ފަލަސްތީނުން އިސްރާއީލަށް އިއުތިރާފްވެފައި އޮތް އޮތުން އަނބުރައި ގެންދަނީ

ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް އދ. ގެ އާންމު މަޖިލީހުގައި ތަގްރީރު ކުރައްވަނީ

ނިއުޔޯކް (ސެޕްޓެމްބަރު 26) : ހަ ދުވަހަށް ދެމިގެންދިޔަ 1967 ގެ ހަނގުރާމައިގާ އިސްރާއީލު ވެރިވެގަނެގެން އުޅޭ ފަލަސްތީނުގެ ބިންތަކުން އިސްރާއީލު ނުފައިބާނަމަ އިސްރާއީލަކީ ދައުލަތެއް ކަމަށް ފަލަސްތީނުން އިއުތިރާފް ވެފައި އޮތް އޮތުން އަނބުރައި ގެންދާނެ ކަމުގެ އިންޒާރު ރައީސް މަހްމޫދު އައްބާސް ދެއްވައިފިއެވެ.

އދ. ގެ އާންމު މަޖިލީހުގައި ފަލަސްތީނުގެ ފަރާތުން ތަގްރީރު ކުރައްވަމުން އައްބާސް ވިދާޅުވީ ކުރިޔަށް އޮތް އެއް އަހަރު ތެރޭގައި އިސްރާއީލުން ފަލަސްތީނުގެ ބިންތަކުން (ޣައްޒާއާއި ހުޅަނގު އައްސޭރީގެ ބިންތަކުން) ނުފާބައިފިނަމަ އިސްރާއީލަކީ ދައުލަތެއްކަމަށް ފަލަސްތީނުން ބަލައިގެންފައިވާ ބަލައިގަތުން ބާތިލްކުރާނެކަމުގައެވެ. މިއާއެކު އިސްރާއީލަކީ ދައުލެއްކަމަށް ފަލަސްތީނުން ދެން ގަބޫލު ނުކުރާނެކަމުގައެވެ.

އިސްރާއީލަކީ ދައުލަތެއްކަމަށް ފަލަސްތީނުން އިއުތިރާފްވީ 1993 ގައި ނޯވޭ މެދުވެރިއަކަށް ވެގެން ފަލަސްތީނާއި އިސްރާއީލުގެ އޭރުގެ ލީޑަރުން އޮސްލޯގައި ބައްދަލުކުރައްވައި ދެއްކެވި ސުލްހައިގެ ވާހަކަތަކުގެ ނަތީޖާއެއްގެ ގޮތުން ދެފަރާތުން ސޮއިކުރި އޮސްލޯ އެއްބަސްވުމުގެ ދަށުންނެވެ. މި އެއްބަސްވުމުގައި އިސްރާއީލުންވަނީ ފަލަސްތީނުގެ ޣައްޒާއާއި ހުޅަނގު އައްސޭރީގެ ބިންތަކުން ފާބައި އެބިންތަކުގައި ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމުގެ ފުރުސަތު ދީ އަދި އެބިންތަކުގައި އުފައްދާ ފަލަސްތީނުގެ ދައުލަތަށް އިއުތިރާފް ވުމަށް އެއްބަސްވެ ސޮއިކޮށްފައެވެ.

އިސްރާއީލުން ފަލަސްތީނުގެ ބިންތަކަށް ވެރިވެގަންނަމުން ދިޔަ ގޮތް ދައްކައިދޭ ޗާޓުތަކެއް

މިގޮތް އިސްރާއީލުވެސް ގަބޫލުކުރުމުން ފަލަސްތީނުގެ އޭރުގެ ރައީސް ޔާސިރު އަރަފާތު ވަނީ އިސްރާއީލަކީ ދައުލަތެއް ކަމަށް ގަބޫލުކޮށް އޮސްލޯ އެއްބަސްވުމުގައި ސޮއިކުރައްވާފައެވެ. އޮސްލޯގެ އެއްބަސްވުން ތަންފީޒުކުރުމަށްޓަކައި އެއަށްފަހު އިސްރާއީލާއި ފަލަސްތީނާ ދެމެދު ސުލްހައިގެ ވާހަކަތައް ފަށައިގެން 19 އަހަރުވަންދެން އެވާހަކަތައް (އެމެރިކާގެ ބެލުމުގެ ދަށުން) ކުރިޔަށް ގެންދިޔަ ނަމަވެސް އިސްރާއީލުވަނީ ފަލަސްތީނުގެ ބިންތަކުން ފޭބުމަށް ދެކޮޅު ހަދާފައެވެ. އަދި ފަލަސްތީނުން އިއުލާންކޮށްފައިވާ މިނިވަން ދައުލަތް ގަބޫލުކުރުމަށްވެސް ދެކޮޅު ހަދާފައެވެ.

މީގެބަދަލުގައި އިސްރާއީލު ގެންދަނީ ފަލަސްތީނަކީ ނެތްތަނަކަށް ހެދުމަށް މަސައްކަތް ކުރަމުންނެވެ. އަދި 1967 ގެ ހަނގުރާމައިގާ އިސްރާއީލު ވެރިވެގަނެގެން އުޅޭ ބިމެއް ނޯންނާނެކަމާއި އެބިންތަކަކީ އިސްރާއީލުގެ ބިންތަކެއްކަމަށް ހެދުމުގެ ލާއިންސާނީ އިސްތިއުމާރީ މަސައްކަތްތަކެއްވެސް އިސްރާއީލުން ގެންދަނީ ކުރަމުންނެވެ.

އިސްރާއީލުގެ އަނިޔާވެރިކަމަށް ތާއީދުކުރާ އެމެރިކާގެ ހިމާޔަތާއެކު އިސްރާއީލުން ގެންދަނީ ހުޅަނގު އައްސޭރީގެ ބިންތަކުގައި ޔަހޫދީން ވަޒަންވެރިކޮށް އާބާދުކުރުމުގެ މަސައްކަތް ފުޅާދާއިރާއެއްގައި ކުރަމުންނެވެ. އަދި ފަލަސްތީނުގެ ބިމުގައި ފަލަސްތީނުގެ ދައުލަތެއް އުފެދުނަ ނުދޭނެކަމަށް ބުނެ އިސްރާއީލުން ގެންދަނީ ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ބިންތަކުގެ ބޮޑުބައެއް އިސްރާއީލުގެ ބިންތަކެއްގެ ގޮތުގައި ހެދުމަށްވެސް މަސައްކަތް ކުރަމުންނެވެ.

އިސްރާއީލަކީ ދައުލަތެއް ކަމަށް ފަލަސްތީނުން ބަލައިގަތް ބަލައިގަތުން ބާތިލްކޮށްފިނަމަ އިސްރާއީލުގެ ދައުލަތުގެ ޝަރުއިއްޔަތާމެދު އަނެއްކާވެސް ސުވާލު އުފެދި ފަލަސްތީނުގެ ބިމުގައި ހުޅަނގުގެ ގައުމުތަކުން އުފައްދާފައިވާ އަނިޔާވެރި ކަމުގެ ރަމްޒެއްގެ ގޮތުގައާއި އިސްތިއުމާރީ ބާރެއްގެ ގޮތުގައި މިހާރަށް ވުރެވެސް ބޮޑަށް އިސްރާއީލު ސިފަވެގެންދާނެއެވެ.

ފަލަސްތީނުގެ މި ނިންމުމަކީ މިއީ ދުނިޔޭގެ ގައުމުތަކުގެ އިއުތިރާފް ހޯދުމަށް މަސައްކަތްކުރާ އިސްރާއީލަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެގެންދާނެ ކަމެއްކަމަށް ބައިނަލްއަގްވާމީ ގާނޫނުގެ މާހިރުން ވިދާޅުވެއެވެ. މީގެއިތުރުން އިސްތިއުމާރީ ބާރެއްގެ ހައސިއްޔަތުން ފަލަސްތީނުގެ ރައްޔިތުން ބެލެހެއްޓުމުގެ ޒިންމާވެސް މިފަދަ ހާލަތެއްގައި ހަމައެކަނި އިސްރާއީލު ނަގަންޖެހޭއިރު ފަލަސްތީނުން އިސްރާއީލު ގަބޫލުނުކުރާތީ އިސްރާއީލެވެކިޔާ ދައުލަތުގެ ޝަރުއިއްޔަތާމެދު ބޮޑެތި ސުވާލުތަކެއް އުފެދިގެންދާނެކަމަށް ގާނޫނީ މާހިރުން ދެކެވަޑައިގަންނަވައެވެ.

comment ކޮމެންޓް