ސިވިލް ކޯޓުގެ ގާޒީ އަލީ ނަސީރު މެޖިސްޓްރޭޓަކަށް ޑީމޯޓްކޮށްފި

ސިވިލް ކޯޓުގެ ގާޒީ އަލީ ނަސީރު: އޭނާގެ މައްސަލަ ޖޭއެސްސީއަށް ވަނީ ހުށަހަޅާފައި --- ފޮޓޯ/ ރައީސް އޮފީސް

އަދުލު އިންސާފު ގާއިމު ކުރުމުގެ އަސާސީ އުސޫލުތަކާ ޚިލާފުވިކަން ސާބިތުވެ ސިވިލް ކޯޓުގެ ގާޒީ އަލީ ނަސީރު މެޖިސްޓްރޭޓު ކަމަށް ޑީމޯޓް ކޮށްފިއެވެ.

އޭނާ މެޖިސްޓްރޭޓްކަމަށް ޑީމޯޓް ކުރަން ނިންމައިފައިވަނީ މިއަދު ބޭއްވި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ 72ވަނަ ޖަލްސާގައެވެ.

ޖޭސްއެސްސީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ސިވިލް ކޯޓުގެ ގަޒިއްޔާއެއްގައި ހިމެނޭ ޚަސްމުން އެ ދެ ގަޒިއްޔާ ނިންމުމަށް އެދެމުން ދަނިކޮށް، އަހަރު ދުވަސްވެފައިވާ ގަޒިއްޔާއެއް ގާޒީގެ ސެކްޝަނުގައި ނުބޭއްވުމުގެ މަގްސަދުގައި މައްސަލައިގެ ޚަސްމުން އެދިފައިނުވާ ގޮތަކަށް ހުކުމްކޮށް އެ މައްސަލަ ކޯޓުން ބޭރު ކޮށްލައިފައިވާ ކަމަށެވެ.

އެ ކަމަކީ އަދުލުއިންސާފު ގާއިމުކުރުމުގެ އަސާސީ އުސޫލުތަކާ ހިލާފު އަދި ފަނޑިޔާރުގޭގެ މުގައްދަސް ކަމާއި އިތުބާރަށް އެކަމުގެ ސަބަބުން އަސަރުކޮށް ނާޖާއިޒުގޮތުގައި ކޯޓުގެ ނިންމުންތައް ބޭނުންހިފުމުގެ ފުރުސަތު މައްސަލައިގައި ހިމެނޭ ފަރާތްތަކަށް ހުޅުވިގެން ދާފަދަ ކަމެއް ކަމުގައި ވެސް އެ ބަޔާނުގައިވެއެވެ.

ގާޒީ އަލީ ނަސީރުގެ އެ އަމަލަކީ ފަނޑިޔާރުންގެ ގާނޫނުގެ 32ވަނަ މާއްދާގެ (ހ)ގެ ފަސްވަނަ ނަންބަރާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 3.1ވަނަ ނަންބަރާ ހިލާފު އަމަލެއް ކަމުގައި ޖޭއެސްސީގެ ތަހުގީގުން ވަނީ ނިންމައިފައެވެ.

ފަނޑިޔާރުންގެ ގާނޫނުގެ 32ވަނަ މާއްދާގެ (ހ)ގައި ބުނެފައިވަނީ ގާނޫނުއަސާސީއާއި ގާނޫނުން ކަނޑައަޅައިފައިވާ ކަންތައްތައް އިޚްލާސްތެރިކަމާއެކު ފަންފީޒުކޮށް، ފަނޑިޔާރުންގެ އަމަލުތައް ވެސް އެގޮތަށް ބަހައްޓަންވާނެ ކަމަށެވެ.

ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 3.1ވަނަ ނަންބަރުގައި ވަނީ ފަނޑިޔާރުންގެ އަމަލުތައް ބަހައްޓަންވާނީ އެމީހުންގެ ތެދުވެރިކަމާއި އިހްލާސްތެރިކަމާއި އަމާނާތްތެރިކަމާމެދު އާންމުންގެ މެދުގައި ސުވާލު ނުއުފެދޭ މިންވަރަށް ކަމަށެވެ.

މި މައްސަލައިގެ އިތުރުން ވެސް އޭނާގެ ގިނަ މައްސަލަތަަކެއް ޖޭއެސްސީއަށް ހުށަހަޅައިފައިވެއެވެ. އެގޮތުން ދާދިފަހުން ފެންމަތިވި ރިހިވެލި ރިސޯޓުގެ މައްސަލައިގައި ވެސް ހުކުމް ކުރުމުގެ ކުރިން މައްސަލަ ހުށަހެޅި ފަރާތަށް ހުކުމް ކުރާނެގޮތް އެނގިފައިވާ ކަމަށް ބުނެ އަލީ ނަސީރުގެ މައްސަލައެއް ޖޭއެއްސީއަށް ހުށަހަޅައިފައިވެއެވެ.

comment ކޮމެންޓް