ދައުލަތަށް އަނބުރާ ހޯދަން އެދިފައިވާ 29 މިލިއަން ރުފިޔާގެ ތެރެއިން ލިބުނީ 11 ހާސް ރުފިޔާ: އޭސީސީ

މާޗް 28، 2021: އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ އަހަރު ދައުލަތަށް އަނބުރާ ހޯދުމަށް ސަރުކާރުގެ އިދާރާތަކުގައި އެދިފައިވާ 29 މިލިއަން ރުފިޔާގެ ތެރެއިން, އަނބުރާ ލިބިފައި ވަނީ 11 ހާސް ރުފިޔާ ކަމަށް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އޭސީސީން މިއަދު ނެރުނު ރިޕޯޓެއްގައިވާ ގޮތުން އެ ކޮމިޝަނުން ދަލުތަށް އަނބުރާ ފައިސާ ހޯދުމަށްޓަކައި ސަރުކާރުގެ އިދާރާތަކަށް އަށް މައްސަލައެއް ފޮނުވާފައިއެވެ. އަދި އެ މައްސަލަތަކުގައި ހިމެނޭ ޖުމުލަ ފައިސާގެ އަދަދު 29.2 މިލިއަން ރުފިޔާއަށް އަރައިއެވެ.

އޭގެ ތެރެއިން މިހާތަނަށް ދައުލަތަށް ހޯދުނީ 11،000 ރުފިޔާ ކަމަށް އެ ރިޕޯޓުގައިވެއެވެ.

މީގެ އިތުރުން، އޭސީސީން މިދިޔަ އަހަރު ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވި މައްސަލަތަކުގެ ތެރޭގައި ފައިސާ ހިމެނެނީ ހަތް މައްސަލައެއްގައި ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. އެ މައްސަލަތަކުގައި ހިމެނޭ ފައިސާގެ އަދަދު 197 މިލިއަނަށް އަރައެވެ. އަދި އޭގެ ތެރޭގައި ހިމެނޭ ދައުލަތަށް އަނބުރާ ލިބެން ޖެހޭ ފައިސާގެ އަަދަދު ހަތަރު ލައްކައަށް އަރައެވެ.

ނަމަވެސް އެ މައްސަލަތަކާ ގުޅިގެން ޝަރީއަތް މެދުވެރިކޮށް މިހާތަނަށް ދައުލަތަށް އަނބުރާ އެއްވެސް ފައިސާއެއް ލިބިފައި ނުވާ ކަމަށް އޭސީސީގެ ތަފާސްހިސާބުން ދައްކައެވެ.

އޭސީސީގެ ރިޕޯޓުގައިވާ ގޮތުން 2019 ވަނަ އަހަރާ އަޅާ ބަލާ އިރު، މިދިޔަ އަހަރު އެ ކޮމިޝަނަށް ހުށަހެޅި މައްސަލަތަކުގެ އަދަދު ވަނީ 25 ޕަސެންޓު ދަށްވެފައިއެވެ. އަދި އެ ބަދަލު އައީ ކޮވިޑް-19ގެ ސަބަބުން ގައުމު ފުރަބަންދު ކުރުމުން ކަމަށް އެ ކޮމިޝަނުން ލަފާ ކުރިއެވެ.

އޭސީސީގައި ރަޖިސްޓްރީކުރި މައްސަލަތަކުގެ އަދަދު މިދިޔަ އަހަރު މަދުވި ނަމަވެސް، އެ ކޮމިޝަނުން ބަލައި ނިންމި މައްސަލަތަކުގެ އަދަދު އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު 35 ޕަސެންޓު އިތުރުވެފައިވާކަން އެ ކޮމިޝަނުން ފާހަގަކުރިއެވެ.

އެގޮތުން އޭސީސީން 2019 ވަނަ އަހަރު 1،397 މައްސަލަ ރެޖިސްޓާކޮށް، 710 މައްސަލައެއް ބަލައި ނިންމިއެވެ. އަދި މިދިޔަ އަހަރު އެ ކޮމިޝަނުގައި 938 މައްސަލައެއް ރެޖިސްޓާ ކުރި އިރު، ފާއިތުވި އަހަރުތަކުގައި ހުށަހަޅާފައިވާ މައްސަލަތަކާ އެކު 961 މައްސަލަ ބަލައި ނިންމިއެވެ.

އޭސީސީން މިދިޔަ އަހަރު ބަލައި ނިންމި މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ ނާޖާއިޒު ފައިދާ ހޯދައި ދިނުމުގެ މައްސަލަތަކެވެ. އެގޮތުން އެ ބާވަތުގެ 333 މައްސަލައެއް ނިންމާފައިވެއެވެ.

ހަމައެއާއެކު ނާޖާއިރު ފައިދާ އަމިއްލައަށް ހޯދުމުގެ 50 މައްސަލައަކާއި ދައުލަތަށް ފައިދާވާން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލު ކުރުމުގެ 16 މައްސަލައަކާއި ރިޝްވަތުގެ 12 މައްސަލަ އޭސީސީން ނިންމާފައިވެއެވެ.

comment ކޮމެންޓް