މަރުގެ ތަޙްޤީޤު ކުރުމުގެ ފުރިހަމަ ނިޒާމެއް ޤާއިމްކުރުން

--- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ވޭތުވެދިޔަ އަހަރު ތަކުގެ (2012 އިން 2019) ތެރޭގައި ސުވާލު އުފެދޭފަދަ މަރާއި، ޖިންސީ ގޯނާގެ މައްސަލަތައްވަނީ އިތުރު ވެފައެވެ. މިގޮތުން 67 ގަޞްދުގައި މީހުން މެރުމުގެ މައްސަލައާއި، އަމިއްލައަށާއި ގެނބިގެން މަރުވި 380 މަރާއި، އެހެނިހެން ގޮތްގޮތުން މަރުވި 799 މީހުންނާއި، 7289 ކުޑަކުދިންނާއިގުޅޭ މައްސަލަތަކާއި، 3270 ޖިންސީ މައްސައާއި، 1897 ގެވެށިއަނިޔާގެ މައްސަލައިގެ އިތުރުން 3702 ރޭޕުގެ މައްސަލައާއި 32 މީހުން ގެއްލުމުގެ މައްސަލަ ހުށަހެޅިފައިވެއެވެ. 24 މައްްސަލައެއްގެ މަރުގެ ތަހްޤީޤު ރައީސުލް ޖުމުހޫރިއްޔާ އުފައްދަވާފައިވާ މަރު ކޮމިޝަނުން ތަހްޤީޤު ކުރައްވަމުން ގެންދެއެވެ.

ތުހުމަތު ކުރެވޭ މަރުތައް ދިވެހިރާއްޖޭގައި އިތުރުވަމުން ދިޔަނަމަވެސް މިފަދަ މަރުގެ މައްސަލަތަކާއި ގުޅިގެން ހިންގޭ ތަޙްޤީޤުތަކުގައި ހޯދަންޖެހޭ މުހިއްމު ޙަޤީޤަތްތައް ގިނަ ފަހަރަށް ފުރިހަމަ ގޮތުގައި ހޯދުމަށް ބޭނުންވާ ފުރިހަމަ ވަސީލަތްތައް ދިވެހިރާއްޖޭގައި ޤާއިމްވެފައި ނެތެވެ.

ޤައުމީ ފެންވަރުގައި ފުރިހަމަ ހިއުމެނިޓޭރިއަން ފޮރެންސިކް އަދި މެޑިކޯ ލީގަލް ނިޒާމެއް ނެތުމުގެ ނަތީޖާއަކީ މިފަދަ މައްސަލަތަކާއި ގުޅިގެން އުފެދޭ ސުވާލުތަކަށް ޖަވާބު ނުލިބި، ތަހުޤީޤުތައް ފުރިހަމަނުވެ، ދަޢުވާތައް ސާބިތުނުވެ، އިންސާފު ޤާއިމްނުވުމުގެ ސަބަބުން ދައުލަތާމެދު ޢާއްމު ރައްޔިތުންގެ އިތުބާރު ގެއްލިގެން ދިއުމެވެ. މައްސަލަތަކުގައި ހިމެނޭ ފަރާތްތަކާއި ޢާއިލާ އަދި މުޅި މުޖްތަމަޢަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ދިނުމުގައްޔާއި އަދި ޙައްޤުތައް ރައްކާކޮށްދެވޭނީ ޤައުމީ ފެންވަރުގައި ހަރުދަނާ ނިޒާމެއް ޤާއިމް ކުރެވިގެންނެވެ. އެގޮތުން މިކަމުގައި ހިމެނޭ ހުރިހާ މުއައްސަސާތަކާއި އިދާރާތަކުގެ ބައިވެރިވުމާއި އަދި ޒިންމާތައް ވަކިން ކަނޑައެޅިގެންނެވެ. އަދި ހަމަ އެއާއެކު މުއައްސަސާތަކުގެ ވަސީލަތްތައް ތަރައްޤީކުރެވިގެންނެވެ.

ފުލުހުންނަށް ހުށަހެޅޭ އެކި ބާވަތުގެ މައްސަލަތައް ތަޙްޤިގު ކުރުމުގައްޔާއި ކުރިމަތިވެދާނެ ކާރިސާއެއް ނުވަތަ ޙާދިސާއެއް ނުވަތަ ކުށުގެ ހަމަލާއެއް ފަދަ ޙާލަތްތަކުގައި "މާސް ޑިޒާސްޓަރ ވިކްޓިމް އައިޑެންޓިފިކޭޝަން" އަދި "މެނޭޖްމަންޓް އޮފް ދަ ޑެޑް" އެއީ އެކަމަށް ފުރިހަމަ ނިޒާމެއް ޤާއިމް ވެގެން މެނުވީ ފޮރުކޮށްދެވޭނެ ޚިދުމަތްތަކެއް ނޫނެވެ.

މީގެ އިތުރުންވެސް ތުހުމަތުކުރެވޭ މަރުތައް ތަހްޤީޤުކުރުމުގައި ޖަވާބު ހޯދަންޖެހޭ ކަންކަމުގެ ތެރޭގައި، މަރުވެފައިވާ މީހާގެ ވަނަވަރު ދެނެގަތުމާއި، މަރުވި ވަގުތު ދެނެގަތުމާއި، އަދި މަރުވާން ދިމާވި ގޮތާއި ސަބަބު ދެނެގަތުމަކީ، ކޮންމެހެންވެސް މިދެންނެވިފަދަ ތަހްޤީޤެއް ފުރިހަމަކުރުމަށް ބޭނުންވާ ކަންކަމެވެ. މަރުތައް ތަހްޤީޤުކުރުމާއި، މެނެޭޖްކުރުމަކީ، ކާރިޘާތަކާއި، ޙާދިޘާތަކާއި ގުޅިގެންވެސް ފުލުހުން ކުރަންޖެހޭ މަސައްކަތްތަކެވެ. ދިވެހިރާއްޖެއިން ގެއްލޭ ފަރާތްތަކާއި، ދިވެހި ރާއްޖޭގެ ކަނޑާއި އެއްގަމުގެ ސަރަހައްދުން ފެންނަ މީހުން ދެނެގަތުމަކީވެސް ކުރަންޖެހޭ މަސައްކަތެކެވެ. ނަމަވެސް މިދެންނެވި ކަންކަން އެންމެ ފުރިހަމަ ގޮތުގައި ކުރުމަށް ދިވެހިރާއްޖޭގައި، ފޮރެންސިކް ޕެތޮލޮޖީ ނުވަތަ ފޮރެންސިކް މެޑިކޯ ލީގަލް ޚިދުމަތެއް ޤާއިމްވެފައި ނެތެވެ.

މަތީގައި ބަޔާންކުރެވުނު ސަބަބުތަކަށްޓަކައި، 2012 ވަނަ އަހަރުންފެށިގެން ފޮރެންސިކް ޕެތޮލޮޖީގެ ޚިދުމަތެއް ވުޖޫދަށް ގެނައުމަށް މޯލްޑިވްސް ޕޮލިސް ސާރވިސް އިން އިސްނަގައިގެން، ސަރުކާރުގެ ކަމާއިބެހޭ އެހެނިހެން މުއައްސަސާތަކުގެ އެހީތެރިކަމާއެކު މަސައްކަތްތަކެއް ވަނީ ކުރެވިފައެވެ. މިގޮތުން ޚުލާޞާގޮތެއްގައި މިހާތަނަށް ކުރެވިފައިވަ މަސައްކަތްތައް ބަޔާންކުރަމެވެ.
1. ސައުތު އެފްރިކާގެ ފޮރެންސިކް ޕެތިލޮޖިސްޓެއްކަމުގައިވާ ޑރ. ހެންޑްރިން ސްކޯލްޒް ގެ ފަންނީ ލަފާހޯދައި، މިޚިދުމަތް ޤާއިމްކުރުމަށް، ކަމާއިބެހޭ ފަރާތްތަކާއެކު މަޝްވަރާކޮށް، ޕްލޭނެއް އެކުލަވާލުން؛
2. ރާއްޖޭގެ ދެ ޑޮކްޓަރަކު، ސްރީލަންކާގެ ސަރުކާރުގެ އެހީގައި މިދާއިރާއިން ތަމްރީންކުރުން؛
3. ހެލްތު މިނިސްޓްރީއާއި، މޯލްޑިވްސް ޕޮލިސް ސާރވިސް އާއި ދެމެދު ވެވޭ ފަހުމު ނާމާއެއްގެ ދަށުން، ދެފަރާތްތުގެ ބައިވެރިވުން އެކުލެވޭ ފޮރެންސިކް ޕެތޮލޮޖީގެ ޚިދުމަތެއް ޤާއިމްކުރުމަށް މަޝްވަރާކޮށް، ފަހުމު ނާމާއެއްގެ ދެލޮކޮޕީއެއް ތައްޔާރުކުރުން؛
4. ފުހުންގެ ޤާނޫނުން ބާރު ލިބިގެން ހަދާ ޤަވާއިދެއްގެ ގޮތުގައި ފޮރެންސިކް ޕެތޮލޮޖީގެ ޚިދުމަތް ދިނުމަށްޓަކައި، ޤަވާޢިދެއް ފަރުމާކޮށް، ދެލިކޮޕީއެއް އެކުލަވާލުން؛
5. ޔޫ.އެން.ޑީ.ޕީ ގެ އެހީގައި ސީނިއަރ ފޮރެންސިކް ޕެތިލޮޖިސްޓަކު ހޯދުމުގެ މަސައްކަތްކުރުން؛
6. 2015 ވަނަ އަހަރު، ފާސްކުރެވުނު ޞިއްޙީ ޚިދުމަތުގެ ޤާނޫނުގައި ފޮރެންސިކް ޕެތޮލޮޖީގެ ޚިދުމަތެއް ޞިއްޙީ ޚިދުމަތުގެ ޤައުމީ ނިޒާމުގައި ޤާއިމްކޮށް، ރެގިއުލޭޓް ކުރުމުގައި އިޚްތިޔާރާއި ބާރު ހެލްތު މިނސްޓަރަށް ޤާނޫނުގައި ދެއްފައިވާފައިވާތީ، ޤަވާއިދެއް ދެލިކޮޕީ މިނިސްޓްރީއަށް ފޮނުވުން؛
7. ހެލްތް މިނިސްޓްރީ އިން ދިވެހިރާއްޖޭގައި ފޮރެންސިކް ޕެތޮލޮޖީގެ ޚިދުމަތް ދިނުމާއިބެހޭ ޤަވާއިދެއްގެ ދެލިކޮޕީ އެޓަނީ ޖެނެރަލް އޮފީހަށް ފޮނުއްވުން؛
މޯލްޑިވްސް ފޮރެންސިކް ސްޓޭކްހޯލްޑަރ މީޓިންގ;
މިބައްދަލުވުމަކީ، އިންޓަނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑްކްރެސެންޓް އާއި، ދިވެހި ރެޑް ކްރެސެންޓާއި، މޯލްޑިވްސް ޕޮލިސް ސާރވިސް އާއި ގުޅިގެން 2019 މާރޗް 12 - 13 ވަނަ ދުވަހުގެ ނިޔަލަށް "ހިއުމެނިޓޭރިއަން ފޮރެންސިކް އިން ދަ މޯލްޑިވްސް: ޕްރިއޮރިޓީސް އެންޑް ވޭ ފޯވާޑް" ގެ ނަމުގައި ކުރިޔަށް ގެންދިޔަ ވޯކް ޝޮޕް ބައްދަލުވުމެވެ. މި ވޯކްޝޮޕްގައި މަޝްވަރާކުރެވުނު ކަންކަމުގެ ތެރޭގައި މަރުތައް މެނޭޖް ކުރުމަށްޓަކައި ދިވެހިރާއްޖޭގައި ޤާއިމް ކުރުމަށް ބޭނުންވާ މޯޗަރީ އާއި، އެމްބާމް ކުރުމާއި، ޑިޒާސްޓަރ ވިކްޓިމް އައިޑެންޓިފިކޭޝަން ގެ ޚިދުމަތާއި، ފޮރެންސިކް ޕެތޮލޮޖީ ނުވަތަ ފޮރެންސިކް މެޑިކޯ ލީގަލް ގެ ޚިދުމަތް ޤާއިމް ކުރުމަށްޓަކައި، ބޭނުންވާ މުހިއްމު ބައެއް ނިންމުންތައް ނިންމުމަށް ބޭނުންވާ ފަންނީ ކަންކަމާމެދުވަނީ މަޝްވަރާކުރެވި، އެކްޝަން ތަކެއްވަނީ ކަނޑައެޅިފައެވެ.

14 މާރޗް 2019 ވަނަ ދުވަހު، ފާއިތުވި 2 ދުވަހުގެ ބައްދަލުވުމުން ފާހަނގަވި ކަންކަމުގެ މައްޗަށް، މިނިސްޓްރީ އޮފް ހެލްތާއި، ދިވެހި ރެޑް ކްރެސެންޓާއި، އިސްލާމިކް މިނިސްޓްރީއާއި، މޯލްޑިވްސް ޕޮލިސް ސާރވިސް އަދި އައި.ސީ.އާރ.ސީ ގެ މެދުގައި ބައްދަލުވުމެއް ވަނީ ބޭއްވިފައެެވެ. އެބައްދަލުވުމުގައި، ފުލުހުންގެ އެހީތެރިކަމާއެކު، ހެލްތް މިނިސްޓްރީ އިން މިމުޅި ޕްރޮޖެކް ލީޑް ކުރުމަށް ނިންނި، ގައުމީ ސްޓެއިރިން ކޮމިޓީއެއް އެކުލަވާލައި، އައި.ސީ.އާރ.ސީގެ އިރުޝާދާއެކު ސޯސަލް ކައުންސިލްއަށް މިކަން ހުށަހަޅާ ނިންމަވާ ގޮތެއްގެމަތީން މުޅި ޕްރޮޖެކް ކުރިޔަށްގެންގޮސް ތަންފީޒުކުރުމަށްވަނީ ނިންމިފައެވެ.

މެޑިކޯ ލީގަލް މަރު ތަޙްޤީޤު ކުރުން: މުޖްތަމަޢުގައި ހިނގާ ގިނަ މަރުތަކަކީ ތަޙްޤީޤުކުރުމަށް ހުށަނޭޅޭ މައްސަލަތަކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ހުށަހެޅޭ މަރުތަކުގެ ތެރެއިން %10 - %20 މަރުތަކަކީ ތަޙްޤީޤުކުރުމަށް ހުށަހަޅަންޖެހޭ މަރުތަކެވެ. ޢާއްމުންނަށް މިފަދަ ތަޙްޤީޤުކުރަންޖެހޭ މައްސަލަތައް ރިޕޯޓް ކުރުމުގެ އިޚްތިޔާރު ލިބިގެންވީނަމަވެސް، މިފަދަ މައްސަލަތައް ރިޕޯރޓްކުރުމުގެ ޚާއްޞަ ޒިއްމާ ޑޮކްޓަރުންނާއި، ފުލުހުންގެ މައްޗަށް އޮވެއެވެ. ރިޕޯރޓް ކުރަންޖެހޭ މަރުތަކަކީ، "ތުހުމަތުކުރެވޭ" މަރުތަކަށް ވުރެ ބޮޑަށް މަރުވި ސަބަބު ނޭގޭ މަރުތަކާއި، ޑޮކްޓަރަކަށް މަރު ސެޓްފިކެޓް ނުދެވޭނެ މަރުތަކާއި، ކާކުކަން ނޭގޭ ފަރާތްތައް މަރުވާ ޙާލަތުގަޔާއި، އެކްސިޑެންޓަކުން ނުވަތަ އަނިޔާއެއް ވެގެން މަރުވާފަރާތްތަކާއި، މަސައްކަތުގެ މާހައުލުގައި މަރުވާ މީހުންގެ މަރުތަކާއި، ޖަލާއި ކަސްޓަޑީގައި އަދި ފުލުހުންގެ މަސްއޫލިއްޔަތުގައި އުޅެނިކޮށް މަރުވާ މައްސަލަތަކާއި، ޑްރަގް އޯވަރ ޑޯޒް ވެގެންނާއި އަމިއްލައަށް މަރުވުންފަދަ ތަޙްޤީޤު ކުރުމަށް ރިޕޯރޓް ކުރަންޖެހޭ މަރުތަކެވެ.
ކޮރޯނިއަލް ނިޒާމް: މަރުތައް ތަޙްޤީޤުކުރުމުގެ ކޮރޯނަރ ނިޒާމުގައި ފޮރެންސިކް ޕެތޮލޮޖިސްޓުންގެ ހޯދުންތަކާއި، މަރުވި ސަބަބުފަދަ ޙަޤީޤަތްތައް ކޮރޯނާރއަށް ހުށަހަޅައެވެ. މަރާއި ގުޅުންހުރި ހޯދުންތަކުގެ ތެރޭގައި، މެޑިކަލް ހިސްޓްރީއާއި މަރުވުމަށް މެދުވެރިވުމުގައި ވަށައިގެން ހިނގާދިޔަ ވާގިޢާތަކާއި، މެޑިކަލް ޕްރޮސީޖާ ތަކާއި، ޕޯސްޓް މޯޓަމް އެގްޒަމިނޭޝަންގެ ނަތީޖާއާއި، ލެބް ރިޕޯރޓްތަކާއި، ޕޯސްޓް މޯޓަމް ސީ.ޓީ ނުވަތަ އެމް.އާރ.އައި ސްކޭނާއި، ޓޮކްސިކޮލޮޖީގެ ނަތީޖާ ތަކާއި، މައިކްރޯ ބައިލޮޖީ އަދި ހިސްޓޯޕެތޮލޮޖީގެ ނަތީޖާތައް ހިމެނެއެވެ. ކާކުކަން ނޭގޭ މީހެއްނަމަ، ޑީ.އެން.އޭ އާއި ފޮރެންސިކް އޮޑޮންޓޮލޮޖީ އަދި ފޮރެންސިކް އެންތްރޮޕޮލޮޖީގެ އެހީގައި ކާކުކަން ދެނެގަނެވޭނެއެވެ.
މެޑިކަލް އެގްޒަމިނަސް ނިޒާމް: މިނިޒާމުގައި ރިޕޯރޓް ކުރެވޭ މަރުތައް ތަހްޤީޤްކުރުމުގެ ޒިންމާ ޗީފް މެޑިކަލް އެގްޒަމިނަރ އަށް މަތި ކުރެވެއެވެ. މިގޮތުން ޤައުމީ ފެންވަރުގައި، ނުވަތަ ސިޓީ ފެންވަރުގައި، ނުވަތަ ރީޖަނަލް ފެންވަރުގައި ޒިއްމާދާރު ކުރުވައެވެ.
ރިފަރަލް ނުވަތަ ކޮންޓިނަންޓަލް ނިޒާމް: މިނިޒާމުގައި ކޮރޯނަރ، މެޑިކަލް އެގްޒަމިނަރ އަށް މަރުގެ ޙަޤީޤަތްތައް ހޯދައި ރިޕޯރޓްކުރުމަށް އެދެއެވެ.
ބަޔާންކުރެވުނު ނިޒާމްތަކަށް ނަޒަރު ހިންގާއިރު، އެމެރިކާގައި ބޮޑަށް ޢާއްމު ވެފައިވަނީ، މެޑިކަލް އެގްޒަމިނަރގެ ނިޒާމެވެ. ޔޫ.ކޭ އަދި އޮސްޓްރޭލިއާ ގައި އޮތީ ކޮރޯނަރގެ ނިޒާމެވެ. ޔޫރަޕުގެ ޤައުމުތަކުގައި ގިނައީ ކޮންޓިނަންޓަލް ނުވަތަ މަސްހުނިވެފައިވާ ނިޒާމެކެވެ.
ފޮރެންސިކް މެޑިސިން ނުވަތަ ފޮރެންސިކް ޕެތޯލޮޖީގެ ދާއިރާގައި ޓެކްނޮލޮޖީ ކުރިއަރަމުން އަންނަ އަވަސް މިނަށް ބަލާއިރު، ސްކޭނަށް ބަރޯސާވާ މިންވަރު ދަނީ އިތުރު ވަމުންނެވެ. މިގޮތުން ޕޯސްޓް މޯޓަމް އެގްޒަމިނޭޝަނަށް ހުށަހެޅޭ މަރުތަކުގެ ތަހްޤީޤުގެ ފުރަތަމަ މަރުޙަލާގައި މުޅި ހަށިގަނޑު ސީ.ޓީ ނުވަތަ އެމް.އާރ.އައި ސްކޭނެއް ހެދުމަށްފަހު، ނަތީޖާތަކާއި، ހޯދުންތަކަށްބަލައި، މަރުވި ސަބަބު ދެނެގަނެވިއްޖެނަމަ، ޒަމާނުއްސުރެ ހަށިގަނޑު ފަޅައިގެންކުރާ އޮޓޮޕްސީ ނަހަދައި އެމަސައްކަތް ނިއްމާލެވެއެވެ. ނުވަތަ އެންމެ ކުޑަ މިންވަރަށް ފަޅައި، ސާމްޕަލްނަގައި ތަޙްލީލްކުރުމަށް ހުށަހަޅައި، އިތުރަށް ހަށިގަނޑު ނުފަޅައި ނިންމާލަނީއެވެ. މި ސަބަބާހުރެ ފޮރެންސިކް ރޭޑިއޯލޮޖީގެ ދައުރު އަންނަނީ ވަރަށް ބޮޑަށް މުހިއްމުވެ ފުޅާވަމުންނެވެ.

ވަރަށް ގިނަ ޤައުމުތަކުގެ ޖިނާއީ އިޖްރާއަތުގެ ޤާނޫނުގައި ތަޙްޤީޤުކުމަށް ހުށަހަޅާ މަރުތައް ތަޙްޤީޤު ކުރުމުގެ އިޖްރާއަތްތައް ބަޔާންކޮށްފައިވެއެވެ. އަދި ޞީއްޙީ ޚިދުމަތުގެ ނިޒާމާއި މުޅިން ވަކިނުވެ ފޮރެންސިކް މެޑިސިން ނުވަތަ ފޮރެންސިކް ޕެތޮލޮޖީގެ ޚިދުމަތް ހޯދޭނެ އިންތިޒާމް ހަމަޖައްސާފައިވެއެވެ. ޕޯސްޓް މޯޓަމް އެގްޒަމިނޭޝަން ނުވަތަ އޮޓޮޕްސީ ހެދުމަކީ ޖިނާއީ ތަޙްޤީޤު ފުރިހަމަ ކުރުމަށާއި، ތަޢުލީމާއި ތަމްރީން ޙާޞިލް ކުރުމަށާއި، ޢާއްމުވާ ޞިއްޙީ ބޮޑު ބަލިމަޑުކަމެއް ދެނެގަނެ ޢާއްމު ރައްޔިތުން އެބަލިން ސަލާމަތް ކުރުމަށްޓަކައި، އިސްލާމީ ގިނަ ގައުމުތަކުގައި ޤާނޫނުން ކަނޑައަޅުއްވާފައިވާ ކަމެކެވެ. އިސްލާމީ ޝަރީޢަތުގެ މަޤުޞަދުތައް ޙާޞިލްކުރުމަށާއި، ޢަދުލު އިންޞާފު ޤާއިމްކުރުމަށް އޮތް ވަރަށް ވަރުގަދަ ޒަމާނީ ވަސީލަތަކަށް މިމަސައްކަތް ވާތީއެވެ.


2015 ވަނަ އަހަރު ތަޞްދީޤުކުރެވުނު ޞިއްޙީ ޚިދުމަތުގެ ޤާނޫނުގައި، ހެލްތު މިނިސްޓަރަށް ޤައުމީ ޞިއްޙީ ޚިދުމަތުގެ ނިޒާމުގެ ތެރޭގައި ފޮރެންސިކް ޕެތޮލޮޖީގެ ޚިދުމަތެއް ރެގިއުލޭޓްކޮށް ޤާއިމްކުރުމުގެ ޒިންމާ މަތިކޮށްފައިވާތީ، ސޯޝަލް ކައިންސިލްއިން ނިންމަވާ ގޮތެއްގެ މަތިން މިޚިދުމަތް ޤާއިމްކުރުމަށް ޤައުމީ ފެންވަރުގައި މަސައްކަތް ކުރެވިދާނެއެވެ. މިގޮތުން މިނިޒާމް ޤާއިމް ކުރުމުގެ ޕްރެޖެކް ޤައުމީ ތަރައްޤީގެ ޕްލޭނުގައި ހިމެނިވައިވެސް ވެއެވެ. އަދި ފުލުހުންގެ އެހީތެރިކަމާއެކު، މިމަޝްރޫޢު ކުރިޔަށް ގެންދިއުމުގެ އިސްފަރާތަކީ ހެލްތު މިނިސްޓްރީ ކަމުގައި ކަނޑައެޅުން މުހިއްމު ކަމުގައި ދެކެމެވެ.

ގުޅޭ ޓެގު
comment ކޮމެންޓް