ދިގު މުއްދަތަަށް ބޭސް ކާ މީހުންގެ ބޭސް ސިޓީއަށް ދެން ބޭސް ދޫކުރަނީ އެއް ފަހަރު

އާސަންދަ އޮފީސް --- ފޮޓޯ/ ރާއްޖެ އެމްވީ

ދިގު މުއްދަތަަށް ބޭސް ކާ މީހުންގެ ބޭސް ސިޓީއަށް، އަންނަ މަހުން ފެށިގެން ބޭސް ދޫކުރަނީ އެއް ފަހަރު ކަމަށް އާސަންދައިން ބުނެފިއެވެ.

ރާއްޖޭގައި ކޮވިޑް-19ގެ ހާލަތު ގޯސްވުމުން އާއްމުންނަށް ފަސޭހަ ކޮށްދިނުމަށްޓަކައި، ދިގު މުއްދަތަކަށް ބޭސްކާ މީހުންގެ ބޭސް ސިޓީއަށް ދެފަހަރު ބޭސް ނެގޭ ގޮތަށް މިދިޔަ އަހަރު އާސަންދައިން އުސޫލެއް އެކުލަވާލިއެވެ.

ނަމަވެސް މިއަދު އެ ކުންފުނިން ބުނީ، އަންނަ މަހުން ފެށިގެން އެ އުސޫލު ބަދަލު ކުރުމުން، ދެވަނަ ފަހަރަށް ބޭސް ނެގޭނީ ޑޮކްޓަރު އަލުން ބޭސް ސިޓީއެއް ލިޔެދިނުމުން ކަމަށެވެ.

މީގެ އިތުރުން މިދިޔަ އަހަރު ބަދަލު ކުރި އުސޫލުތަކުގެ ތެރޭގައި އުފަންވާ ކުދިންނަށް 28 ދުވަސް ވުމަށް ފަހު ވެސް މަންމަގެ އައިޑީކާޑުން ހިދުމަތް ދެވޭނެ ގޮތް ހެދުން ހިމެނެއެވެ. ނަމަވެސް އަންނަ ނޮވެމްބަރުން ފެށިގެން އެ އުސޫލަށް ވެސް ބަދަލު އަންނާނެއެވެ.

އެހެންކަމުން ކުއްޖާއަށް 28 ދުވަސް ވުމުން އާސަންދަ ސްކީމްގެ ދަށުން ހިދުމަތް ލިބޭނީ ކުއްޖާގެ އައިޑީކާޑަށެވެ.

ހިދުމަތް ހޯދާއިރު އައިޑީކާޑު ފަދަ ތަކެތީގެ ކޮޕީއާއި ފޮޓޯއަށް އާސަންދައިގެ ދަށުން ހިދުމަތް ދިން ނަމަވެސް އެ ކުންފުނީގެ އުސޫލަކީ އެ ތަކެތީގެ އަސްލު ގެންދިއުމުން ހިދުމަތް ދިނުން ކަމަށް އާސަންދައިން ފާހަގަކުރިއެވެ.

އެހެންކަމުން، ހިދުމަތް ހޯދުމަށްޓަކައި ކާޑުގެ އަސްލު ދެއްކުމަށް އެ ކުންފުނިން އެދެއެވެ.

comment ކޮމެންޓް