މަތިވެރީގައި އައިސިސް މެންބަރުން އުޅޭ، އެއްވެސް މީހަކު މަތިވެރިއަށް ދިއުން ރަނގަޅެއް ނޫން: ޖާބިރު

ޖާބިރު -- ފޮޓޯ/ މަޖިލިސް

އއ. މަތިވެރީގައި ހަރުކަށި ފިކުރުގެ ޖަމާއަތެއް ކަމަށްވާ އައިސިސްގެ މެންބަރުން އުޅޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޖާބިރު ވިދާޅުވީ އެއްވެސް ދިވެއްސަކު މަތިވެރިއަށް ދިއުމަކީ މިވަގުތަށް ރަނގަޅު ކަމެއް ނޫން ކަމަށެވެ.

"މަތިވެރީގައި އެބަތިބި އައިސިސް މީހުން. ހައްޔަރުކުރުމަށް ފުލުހުން ހަރަކާތްތެރިވަމުން ދަނީ. މިވަގުތު ރާއްޖޭގެ އެއްވެސް މީހަކު މަތިވެރިއަށް ދިއުން ރަނގަޅެއް ނޫން," ޖާބިރު ވިދާޅުވިއެވެ.

ޖާބިރު އެހެން ވިދާޅުވީ ރޭ އޭނާ މަތިވެރިއަށް ވަޑައިގަތުމުން އެ ރަށު ބަޔަކު އޭނާއަށް ހަމަލާދިން ފަހުންނެވެ.

"މަތިވެރީގެ މީހުންހާ މެހެމާންދާރީ އަދާކުރި ރައްޔިތަކު، އެތާގަ އެބަތިބި އައިސިސް، އެބުނާތަނުން ބޮން ގޮއްވާނެ ގޮތް ދަސްކޮށްގެން އައިސް ތިބި މީހުން،" ޖާބިރު ވިދާޅުވިއެވެ.

ޖާބިރު އިތުރަށް ވިދާޅުވީ މަތިވެރިއަކީ ވަރަށް ކުޑަ އާބާދީއެއް އޮންނަ ރަށެއް ކަން އެރަށުގެ ރައްޔިތުން ގަބޫލުކުރަން ޖެހޭ ކަމަށެވެ. އަދި އެ ރަށުގެ އެންމެ މުއްސަނދި މީހަކީ ވެސް ހުދު އެ ބޭފުޅާ ކަމަށް ޖާބިރު ވިދާޅުވިއެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި ޖާބިރުއަށް ހަމަލާދީފައިވަނީ އެ ރަށުގެ ޒުވާނުންތަކެކެކެވެ. އެރަށުން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި ޖާބިރަށް ހަމަލާދީފައިވަނީ ކައުންސިލްގެ ރައީސަށް ޖާބިރު ދިން ބަހުގެ ހަމަލާތަކަކާ ގުޅިގެންނެވެ.

އެ ރަށުގެ ބައެއް މީހުން މިފަދަ ތުހުމަތުތަކެއް ކުރި ނަމަވެސް މަތިވެރި ކައުންސިލްގެ ރަައީސް އަހުމަދު އަސްލަމް "ސަން"އަށް ވިދާޅުވީ ޖާބިރަށް އެއްވެސް މިންވަރަކަށް އަނިޔާއެއް ދީފައިނުވާކަމަަށެވެ. އަދި އެ ފަދަ އެއްވެސް އަމަލެއް ނުހިންގާނެ ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ޖާބިރަށް ހަމަލާދިން މައްސަލަ ވަނީ ފުލުހުންނަށް ވެސް ހުށަހަޅާފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޖާބިރާއި ރަށުގެ ބައެއް ރައްޔިތުންގެ މެދުގައި ހަމަނުޖެހުންތަކެއް ހިންގައިފައިވާކަމުގެ މައުލޫމާތު ލިބިފައިވާކަމަށެވެ.

comment ކޮމެންޓް