އަބަދުވެސް ހިނިތުންވެފައި ހުންނަ ސުލްތާން، ވަކިވެގެން ދިޔައީ ގައުމު ރޮއްވާފައި!

އެމްއެންޑީއެފް ލާންސްކޯޕްރަލް މުހައްމަދު ސުލްތާން ކެޑޭޓް ކޯގައި އުޅެނިކޮށް ނަގައިފައިވާ ފޮޓޯއެއް --

އެކުވެރި ލާންސް ކޯޕްރަލް މުހައްމަދު ސުލްތާން އިބްރާހިމްގެ މަރުގެ ހަބަރު އަދިވެސް ގަބޫލު ކުރަން ދައްޗެވެ. ސުލްތާނަކީ އަޅުގަނޑު ސުކޫލް ދައުރުގައި އުޅުނު އިރު ކެޑޭޓް ހަރަކާތުން ދިމާވި އެކުވެރިއެކެވެ. ގާތް ރަހުމަތްތެރިއެކެވެ. އަބަދުވެސް ހެޔޮ ނަސޭހަތްތައް ދޭ މަދަދުވެރިއެކެވެ.

ސިފައިންގޭގައި 2018ވަނަ އަހަރުން ފަށައިގެން މަސައްކަތް ކުރާ އއ. ހިމަންދޫއަށް އުފަން ސުލްތާން މަރުވީ އިންޑިއާގެ ނޭޝަނަލް ޑިފެންސް އެކަޑަމީގެ 145ވަނަ އޮފިސަރ ކެޑޭޓް ކޯހުގައި އުޅެނިކޮށްނެވެ. އެމްއެމްޑީއެފުން ބުނާ ގޮތުގައި އޭނާ މަރުވީ އެ ތަމުރީނުގައި ދުވުމެއް ފުރިހަމަކުރަން އުޅުމުގެ ތެރޭގައެވެ.

އުމުރުން 22 އަހަރުގެ ސުލްތާންގެ މަރުގެ ހަބަރާއެކު އޭނާގެ އެކުވެރިންނަށާއި އާއިލާއަށް ލިބިފައިވަނީ ކުއްލި ސިހުމެކެވެ. ސުލްތާންގެ މައިންބަފައިންނަށް ގިނަ އަންހެން ކުދިންތަކެއް ލިބުމަށްފަހު ލިބުނު ހަމައެކަނި ފިރިހެން ދަރިއަކީ ސުލްތާނެވެ. ހުރި ހަމައެކަނި ފިރިހެން ދަރިފުޅުކަމަށް ވާތީ އެ ދެމަފިރިން ސުލްތާންދެކެ ނުހަނު ލޯބިވެއެވެ. އޭނާއަކީ އެ ދެމަފިރިން ލޮލުގެ ކޮއެ ފަދައިން ބަލައިބޮޑުކުރަމުން އައި ދަރިއެކެވެ. ދަރިފުޅުގެ މަރުގެ ޚަބަރާއެކު އެ ދެމަފިރިން ތިބީ ޝޮކެއްގައެވެ.

އޭނާގެ މަރާއެކު ކެޑޭޓް ހަރަކާތުގައި އޭނާ ކިޔަވައިދިން ދަރިވަރުން ތިބީ ފުން ހިތާމައެއްގައެވެ. އަބަދުގެ އަބަދަށް ވަކިވެ އެ ދިޔައީ އެ ކުދިން ލޯބިވާ މުދައްރިބެކެވެ. ހިތްވަރުގަދަ ގައުމީ ބަތަލެކެވެ.

ކިޔަމަންތެރި، ބަސްއަހާ ދަރިވަރެއް!

ސުލްތާން އޭނާގެ ތައުލީމީ ހަޔާތުގެ ބޮޑުބައެއް ހޭދަކުރީ ޖަމާލުއްދީން ސުކޫލުގައެވެ. ސާނަވީ ގްރޭޑުތަކުގައި ސުލްތާނަށް ކިޔަވައިދެއްވި އޭނާގެ ކްލާސްޓީޗަރު ޔުމްނާ އަބްދުﷲ "ސަން"އަށް ވިދާޅުވީ ސުލްތާނަކީ ވަރަށް ކިޔަމަންތެރި އަދަބުވެރި ދަރިވަރެއް ކަމަށެވެ. އިސްލާމް މާއްދާ ސުލްތާންއަށް ކިޔަވައިދިން ޔުމްނާ ބުނި ގޮތުގައި އަބަދުވެސް ސުލްތާން ދައްކާނީ ކެޑޭޓުގެ ވާހަކައެވެ. މުސްތަގުބަލުގައި އެމްއެންޑީއެފަށް ވަންނަން ބޭނުންވާ ވާހަކައެވެ. ކެޑޭޓުގައި ހިނގާ ހަރަކާތްތަކުގެ ވާހަކައެވެ.

ސުލްތާންގެ މަރުގެ ހަބަރު ގަބޫލު ކުރަން ޔުމްނާއަށް ވެސް ދައްޗެވެ. އޭނާ ބުނި ގޮތުގައި ފެންނަ ކޮންމެ ތަނަކުން ސުލްތާން ވަރަށް ލޯބިން އޭނާއަށް ގޮވާލާނެއެވެ. އަދި ހިތްހެޔޮކަމާއެކު އަބަދުވެސް ވާހަކަ ދައްކައި ހަދާނެއެވެ. އެއީ ސުލްތާންގެ އަބަދުވެސް ވަރަށް ހަނދާންވާނެ ސިފައެއް ކަމުގައި އޭނާ ސިފަކުރިއެވެ.

ސުލްތާންގެ ދިވެހި ޓީޗަރު ހައްވާ ޝަރުމީލާ "ސަން"އަށް ބުނީ ސުލްތާންއަކީ އަބަދުވެސް ކިޔެވުމަށް ވަރަށް ގަދައަޅައި މަސައްކަތް ކުރާ ކިޔަމަންތެރި ދަރިވަރެއް ކަމަށެވެ.

"މީހަކު ގުޅާލައިފައި ބުނީ ސުލްތާން ނިޔާވެއްޖެއޭ. އެކަމު ވެސް ގަބޫލެއް ނުކުރެވުނު. ދެން ހަނދާނަން އަންނަނީ ސުލްތާނާއެކު ހަތަރު ފަސް އަހަރަކު އުޅެވިފައި ހުރީމަ ދެއްކި ހުރިހާ ވާހަކަތަކެއް" ޝަރުމީލާއަށް ވެސް ސުލްތާންގެ މަރުގެ ހަބަރު ގަބޫލުކުރުން ފުރަތަމަ ވީ އުނދަގޫ ކަމަކަށެވެ.

ސުލްތާން ކެޑޭޓް ކޯގެ ހުވާ ކުރުމުގެ ރަސްމިއްޔާތެއްގެ ތެރެއިން --

ސުލްތާން ސުކޫލުގައި އުޅުނު އިރު ލިޔުނު ވާހަކަތަކަކީ ޝަރުމީލާ އަބަދުވެސް ހަނދާންވާނެ ވާހަކަތަކެކެވެ. އޭނާގެ އެ ވާހަކަތަކަކީ ވަރަށް ރީތި ވާހަކަތަކެއް ކަމަށް ޝަރުމީލާ ބުންޏެވެ.

ކެޑޭޓް ކޯގެ ފެހި ލަޝްކަރަށް ކަޅު ދުވަހެއް!

ޖަމާލުއްދީން ސުކޫލުން އޯލެވެލް ނިންމުމަށްފަހު ސުލްތާން މަތީ ސާނަވީ ތައުލީމް ހާސިލު ކުރީ އަހްމަދިއްޔާ އިންޓަނޭޝަނަލް ސުކޫލުންނެވެ. އެ ދުވަސްވަރު އޭނާ މޯލްޑިވްސް ނޭޝަނަލް ކެޑޭޓް ކޯ (އެމްއެންސީސީ)ގެ ފެހި ލަޝްކަރާ ސުލްތާން ގުޅުނެވެ.

ކެޑޭޓް ކޯގައި މުދައްރިބެއްގެ ގޮތުގައި ސުލްތާން ވަރަށް ބުރަކޮށް މަސައްކަތް ކުރިއެވެ. ވަރުބަލިކަމެއް ނެތި އެތައް ވަގުތެއް ކެޑޭޓް ކޯއަށް ޓަކައި އޭނާ ހުސްކުރިއެވެ. އޭނާ ކެޑޭޓް ކޯއިން ވަކިވެ އެމްއެންޑީއެފަށް ދިޔައިރު އޭނާއަކީ ކެޑޭޓް ސާޖެންޓެކެވެ.

ގައުމީ ކެޑޭޓް ކޯގެ ޑިރެކްޓަރ ޖެނެރަލް ބްރިގޭޑިއާ ޖެނެރަލް އަހްމަދު އިޝާން "ސަން"އަށް ވިދާޅުވީ ސުލްތާނަކީ ވަރަށް އަޚްލާގާއި ސުލޫކު ރަނގަޅު، ކިތަންމެ ގިނައިރަކު މަސައްކަތް ކުރަން ޖެހުނަސް ވަރުބަލިކަމެއް ނެތި ހިތްހަމަޖެހުމާއެކު މަސައްކަތް ކުރާ ކެޑޭޓެއް ކަމަށެވެ.

"ސުކޫލު ދައުރުން ފެށިގެން ވެސް އޭނާގެ އަޚްލާގާއި ސުލޫކު ވެސް އެހެން ދަރިވަރުންނާ ތަފާތު، ދެން އެއަށްފަހު ސުކޫލް ނިމިގެން ވެސް ކެޑޭޓް ކޯގެ ވަރަށް ގިނަ ކަންތައްތަކުގައި ބައިވެރިވެ ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވި" އިޝާން ވިދާޅުވިއެވެ.

އިޝާން ވިދާޅުވީ އޭނާއަށް ސުލްތާންގެ މަރުގެ ހަބަރު ގަބޫލުކުރަން އަދިވެސް ދަތިކަމަށެވެ. އޭނާއަކީ ކެޑޭޓް ހަރަކާތްތަކުގައި ވެސް ވަރަށް ލާމަސީލު ނަމޫނާއެއް ދެއްކި ކުއްޖެއް ކަމުގައި ވެސް އިޝާން ވިދާޅުވިއެވެ.

" ކެޑޭޓް ކޯގައި ދެ އަހަރެއްހާ ދުވަހު އުޅުމަށްފަހު ސިފައިންގެއަށް ޖޮއިން ކުރައްވައިގެން ޓްރެއިނިންއަށް ދާން ވެގެން އައިސް އެވާހަކަ ވެސް ބުނި. ޓްރެއިނިން ނިންމާފައި ވެސް އައިސް ބައްދަލުކޮށް ވާހަކަ ދައްކައި ހަދާ ވަރަށް ގާތް ގުޅުމެއް އޮންނަ ރަނގަޅު ދަރިވަރެެއް އެއީ" އިޝާން ވިދާޅުވިއެވެ.

އިޝާން އިތުރަށް ވިދާޅުވީ ސުލްތާންގެ މަރުގެ ޚަބަރާއެކު އޭނާއަށް ލިބުނީ ކުއްލި ޝޮކެއް ކަމަށެވެ. އަދި އެއީ ވަރަށް ގަބޫލު ކުރަން ދަތި ކަމެއް ކަމަށެވެ.

އިޝާން ސިފަ ކުރައްވާ ގޮތުގައި ސުލްތާންގެ ވަކިވެދިއުމަކީ ދިވެހިރާއްޖޭގެ ކެޑޭޓް ހަރަކާތަށާއި ދިވެހި ގައުމަށް ލިބުނު ވަރަށް ބޮޑު ނިކަމެތި ކަމެކެވެ.

"އަޅުގަނޑުމެންގެ އޮންނާނެ ސްޕްރީމް ކޮމާންޑާ ސްކޮޑް ކިޔާ ސްކޮޑެއް. އެ ސްކޮޑުގައި ވެސް ވަރަށް ގިނަ ކުދިންނަށް ނަމޫނާ ދައްކާ، ގަވައިދުން ގަޑިއަށް ފަރުވާތެރިވާ ދަރިވަރެއް ސުލްތާނަކީ،" އިޝާން ވިދާޅުވިއެވެ.

19ވަނަ ގައުމީ ކެޑޭޓް ކޭމްޕުގައި ސުލްތާން އޭނާގެ ޕްލެޓޫނާއެކު --

ގައުމީ ކެޑޭޓް ކޯގެ ކެޕްޓަން އިބްރާހިމް ފަރުހާދު ވިދާޅުވީ ސުލްތާނަކީ މިހާތަނަށް އޭނާއަށް ފެނުނު އެންމެ "ޑިސިޕްލިންޑް"، އެންމެ ރަނގަޅު އެއް ކެޑޭޓް އިންސްޓްރަކްޓަރު ކަމަށެވެ. އަދި ސުލްތާނާއެކު މުހްޔިއްދީން ސުކޫލާއި އިސްކަންދަރު ސުކޫލުގެ ކެޑޭޓް ތަމްރީނުތަކުގައި މަސައްކަތް ކުރެވުނުކަން ފާހަގަ ކުރައްވަމުން ފަރުހާދު ވިދާޅުވީ ސުލްތާނާއެކު މަސައްކަތް ކުރެވުމަކީ ފަޚުރެއް ކަމަށެެވެ.

" ވަރަށް ދެރަވެފައި މިހުރީ ސުލްތާން އެގޮތަށް ވަކިވެ ދިޔައީމަ. ގަބޫލު ކުރަން ވަރަށް ދަތި. އެއްތަނެއްގައި ނިދާ އެއްތަނެއްގައި ކައިހަދައި އުޅުނު މީހެއް ސުލްތާނަކީ. އަޚްލާގީ ގޮތުން ބުނަންޏާ ބަރާބަރަށް ނަމާދު ކުރާނެ، އޭނާއަށްވުރެ ބޮޑެތި މީހުންނަށް ފުލް ރެސްޕެކްޓް ދޭނެ،" ފަރުހާދަށް ސުލްތާން ސިފަކޮށްދޭން މިވަރު ވެސް ނުފުދެއެވެ.

ފަރުހާދު ވިދާޅުވީ ސުލްތާނަކީ އެހެން ކެޑޭޓުންނަށް ލާމަސީލު ނަމޫނާއެއް ކަމަށެވެ. އަދި ސުލްތާންގެ އެންމެ ހަނދާންވާނީ އޭނާގެ ސަކަ މިޒާޖު ކަމުގައި ފަރުހާދު ކިޔައިދެއްވިއެވެ.

" ސުލްތާންގެ އިންނާނެ ވަރަސް ސަކަ މިޒާޖެއް އެނގޭ. ރަސްމީ ތަމްރީނުތައް ނިންމުމަށްފަހު އެންމެން އެެއްވެލައި ވާހަކަ ދައްކާލާ ވަގުތު ވެސް ވަރަށް ސަކަ މިޒާޖެއްގެ އެއްޗެއް ބުނެލަފާނެ. އެ ބުނެލާ ގަޑީގައި އެންމެންނަށް ލިބޭ ހިނިތުންވުން އެއީ ސުލްތާންގެ ފަރާތުން ލިބޭ ހަދިޔާއެއް" ސުލްތާންގެ ހަނދާންތައް އާ ކުރައްވަމުން ފަރުހާދު ވިދާޅުވިއެވެ.

ލީޑަރޝިޕް ވަރުގަދަ، ކުދިން ގޮވައިގެން އުޅުމުގައި އެވަރެއް ނެތް!

ސުލްތާންގެ މުދައްރިބެއްގެ ގޮތުގައި އޭނާގެ ސުކޫލް ދައުރުގައި މަސައްކަތް ކުރެއްވި ގައުމީ ކެޑޭޓް ކޯގެ ލެފްޓިނަންޓް އަހްމަދު ނަޝްރަހް ވިދާޅުވީ ސުލްތާނަކީ ކުދިން ގޮވައިގެން އުޅުމުގައި އެއްވަނަ ކަމަށެވެ. އަދި ސުލްތާނަކީ ވަރަށް ލީޑަރޝިޕް ރަނގަޅު ކެޑޭޓެއް ކަމަށާއި އޭނާއަކީ ވަރަށް އުނގެނެން ޝައުގުވެރިކަން ހުންނަ ކުއްޖެއް ކަމުގައި ނަޝްރަހު ފާހަގަ ކުރެއްވިއެވެ.

"އެއްބަހުން ބުނަންޏާ ޕާފެކްޓް ކެޑޭޓެއް ގޮތުގައި އަޅުގަނޑު ސިފަ ކުރާނީ" ނަޝްރަހް ވިދާޅުވިއެވެ.

ސުލްތާންގެ ފޮޓޯ ފުރަތަމަ ޚަބަރުތަކުން ފެނުމުން ނަޝްރަހް ހީކުރެއްވީ ސުލްތާނަށް ކޮންމެވެސް ޕްރޮމޯޝަނެއް ނުވަތަ ވަނައެއް ލިބުނީ ކަމަށެވެ. އެހެން ނަމަވެސް ޚަބަރުތަކުގެ ސުރުހީ ކިޔާލުމާއެކު ނަޝްރަހްއަށް ލިބުނު ކުއްލި ސިހުމާއެކު ހުއްޓުންއަރައި އެތައް އިރަކު ހުރެވުނެވެ. އެެއީ ހަގީގަތެއްކަން ގަބޫލުކުރަން ވެސް ދަތިވެފައެވެ.

ނަޝްރަހް އިތުރަށް ވިދާޅުވީ ކުއްޖަކަށް ތަމްރީނުތަކުގައި ގޯހެއް ހެދުނަސް ވަރަށް ރީތިކޮށް ސުލްތާން އެކުދިންނަށް އެކަން ކިޔާލަދޭނެ ކަމަށެވެ. އަދި ކުދިން އޭނާގެ ކޮންޓްރޯލްގެ ދަށުގައި ގެންގުޅުމުގައި ސުލްތާނަކީ ވަރަށް ގާބިލު މުދައްރިބެއްގެ ގޮތުގައި ނަޝްރަހު ސިފަ ކުރެއްވިއެވެ.

ދަރިވަރުން ފުން ހިތާމައެއްގައި، ސުލްތާން ސަރގެ ހިނިތުންވުން އަބަދުވެސް ހަނދާންވާނެ!

ސުލްތާންގެ ދަރިވަރެއް ކަމަށްވާ މުހައްމަދު މާހިލް ފަޒީލް "ސަން"އަށް ބުނީ ސުލްތާންގެ އެ ހިނިތުންވުން ދެން ނުފެންނާނެކަން ގަބޫލުކުރަން ދަތި ކަމަށެވެ. އަދި ސުލްތާނަކީ ކަމަށް ކަމޭހިތާ ކޮންމެ ކަމެއްގައި ވެސް ކަމަށް ފަރުވާތެރި ނަމޫނާ ކެޑޭޓެއް ކަމުގައި މާހިލް ސިފަ ކުރިއެވެ.

" އެންމެ ބޮޑަށް ހަނދާންވާނީ އެ ހިނިތުންވުން، ފެންނަ ކޮންމެ ފަހަރަކު ވެސް ހެވިލާފަ ކުރިމަތީ ހުންނަ މީހާގެ މޫނަށް ވެސް އުޖާލާކަން ގެނުވާނެ،" މާހިލް ބުންްޏެވެ.

ސުލްތާންގެ މުދައްރިބުކަމުގެ ދަށުން މަސައްކަތްކުރި ޖަމާލުއްދީންގެ ކެޑޭޓް އަހްމަދު ޝާވީ "ސަން"އަށް ބުނީ ސުލްތާނަކީ ކެޑޭޓް ހަޔާތުގައި ދިމާވި އެންމެ ހިތްހެޔޮ އިންސްޓްރަކްޓަރު ކަމަށެވެ. އަދި އޭނާއަކީ ކުރާ ކޮންމެކަމެއް ވެސް އެންމެ ފުރިހަމައަށް ކޮށް ނިންމާ މީހެއް ކަމުގައި ޝާވީ ސިފަ ކުރިއެވެ.

ސުލްތާންގެ ދަރިވަރު އަލީ ރަޒާން އެންމެ ހަނދާންވާނީ 2015ވަނަ އަހަރު މިނިވަން ފަންސާހުގެ ހަރަކާތްތަކަށް ތައްޔާރުވާން ޕެރޭޑް ފަރިތަކުރުންތަކަށް ސުލްތާނާއެކު ދާ ހަނދާނެވެ. ކޮންމެ ރެޔަކު ވެސް ތަމްރީނުތައް ނިންމާލުމަށްފަހު ސުލްތާން އެމީހުންނާއެކު ސަކަރާތްޖަހާ ވާހަކަ ދައްކާ ކަމުގައި އޭރުގެ ހަނދާންތައް އައު ކުރަމުން ރަޒާން ކިޔައިދިނެވެ.

ސުލްތާން ޖަމާލުއްދީންް ސުކޫލުގެ ބައެއް ކެޑޭޓުންނާއެކު --

"އަދިވެސް ގަބޫލު ކުރަން ދަތި އެހާ ޒުވާން އުމުރެއްގައި ވަކިވެ ދިޔައީމަ، ވަރަށް ހިތާމަ ކުރަން. އަބަދުވެސް އަޅުގަނޑުގެ ދުއާއަކީ ސުލްތާން [ސަރ]ގެ ފާފަ ފުއްސެވުން" ރަޒާން ބުންޏެވެ.

އާހިލް އާސިމް އަބްދުﷲއަށް އޭނާގެ ކެޑޭޓް ހަޔާތުގައި އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިން އިންސްޓްރަކްޓަރަކީ ސުލްތާންއެވެ. ސުލްތާން ވަކިވެދިޔަ ޚަބަރު އޭނާއަށް އަދިވެސް ގަބޫލެއް ނުކުރެވެއެވެ.

އާހިލް ބުނި ގޮތުގައި ވަރަށް ފަހުން ވެސް ސުލްތާނާ އޭނާ ވާހަކަ ދެއްކިއެވެ. އަދި އާހިލް ކެޑޭޓް ކޯއަށް ވަންނަ ވާހަކަ ބުނުމުން ސުލްތާން އޭނާއަށް ނަސޭހަތްދީ ބަސްއަހައިގެން އުޅެއްޗޭ ބުނި ކަމުގައި އާހިލް ކިޔައިދިނެވެ.

2019ވަނަ އަހަރުގެ ހެވިކަމާއި ކުޅިވަރު ނިންމުމަށްފަހު ސުލްތާންއާއި އާހިލް ފޮޓޯއަކަށް ހުއްޓިލައިގެން --

" އަޅުގަނޑު އެންމެ ހަނދާންވަނީ ގިރިފުށި ކޭމްޕުގައި. އޭރު އަޅުގަނޑު ވަރަށް ފަލަކޮށް ހުންނާނީ. ދެން ޕީޓީ ކުލާހެއްގައި އަޅުގަނޑަށް ނުދުވެވިގެން އެންމެ ފަހަތަށް ދިޔައީމަ ސުލްތާން ސަރ އައިސް ބުރަކަށީގައި ފިރުމާލައިފައި ބުނީ ސަރ ދާނަމޭ އާހިލްއާ އެއްކޮށް. އަޅުގަނޑާއެއްކޮށް ސަރ އެ ދުވުން ނިންމީ،" ކެޑޭޓް ކޭމްޕުގެ ހަނދާންތައް އާ ކުރަމުން އާހިލް ކިޔައިދިނެވެ.

ބެސްޓް ފްރެންޑާ މީގެ ދެ ދުވަސް ކުރިން ވާހަކަ ދެއްކި!

ސުލްތާންގެ ބެސްޓް ފްރެންޑް އައިމިނަތު ނައީޝާ ނިޒާމަށް ސުލްތާނާ ބެހޭގޮތުން ވާހަކަ ދެއްކުން ފަސޭހަ ކަމަކަށް ނުވިއެވެ. އެއަށްވުރެ ބޮޑަށް އޭނާއަށް ސުލްތާންގެ މަރުގެ ޚަބަރުން ވަނީ އަސަރު ކޮށްފައެވެ.

ނައީޝާ ސިފަ ކުރާ ގޮތުގައި ސުލްތާނަކީ އޭނާއާ ދިމާވި އެންމެ ހިތްހެޔޮ އެކުވެރިޔާއެވެ. އަބަދުވެސް ކޮންމެ ކަމެއް ޖެހުނަސް ސުލްތާން އޭނާގެ ގާތުގައި ހުރެއެވެ. ސުލްތާނަކީ އަބަދުވެސް ވަރަށް އުފާވެފައި ހުންނަ ވަރަށް ޕޮސިޓިވްކޮށް ވިސްނާ މީހެކެވެ.

ސުލްތާން އިންޑިއާއަށް ތަމްރީނަށް ފުރުމުގެ ކުރިން ވެސް ނައީޝާއާ ދިމާވިއެވެ. އަދި ނައީޝާއަށް ވަރަށް ގިނަ ނަސޭހަތްތައް އެ ދުވަހު ވެސް ސުލްތާން ދިނެވެ. އެގޮތުން ބަސް އަހައިގެން އުޅުމަށާއި ނަމާދުތަކަށް ފަރުވާތެރިވުމަށް ސުލްތާން ނައީޝާއަށް ނަސޭހަތްތެރިވިކަމަށް ނައީޝާ "ސަން"އަށް ކިޔައިދިނެވެ.

" ޓްރެއިނިންގައި އުޅުނަސް އަބަދުވެސް ހާލު ބަލާނެ، ވަރަށް ރަނގަޅު ރައްޓެއްސެއް އެއީ. ޓްރެއިނިންތަކުގައި ވެސް ދުވަހަކު ވެސް ގިވްއަޕް ނުކުރާނެ. ވަރަށް ހިތްވަރުގަދަ ވާނެ. އަބަދުވެސް ރައްޓެހިންގެ ހާލު ބަލާނެ. އަބަދުވެސް ހުންނާނީ ހިނިތުންވެފައި" ނައީޝާ ކިޔައިދިނީ އަސަރާއެކުއެވެ.

ސުލްތާން އެންމެ ފަހުން ނައީޝާއަށް މެސެޖު ކުރީ މީގެ ދެ ދުވަސް ކުރިންނެވެ. އެ ދުވަހު ސުލްތާން ނައީޝާގެ ކިބައިން އެދުނު ކަމަކީ އޭނާގެ ސްނެޕް ސްޓްރީކް ކޮށްދިނުމެވެ. އެ ދުވަހު ވެސް ވަރަށް ހަނދާން ވާ ވާހަކަ ނައީޝާ، ސުލްތާންގެ ގާތުގައި ބުންޏެވެ.

ސުލްތާން އަބަދުވެސް ދޭ ނަސޭހަތަކީ ނަމާދުތަކަށް ފަރުވާތެރިވުމަށް ބުނެ ދޭ ނަސޭހަތެވެ. އަދި ދިމާވާން ބުނާ ކޮންމެ ގަޑިއަކު ވެސް ދިމާވެ ކަންކަމުގައި ހިތްވަރުދޭ ކަމަށް ނައީޝާ ބުންޏެވެ.

ސުލްތާންގެ ހުވަފެން، ސިފައިންގޭގެ އޮފިސަރަކަށް ވުން!

ސުލްތާންއާއެކު ގިނަ ދުވަސްތަކެއް ހޭދަކުރި މުހައްމަދު މާހިލް ފަޒީލް "ސަން"އަށް ބުނީ ސިފައިންގޭގެ އޮފިސަރަކަށް ވުމަކީ އަބަދުވެސް ސުލްތާން ދުށް ހުވަފެނެއް ކަމަށެވެ.

ސުލްތާންއަށް އޭނާގެ އެ ހުވަފެނުގައި ކުލަ ޖެއްސުމަށް ފުރުސަތު ލިބުނީ ނުވެސް އެނގި ހުއްޓާއެވެ. އެއީ އޭނާ ކުރި ބުރަ މަސައްކަތުގެ ނަތީޖާއެވެ. އިންޑިއާގައި އޮތް އޮފިސަރ ކެޑޭޓް ކޯހަށް ދާން ފުރުސަތު ލިބުނު މަދު މީހުންގެ ތެރޭގައި ސުލްތާންގެ ނަން ހިމެނުނެވެ. އޭނާ ފުރައިގެން ދިޔައީ އެ ހުވަފެނުގައި ކުލަ ޖެއްސުމަށް އަޒުމު ކަނޑައަޅައިގެންނެވެ.

ސުލްތާން އެމްއެންޑީއެފް ޔުނީފޯމުގައި --

އެ ކޯސް ލިބުމުން ސުލްތާން ހުރީ ވަރަށް އުފަލުންނެވެ. ފުރައިގެން ދިޔައީ އެތައް އުއްމީދުތަކަކާ އެކުގައެވެ. އެހެން ނަމަވެސް އެ ކޯސް ވީ ސުލްތާންގެ ފަހު ކޯހަށެވެ. އިންޑިއާ ވީ ސުލްތާނާ އޭނާގެ މަރު ބައްދަލު ކުރި މަންޒިލަށެވެ.

ސުލްތާންގެ މައިންބަފައިންނަށް މިއަދު ލިބިފައިވާ ފުން ހިތާމައަކީ ބަޔާން ކުރަން ވެސް ދަތި ހިތާމައެކެވެ. ހުރި ހަމައެކަނި ފިރިހެން ދަރިފުޅު އަބަދުގެ އަބަދަށް ގެއްލުނީއެވެ.

ސުލްތާން އަޅުގަނޑުމެންނާ ވަކިވެ ދިޔަޔަސް އޭނާގެ އެކުވެރިންނާއި ދަރިވަރުން، މުދައްރިސުންނާއި މުދައްރިބުން ސުލްތާންގެ ހަނދާން އާ ކުރާނެއެވެ. ސުލްތާންގެ އެ ލޯބިލޯބި ހިނިތުންވުން އެ އެންމެން އަބަދުވެސް ހަނދާން ވާނެއެވެ.

comment ކޮމެންޓް