ގަދަ ވަޔާއެކު އަމީނީ މަގުގައި ހުރި ގަހެއް ވެއްޓި، މަގު ބަންދުވެއްޖެ

އަމީނީމަގު، އިސްކަންދަރު ކޮށި ކުރިމަތީގައި ހުރި ގަހެއް ވެއްޓިފައި -- ފޮޓޯ/ސަން

ގަދަ ވަޔާއެކު މާލެއަށް ކުރަމުންދާ ބޯ ވިއްސާރައިގައި އަމީނީމަގު، އިސްކަންދަރު ކޮށި ކުރިމަތީގައި ހުރި ގަހެއް ވެއްޓި މަގު ބަންދު ވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން"އަށް ވިދާޅުވީ އެ ގަސް ވެއްޓުނު ކަމުގެ މައުލޫމާތު ލިބުނީ މިއަދު ހެނދުނު 7:45 ހާއިރު ކަމަށެވެ. އަދި ގަސް ވެއްޓިފައިވާ ސަރަހައްދަށް ފުލުހުން ގޮސް ސިޓީ ކައުންސިލާ ގުޅިގެން އެތަނުން ގަސް ނަގައި، ސާފުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ނ. އަތޮޅުން ފެށިގެން ދ. އަތޮޅާއި ހަމަޔަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މިއަދު ހެނދުނު 10:00އިން 12:30އާ ހަމައަށް އޮރެންޖް އެލާޓް ނެރެފައެވެ.

އެ ވަގުތުތަކުގައި މި އަތޮޅުތަކަށް ގަޑިއަކު 34 މޭލާއި 40 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި ވިލާގަނޑުގާ ގަޑިއަކު 50 މޭލަށް ވައި ގަދަވާނެކަމަށް ލަފާ ކުރެވޭ ކަމަށްވެސް މޫސުމާ ބެހޭ ގައުމީ އިދާރާއިން މައުލޫމާތު ދެއެވެ.

މީގެ އިތުރުން ބުރިޖާއި ހައިވޭގައި ދުއްވާ ފަރާތްތަކުން އިތުރަށް ސަމާލުވުމަށް ވެސް މެޓު އޮފީހުން ވަނީ އިލްތިމާސް ކޮށްފައެވެ.

comment ކޮމެންޓް