާފައިވާއިރު މިއިން އެއްވެސް ހަނގުރާމައެއްގައި ހަމާސް ބަލިކުރުމަށް އިސްރާއީލުގެ ލަޝްކަރުތައް ވަނީ ނުކުޅެދިފައެވެ. އަދި ހަމާސްއިން ވެރިކަންކުރާ ފަލަސްތީނުގެ ޣައްޒާއަށް އެއްގަމުން ވަނުމަށްވެސް އިސްރާއީލު ސިފައިންވަނީ ނުކުޅެދިފައެވެ.

ހަމާސް ޖަމާއަތުންވަނީ ހުޅަނގު އައްސޭރީގައި އިސްރާއީލުން މިއަދު ހިންގި މިޖަރީމާތަކަށް ބަދަލުހިފާނެކަމަށް ބުނެފައެވެ. ހަމާސް އިން ނެރުނު ބަޔާނެއްގައި ހުޅަނގުއައްސޭރި އިސްރާއީލުގެ އަނިޔާވެރިކަމާއި އިސްތިއުމާރުން މިނިވަން ކުރުމަށްޓަކައި އިސްރާއީލުގެ ސިފައިންނާ ދެކޮޅަށް އެޖަމާއަތުން ފުޅާދާއިރާއެއްގައި ހަރަކާތްތެރިވާނެއެވެ.

ހަމާސްގެ މުޖާހިދުންގެ ހަމަލާތަކުގައި އިސްރާއީލުގެ އިސްތިއުމާރީ ސިފައިން ޒަޚަމްވާނަމަ ނުވަތަ މަރުވަމުންދާނަމަ ހުޅަނގުއައްސޭރީގެ ބިންތައް އިސްތިއުމާރުކޮށް އެތަނުގައި ފައިހަރުކޮށްލައިގެން ތިބުމަކީ އިސްރާއީލަށް ފަސޭހަ ކަމަކަށް ނުވާނެއެވެ.

ދެކުނު ލުބްނާން އިސްތިއުމާރު ކުރުމަށްފަހު އެސަރަހައްދުން އިސްރާއީލު ފޭބީވެސް ލުބްނާނުގެ ހިޒްބުﷲ ޖަމާއަތުން އިސްރާއީލު ސިފައިންނަށް އަމާޒުކޮށް ބަޑިޖަހައި ބޮންގޮއްވައިގެން އިސްރާއީލު ސިފައިން ގިނައަދަދަކަށް މަރަން ފެށުމުންނެވެ.

އިސްރާއީލަކީ އާބާދީ ކުޑަވެފައި އާބާދީގެ ބޮޑުބައެއް މުސްކުޅިވެފައި އާބާދީ އިތުރުވާ ރޭޓް ސުމެއްގައި އުޅޭ ގައުމަކަށްވާތީ ސިފައިން މަރުވުމަކީ ނުވަތަ ޒަޚަމްވުމަކީ އެގައުމަށް ތަހައްމަލް ކުރެވޭ ވަރުގެ ކަމެއް ނޫނެވެ.

comment ކޮމެންޓް