އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި މަތި ދެކުނު ޕްރޮވިންސްގެ ރައީސް ކަން އެސްޓިއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު މުހައްމަދު ރަޝާދު ކަމިޔާބު ކުރެއްވިއިރު، ގައްދޫ ދާއިރާގެ ރައީސްކަން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު މުހައްމަދު ކާމިޔާބު ކުރައްވައިފިއެވެ.
ވަގުތީ ނަތީޖާތައް ދައްކާ ގޮތުން މި ސަރުކާރުގައި ހިމެނޭ އަމްރުއާ ސައީދު ވެސް ވަނީ ގޮނޑި ކާމިޔާބުކުރައްވާފައެވެ.
ގައްދޫ ދާއިރާގެ ރައީސް ކަމަށް ސައީދާ އެކު ދެން ވާދަކުރެއްވީ، އަހްމަދު ނާފިޒާއި އަބްދުﷲ ޝަރީފެވެ.
މަތި ދެކުނު ޕްރޮވިންސްގެ ރައީސް ކަމަށް އަމްރުއާ އެކު ދެން ވާދަކުރެއްވީ ގއ. އަތޮޅުގެ ކުރީގެ ކައުންސިލަރު ތައުފީގް އަބްދުﷲއެވެ.
ސަރުކާރުގެ ބޮޑު ދެ ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރުން އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވާދަކުރައްވައި ގޮނޑި ކާމިޔާބު ކުރެއްވިއިރު، އެ އިންތިހާބުގައި ވާދަކުރެއްވި ތިން މިނިސްޓަރުން ވެސް ވަނީ އެ ބޭފުޅުން ވާދަކުރެއްވި ދާއިރާތަކުން ކާމިޔާބު ހޯއްދަވާފައެވެ.
އެއީ މެދު އުތުރު ޕްރޮވިންސްގެ ރައީސް ކަމަށް ވާދަކުރެއްވި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފާއި ލ. ގަމު ދާއިރާގެ ރައީސްކަމަށް ވާދަކުރެއްވި އިކޮނަމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލާއި މެދު ދެކުނު ޕްރޮވިންސްގެ ރައީސްކަމަށް ވާދަކުރެއްވި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ.