ރައީސް ސޯލިހް ނިއުޔޯކަށް ވަޑައިގަންނަވައިފި

ރައީސް ސޯލިހް އާއި ފަސްޓް ލޭޑީ ފަޒްނާ އަހްމަދް، ނިއުޔޯކްގެ ޖޯން އެފް ކެނެޑީ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ---

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް، އ.ދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގައި ބައިވެރިވެވަޑައިގަތުމަށް އެމެރިކާގެ ނިއުޔޯކަށް ވަޑައިގެންފިއެވެ.

ނިއުޔޯކްގެ ޖޯން އެފް ކެނެޑީ އިންޓަރނޭޝަނަލް އެއަރޕޯޓަށް ވަޑައިގަތުމުން ރައީސުލްޖުމްހޫރިއްޔާއަށް މަރުޙަބާ ދެންނެވީ އ.ދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގެ ރައީސްގެ މަގާމުގައި ހުންނެވި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި، އެމެރިކާއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަދި، އެކުވެރި ދައުލަތްތަކުގެ ޖަމުއިއްޔާއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ތިލްމީޛާ ހުސައިންއެވެ.

އ.ދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގައި ރައީސުލްޖުމްހޫރިއްޔާ ތަގްރީރު ކުރެއްވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 21 ވާ އަންގާރަ ދުވަހުގައެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އަނބިކަނބަލުން ފަޒްނާ އަހްމަދާއި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެ ވަޑައިގަންނަވައެވެ.

ރައީސުލްޖުމްހޫރިއްޔާ އެމެރިކާގެ ނިއުޔޯކަށް ކުރައްވާ މިދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ 2021 ސެޕްޓެންބަރު 28 ވަނަ ދުވަހުއެވެ.

comment ކޮމެންޓް