މަގުތައް ހަދާފައި ވަނީ ވީލްޗެއާ އަށް ވަދެވޭ ގޮތަށްތޯ ބަލަނީ

ހިއުމަން ރައިޓްސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ/ އެޗްއާރްސީއެމް

މާލެ ސަރަހައްދުގެ މަގުތަކާއި އިމާރާތްތައް ހަދާފައިވަނީ ވީލް ޗެއާރ ބޭނުންކުރަންޖެހޭ ފަރާތްތަކަށް ވަދެ ނިކުމެވޭ ގޮތައް ތޯ ބެލުމަށް ކުރު ދިރާސާގެ ސާވޭ މަސައްކަތް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް)އިން ފަށައިފިއެވެ.

މިއަދާއި މާދަމާ އަދި ހޯމަ ދުވަހު ކުރިއަށް ގެންދަން ހަމަޖެހިފައިވާ މި ސާވޭގެ މަސައްކަތް ކުރާނީ ކޮމިޝަންގެ ރިސާޗް ޓީމްތައް ކަމަށް އެ ކޮމިޝަނުން މައުލޫމާތު ދެއްވައެވެ.

މި ސާވޭ ކުރުމަށް މާލެ، ހުޅުމާލެ، އަދި ވިލިނގިލީގެ އެކި ސަރަހައްދު ތަކުގައި ރިސާޗް ޓީމުން ހަރަކާތްތެރިވަމުން ގެންދާނެ އެވެ.

މި ސާވޭ ކުރުމަށް މައުލޫމާތު އެއްކުރާނީ މަގުމަތިން ކަމަށް ވުމުން އެއްވެސް ގެއަކަށް ޓީމްތައް ނުވަންނާނެއެވެ. އަދި މީހުންނާ ސުވާލު ކޮށްގެން މައުލޫމާތު އެއްކުރުމެއް ވެސް ނޯންނާ ކަމަށް އެޗްއާރްސީއެމް އިން ބުނެއެވެ.

މި ސާވޭއިން ގުރޭޓާ މާލޭ ސަރަހައްދުގެ މިހާރުގެ ހާލަތު އެނގޭނެއެވެ. އެހެންކަމުން މި ދިރާސާއިން ލިބޭ މައުލޫމާތު ދިރާސާ ރިޕޯޓެއްގެ ގޮތުގައި އެކުލަވާލަން ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން، ރިޕޯޓާއެކު ދައުލަތުގެ ކަމާ ގުޅުންހުރި އިދާރާތަކަށް ފާހަގަކުރެވުނު ކަންކަން ހިއްސާ ކޮށް، ހުށަހެޅުންތައް ހުށަހެޅިގެންދާނެއެވެ. އަދި މީގެ އިތުރުން މި ދިރާސާއިން ލިބޭ މައުލޫމާތު ކޮމިޝަންގެ އެހެނިހެން މަސައްކަތްތަކުގައި ބޭނުން ކުރެވޭނެ ކަމަށް އެ ކޮމިޝަނުން ބުނެއެވެ.

މިސާވޭ ކުރުމުގައި ހަރަކާތްތެރިވާނީ ހިއުމަން ރައިޓްސް ކޮމިޝަންގެ މުވައްޒަފުންނެވެ.

comment ކޮމެންޓް