އިސްލާމީ ފަތުވާދޭ އެންމެމަތީ މަޖިލީހަށް ކުރިމަތިވާ ގޮންޖެހުންތައް

އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ މަޖިލީހުގެ ނައިބް ރައީސް ޝައިހް އިބްރާހިމް އަހުމަދް ވާހަކަ ދައްކަވަނީ --- ސަން ފައިލް ފޮޓޯ

ސައިންސާއި ޓެކްނޮލޮޖީއަށް އަންނަމުންދާ ކުރިއެރުމާއި އެ ކުރިއެރުން އަންނަ އަވަސްކަމާ މެދު ދެބަސްވެވޭކަށް ނެތެވެ. މިކަމުގެ ސަބަބުން މީހުންގެ ދިރިއުޅުމަށް ބޮޑެތި އިޞްލާޙީ ބަދަލުތައް އާދެއެވެ.

އަނެއްކޮޅުން، އިންސާނީ ޙަޔާތަށް މީގެ ސަބަބުން ނޭދެވޭ އަސަރުވެސް ކުރެއެވެ. މިގޮތުން އިޖްތިމާޢީ އަދި ސަގާފީ ކަންކަމަށް އަސަރު ފޯރައެވެ. ނަތީޖާއަކީ ތަފާތު ދީނީ މައްސަލަތައް ކުރިމަތި ވުމެވެ. ޑރ. ޔޫސުފުލްޤަރުޟާވީ ވިދާޅުވާ ގޮތުގައި މިދެންނެވި ސަބަބުތަކަށްޓަކައި، ޝަރުޢީ ނައްޞު ތަކުގެ މާނަ ދެނެގަތުމަށްޓަކައި، ޒަމާނީ މައްސަލަތަކުގެ ހަގީގަތް ދެނެގަތުމުގެ އިލްމު މުހިއްމެވެ. މިގޮތުން ފިޤުހު އިލްމުވެރިންވަނީ ޒަމާނާއި ހާލަތަށް ރިޢާޔަތްކޮށް ފަތުވާތައް ބަދަލުވުމާމެދު ވާހަކަ ދައްކަވާފައެވެ.

މިއަދުގެ ޙާލަތަށް ބަލާއިރު، އަލަށް ކުރިމަތިވާ ސުވާލުތަކާއި މައްސަލަތަކަށް ފަތުވާ ނެރުމުގައި، މުފްތީން ބޭނުންފުޅު ކުރައްވާ އެއް ވަސީލަތަކީ ސައިންސާއި ޓެކްނޮލޮޖީގެ ޒަރީޢާއިން ލިބޭ އައު މަޢުލޫމާތެވެ. މިގޮތުން ފަތުވާ ނެރުމުގައި މިފަދަ ކުރިއެރުންތަކުން ލިބޭ މަޢުލޫމާތުގެ އެހީގައި ފަތުވާ ނެރުމަށް އެހީތެރިވެދެއެވެ.
ދިވެހި މުޖްތަމަޢަށް ކުރިމަތިވާ ޒަމާނީ މައްސަލަތަކުގައި ޢަމަލުކުރާނެގޮތް ބަޔާންކުރުމުގައި ފަތުވާދޭ މަޖްލިހުގެ ދައުރު ވަރަށް މުހިއްމެވެ. އެހެންކަމުން ފަތުވާ ދޭ މަޖްލިހަށް ސައިންސާއި ޓެކްނޮލޮޖީގެ ކުރިއެރުމުގެ ސަބަބުން ގޮންޖެހުން ކުރިމަތިވޭތޯ ބަލައި، މިފަދަ ގޮންޖެހުންތަކަށް އޮތް ހައްލަކީ ކޮބައިތޯ މިލިޔުމުގައި އަލިއަޅުވާލެވިފައިވާނެއެވެ.

ގާނޫނު ނަމްބަރު 1994/6 (ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤާނޫނު) އަށް ދެވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު 2016/6) އިން، ކުރިން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ދަށުން ހިންގަމުންއައި ފިޤްހު އެކަޑަމީ ގެ ބަދަލުގައި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖްލިސް ގެ ނަމުގައި އޮފީހެއް އުފެދުނެވެ. އެއީ މިނިސްޓަރަށް ޖަވާބުދާރީވާ މިނިސްޓްރީގެ ދަށުން ހިންގޭ ދައުލަތުގެ ވަކި އިދާރާއެކެވެ. މަސްއޫލިއްޔަތުތައް ވަރަށްވެސް ބޮޑުވެފައި ފުރިހަމައެވެ. ނަމަވެސް މަޖްލިސް އެކުލަވާލުމަށް ރޭވިފައިވާ ތަރުތީބާއި، މެންބަރުން ކަނޑައެޅޭ ދާއިރާތަކާއި ޝަރުތުތަކަށް ބަލައި ވިސްނާއިރު، ޤާނޫނުގައި ކަނޑައެޅިފައިވާ މަޤުޞަދުތައް ޙާޞިލުވެދާނެކަމާމެދު ސުވާލު އުފެދެއެވެ. މީގެ އިތުރުން މެންބަރުން ޢައްޔަންކުރެވިފައިވާ ގޮތުގެ ތާރީޚަށް ބެލުމުންވެސް މިދެންނެވި މަގުން ކަންކަން ހިނގާކަން ފާހަނގަވެއެވެ.

އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖްލީހުގެ މަސްއޫލިއްޔަތުތަކަށް ބަލާއިރު، ދައުލަތުގެ މުއައްސަސާތަކުން މަޖްލިހުގެ ލަފަޔަށް އެދޭ ދީނީ ކަންކަމުގައި، އެމުއައްސަސާތަކަށް ބޭނުންވާ އިސްތިޝާރީ ލަފާ ފޯރުކޮށްދޭ ގޮތަށް މި ޤާނޫނު އޮތުމަކީ ވެސް މި ޤާނޫނުގެ މަގްސަދު ހާސިލްވާނެކަމާމެދު ސުވާލުއުފެދޭ ކަމެކެވެ. މި މާއްދާއިން ކަނޑައަޅާފައިވާ އުޞޫލުގެ ސަބަބުން ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރެވޭނެތޯ ސުވާލު އުފެދެއެވެ.
މިސާލަކަށް ދަންނަވަނީނަމަ، ރައްޔިތުންގެ މަޖްލިހުން ނުވަތަ ސަރުކާރުން ތަޢާރަފުކުރާ ނުވަތަ ފާސްކުރާ ނުވަތަ ހުށަހަޅާ ބިލެއް ނުވަތަ ޤާނޫނެއްގައި އޮތް ރައްޔިތުންގެ މެދުގައި ކަންބޮޑުވުން އޮތް ނުވަތަ ދެބަސްވުން އޮތް ކަމެއްގައި، އިސްލާމީ ފަތުވާދޭ އެންމެމަތީ މަޖްލިހުގައި އިސްތިޝާރީ ލަފަޔަކަށް އެދިފައި، ފަތުވާގައި ވަކި ގޮތަކަށް ޢަމަލުކުރާން އޮތްކަމުގައި ވީނަމަވެސް ރައްޔިތުންގެ މަޖްލިހުން އެއީ ލަފައެއް ކަމަށް ބަލައި އެއަށް ޢަމަލުނުކުރާނަމަ، ދިވެހިރައްޔިތުންގެ މެދުގައި ދީނީ އެއްބައިވަންތަކަން ދެން ޙިމާޔަތްކުރާނީ ކޮން މޭރުމަކުންތޯއެވެ؟ ޤާނޫނު ހަދާ މަޖްލިހަށް ޤާނޫނީ ލަފާދޭން ޤާނޫނުން ލާޒިމްކޮށްގެން ކައުންސެލް ޖެނެރަލަކު ހުންނަ އިރު، ޤާނޫނު އަސާސީގައި އިސްލާމީ ޝަރީއަތާއި ޚިލާފު ގާނޫނެއް ނުހެދޭނެކަމަށް އޮންނާތީ، ރައްޔިތުންގެ މަޖްލިހުން ހަދާ ގާނޫނުތަކަށް ބޭނުންވާ އިސްލާމީ ޝަރީއަތާގުޅޭ ލަފާތައް ދިނުމަށާއި، އިސްލާމީ ޝަރީއަތާއި ޚިލާފު ގާނޫނެއް ނުހެދޭކަން ކަށަވަރުކުރުމަށް މަތީ ފެންވަރުގެ އިލްމުވެރިއަކު ރައްޔިތުންގެ މަޖްލިހުގައި ބެހެއްޓުން މާއައުލާކަން ބޮޑު ނޫންތޯއެވެ؟ ނުވަތަ އިސްލާމީ ފަތުވާދޭ އެންމެމަތީ މަޖްލިހުގެ ފަތުވާއަށް ޢަމަލުކުރެވޭނެ އުސޫލެއް ކަނޑައެޅިފައި އޮތުން މުހިއްމު ނޫންތޯއެވެ؟

ހަމަ މިމޭރުމުން ބަލާއިރު، ޖަހްރިއްޔަ (ބާރަށް ކިޔަވާ) ނަމާދުގައި ސޫރަތުލްފާތިޙާ ކިޔަވާން ފަށާހިނދު ''ބިސްމި" ބާރަށް ކިޔުމާބެހޭ ގޮތުން 2018 ވަނަ އަހަރު ނެރެފައިވާ ފަތުވާއާއި، އަންހެނުން ފަނޑިޔާރުކަން ކުރުމާބެހޭ ގޮތުން އިސްލާމީ ޝަރީއަތުގައި އޮންނަގޮތާއި ބެހޭ ގޮތުން ނެރެފައިވާ ފަތުވާއަށް ޢަމަލުކުރެވިފައި ނުވެއެވެ. އެހެންކަމުން މިކަންކަމުން އެނގެނީ، ޤާނޫނުގެ ރޫޙާ އެއްގޮތަށް ޢަމަލުކުރެވިފައި ނުވާކަމެވެ. ޚާއްޞަކޮށް މިސްކިތްތަކުގައި އިމާމްވެ ނަމާދުކުރާ އިމާމުންގެ ކަންކަން ބަލަހައްޓާ ފަރާތަކީ، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށް ވާހިނދު ވެސް، ފަތުވާއަށް ޢަމަލު ކުރެވިފައި ނުވާތީ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖްލިސް އުފެއްދުމުގެ މަޤުޞަދު ޙާޞިލްވުމާމެދު ސުވާލު އުފެދެއެވެ.

މި މައުޟޫއަށް އިތުރަށް ނަޒަރު ހިންގާއިރު، އެކި ޒަމާންތަކުގައި އެއް މައްސަލައަކަށް ތަފާތު ފަތުވާ، ފަތުވާދޭ އެކި ގައުމުތަކުގެ މުއައްސަސާތަކުން ނެރެފައިވާތަން ފެންނަން އެބަހުއްޓެވެ. އެއް ނަޒަރަކުން ބަލާއިރު، މިއީ ސައިންސާއި ޓެކްނޮލޮޖީގެ ކުރިއެރުންތަކުން ލިބޭ މަޢުލޫމާތުގެ ސަބަބުން ދިމާވާ ގޮންޖެހުމެއް ކަމަށް ދެންނެވިދާނެއެވެ.

މިސާލަކަށް؛ އަންހެންކުދިން ޚިތާނު ކުރުމުގެ މައްސަލާގައި، ކުރިން ނެރެފައިވާ ފަތުވާ އާއި ފަހުން ނެރެފައިވާ ފަތުވާތަކުގައި ޚިލާފު އެބަހުއްޓެވެ. ސިގިރޭޓް ބުއިމުގެ މައްސަލާގައިވެސް މިފަދައިން އަމަލުކުރެވެފައިވެއެވެ. މައްޔިތާ ތަޙްނީޠް (އެމްބާމް) ކުރުމާއި، ޕޯސްޓް މޯޓަމް އެގްޒަމިނޭޝަން ނުވަތަ އޮޓޮޕްސީ ހެދުމުގެ މައްސަލައިގައިވެސް ޢިލްމުވެރިންގެ ފަތުވާތަކުގައި ކުދިކުދި ޚިލާފުތައް އެބަހުއްޓެވެ. އާދެ! އެހެން ނަޒަރަކުން ބަލާއިރު، ކުރިން ޢިލްމުވެރިންނަށް ހާމަނުވާ ވަރަށް ގިނަ ހަގީގަތްތައް މެޑިކަލް ސައިންސާއި ފޮރެންސިކް ސައިންސްގެ އަލީގައި ޢިލްމުވެރިންނަށް ލިބުމުގެ ނަތީޖާއަކީ، މިދެންނެވިފަދަ މައްސަލަތަކުގައި ޢިލްމުވެރިން ނެރޭ ފަތުވާތައް ޒަމާނަށާއި ޙާލަތަށާއި ހަގީގަތަށް ރިޢާޔަތްކުރެވި ފަހުގެ މަޢުލޫމާތުގެ އަލީގައި އިހުނަށްވުރެވެސް ފުރިހަމަ ފަތުވާއެއް ނެރުމަށް މަގުފަހިވުމެވެ.

ނަމަވެސް، ދިވެހިރާއްޖޭގައި ނެރެފައިވާ ފަތުވާތަކަށް ބަލާއިރު، 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައި ހައިކޯޓުން ނިންމި ގަޟިއްޔާއެއްގެ މައްސަލައާ ގުޅުންހުރި ޑީއެންއޭގެ ޒަރީޢާއިން ބަފައި ކަށަވަރު ކުރުމާބެހޭ ގޮތުން 2018 ގައި ނެރެފައިވާ ފަތުވާ އާއި ގުޅުވައި ޢިލްމުވެރިންނާއި ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރޭގައި އަދި ޢާއްމުންގެ މެދުގައި ހިތްނުތަނަވަސްކަން އުފެދި ބޮޑު ބަހުސެއް ކުރެވުނެވެ. މައިގަނޑު އެއް މައްސަލައަކަށްވީ ޒިނޭ ކޮށްގެން ލިބޭ ދަރީން ނިސްބަތްވާ ފިރިހެނަކު ހޯދުމުގައި ޑީއެންއޭ ޓެސްޓް ހެދުމަކީ ހުއްދަ ނޫން ޙަރާމް ކަމެއްކަމުގައި ފަތުވާގައި ބަޔާންކޮށްފައި ވާތީއެވެ. ނަމަވެސް ބައެއް ޢިލްމުވެރިން ޒިނޭގެ މައްސަލަ ސާބިތުކުރުމުގައިވެސް ޑީއެންއޭ ގަރީނާއެއްގެ ގޮތުގައި ބޭނުންކުރެވިދާނެކަމަށް ދެކެއެވެ.

ކުރިން ދެންނެވި ފަދައިން އަންހެނުން ޚިތާނުކުރުމުގެ މައްސަލައާމެދު ޢިލްމުވެރިންގެ ފަތުވާތައް ތަފާތެވެ. އެއް ސަބަބެއް ކަމުގައި ޢިލްމީ ކުރިއެރުން ފާހަގަ ކުރެވިދާނެއެވެ. މިމައްސަލަ މިއަހަރުގެ މެދުތެރޭގައި ރާއްޖޭގެ މީޑިއާގައި ފެންމަތި ވިއެވެ. އެކި ފަރާތްތަކުން އެބޭފުޅެއްގެ ރައުޔު އިސާހިތަކު މީޑިއާގައި ފާޅު ކުރައްވައިފިއެވެ. ނަމަވެސް ޤާނޫނުގެ ރޫޙާ އެއްގޮތަށް މިފަދަ ޙާލަތްތަކުގައި ޒިއްމާ އަދާކުރާން ޖެހޭ ފަރާތް ކަމަށް ވާ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖްލިހުން މިކަމާގުޅޭ ފަތުވާއެއް ނެރޭނެކަމަށް ބެލެވިފައިވީނަމަވެސް، އަދި މިކަން މަޖްލީހަށް ހުށަހެޅިފައިވީނަމަވެސް މިކަމާގުޅޭ ފަތުވާއެއް މަޖްލީހަކުން ނުނެރުނެވެ. ފަތުވާ ނުނެރުން އެއީ މަސްލަހަތު ކަމަށް މަޖްލީހަށް ފެނުނީއެވެ. އާއްމުންނާއި ބައެއް ޢިލްމުވެރިން ގަބޫލުކުރީ އަދި ޤާނޫނީ ޒިއްމާ އަކީ މިފަދަ ޙާލަތްތަކުގައި ރައްޔިތުންނަށް އެކަން އޮތްގޮތް ބުނެ ބަޔާންކޮށްދިނުމަކީ އެއީ މަސްލަހަތު ކަމަށެވެ.

މި މައްސަލަތަކަށް ބަލައި ރިޢާޔަތްކުރާ އިރު، ސައިންސާއި ޓެކްނޮލޮޖީގެ ކުރިއެރުންތަކުން ލިބޭ މަޢުލޫމާތުގެ އަލީގައި އެކަންކަމަށް ރިޢާޔަތްކުރެވިގެން ފަތުވާތައް ނެރެވިފައިވާކަމަށް ބައެއް ފަރާތްތަކަށް ގަބޫލެއް ނުކުރެވެއެވެ. ބައެއް މަފުހޫމުތައް ތަޢާރަފުކުރުމަކީ އެއީ ޙައްލުކަމަށް އަނެއްބަޔަކު ދެކެއެވެ. އަނެއްކޮޅުން ޒަމާނަށް އަންނަ ކުރިއެރުންތަކުގެ އަލީގައި އެކަންކަމުގެ ހަގީގަތުގެ މައްޗަށް ރިޢާޔަތްކުރެވިގެން ފަތުވާ ނެރުން އެއީ ޙައްލުކަމަށް އަނެއް ބަޔަކު ދެކެއެވެ. މާނައަކީ، ފަތުވާތަކުގައި އުނިކަންކަން ހުރިކަމަށް އާއްމުންގެ ތެރެއިންނާއި ޢިލްމުވެރިންގެ ވާހަކަތަކުން އެގެން އޮތުމެވެ.

އަޅުގަނޑުގެ ނަޒަރުގައި ފަތުވާ އިތުރަށް ތަފްޞީލު ވާންވީއެވެ. ފަންނީ ކަންކަން އެކުލެވޭ މައްސަލައެއް ނަމަ ފަތުވާގައި އެކަންކަން ފާހަގަކުރާން ވީއެވެ. ތަފާތު ފަތުވާ ނެރޭ މުއައްސަސާތަކަށާއި، ޒަމާނީ ބޮޑެތި އިލްމުވެރިންގެ ރައުޔުތަކާއި، އެކި އިސްލާމީ ގައުމުތަކުގައި ޢަމަލުކުރެވޭ ގޮތްތަކަށް ޙަވާލާ ދޭންވީއެވެ. އަދި މީގެ އިތުރުން ޢިލްމީ ހަގީގަތްތަކުގެ މައްޗަށްވެސް ނަޒަރު ހިންގާން ވީއެވެ. މިދެންނެވި ކަންކަމުގެ މައްޗަށް ބަަލައި ދިރާސާކޮށްގެން ނެރޭ ފަތުވާއަށް އަމަލުކުރަން ލާޒިމްވާނެ އުސޫލެއް ގާއިމްވުންވެސް މުހިއްމެވެ. އެހެން ނޫނީ، ކޮންމެ މީހަކު ވެސް އެމީހަކަށް ފެންނަ އެއްޗެއްގެ ވާހަކަ މިފަދަ ޙައްސާސީ ދީނީ މައްސަލަ ތަކާގުޅިގެން ދައްކާން ވެއްޖެ ނަމަ، ދިވެހި ރައްޔިތުންގެ މެދުގައި ދީނީ އެއްބައިވަންތަކަން ގާއިމުކުރާން ދަތިވާނެއެވެ.

މި ދެންނެވި މައްސަލައާ މެދު އިތުރަށް ދަންނަވާން އޮތް ވާހަކައަކީ، ދިވެހިރާއްޖޭގައި ޢަމަލުކުރެވޭ ޢާއިލާއާ ބެހޭ ޤާނޫނު ތަޤްނީން (ކޮޑިފައި) ކުރުމާއެކު ފަތުވާދޭ މުއައްސަސާތަކުގެ ފަހުގެ ފަތުވާތަކުގެ އަލީގައި ލިޢާނުގެ މައްސަލަތަކާއި ނަސަބު ސާބިތުކުރުމުގެ އެކި ޙާލަތްތަކުގައި ޑީއެންއޭ ބޭނުންކުރުމަށް އިސްކަމެއް ދިނުން މުހިއްމެވެ.

ޖިނާއީ މައްސަލަތަކުގައި ބޭނުންކުރުމުގައި ވެސް ފިޤުހު އެކަޑަމީތަކުން ނެރެފައިވާ އިރުޝާދުތަކަށް ޢަމަލުކުރުން އިސްކުރުން މުހިއްމެވެ. ޑީއެންއޭ އަކީ ސައިންޓިފިކް ހަގީގަތެއް އެކުލެވޭ އެއްޗެއް ފަދައިން ޝުބުހަ (ޝައްކު) އެކުލެވިދާނެ ނުވަތަ އުފެއްދިދާނެ ޙައްސާސީ އިޖްރާއާތެއްގެ ތެރެއިން ނުކުންނަ ނަތީޖާއަކަށް ވާތީއެވެ. އަދި މިދެންނެވި ޝައްކު އުފެދުމުގެ ފުރުޞަތު ޑީއެންއޭއާ ގުޅޭ ޓެކްނޮލޮޖީ ކުރިއަރާ މިންވަރަކުން އިތުރުވާނެ ކަމަށްޓަކައެވެ. އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖްލިހަކީ އެމަޖްލިސް އެކުލެވޭ ގޮތުންނާއި، މެމްބަރުން ޢައްޔަންކުރެވޭ ގޮތުންނާއި ޒިންމާތައް ކަނޑައެޅި އަދާކުރެވޭ ގޮތުންވެސް މަޤްޞަދު ޙާޞިލްކުރެވޭނެ އުޞޫލަކުން ޢަމަލުކުރެވޭނެ ގޮތަކަށް އެމަޖްލިސް ބައްޓަންކުރެވިފައިވާ ތަނަކަށް ހަދަން މަސައްކަތް ކުރާންވީއެވެ.

ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤާނޫނުގެ މަޤްޞަދަކީ ދިވެހި ރައްޔިތުންގެ މެދުގައި ދީނީ އެއްބައިވަންތަކަން ގާއިމު ކުރުން ކަމަށްވާތީ، މިކަން ޙާޞިލުވާނެ ގޮތަށް އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖްލިސްގެ ކަންކަން އިންތިޒާމްވެފައި އޮތުން މުހިއްމެވެ. އެހެންކަމުން ފަތުވާދޭ މަޖްލިހުގެ ފަތުވާ އަކީ އަލަށް ކުރިމަތިވާ މައްސަލަތަކުގައި ދީނީ ގޮތުން އެވަގުތަކަށް ބުނާ ފަހުބަސްކަމުގައި ދައުލަތުން ބަލައިގަންނަން ލާޒިމްވާންޖެހޭނެކަމަށް ދެކޭތީ ގާނޫނީ އޮނިގަނޑު އެމަގަށް އިޞްލާޙް ކުރަންޖެހޭކަމަށް ދެކެމެވެ.

ގުޅޭ ޓެގު
comment ކޮމެންޓް