ބަންގްލަދޭޝްގެ އެންމެ ބޮޑު ޕްރައިވެޓް އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ޔޫއެސް ބަންގްލާ އެއާވޭސް --

ބަންގްލަދޭޝްގެ އެންމެ ބޮޑު ޕްރައިވެޓް އެއާލައިން އަންނަ ނޮވެމްބަރުން ފެށިގެން ރާއްޖެއަށް ސީދާ ދަތުރުތައް ފަށަން ނިންމައިފިއެވެ.

ރާއްޖެއަށް ދަތުރުތައް ފަށަން ނިންމާފައިވަނީ ބަންގްލަދޭޝްގެ އެއާލައިނެއްކަމަށްވާ "ޔޫއެސް ބަންގްލާ" އިންނެވެ.

އެ އެއާލައިނުގެ ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު މަހުގެ މެދު ތެރޭގައެވެ. އެގޮތުން ހަފްތާއަކު ހަތަރު ދުވަހު މި އެއާލާއިނުން ދާކާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާ ދެމެދު ދަތުރުތައް ބާއްވާނެއެވެ. މި ދަތުރުތަކުގައި ބޭނުންކުރާނީ 164 މީހުންގެ ޖާގައިގެ ބޮއިން 800-730 މަރުކާގެ ބޯޓެކެވެ.

އެ އެއާލައިނުން ބުނީ ރާއްޖެއަށް ދަތުރުތައް ފަށަން ނިންމި އެންމެ ބޮޑު ސަބަބަކީ ބަންގްލަދޭޝްގައި ވެސް ރާއްޖޭގެ ފަތުރުވެރިކަމަށް ބޮޑު ޑިމާންޑެއް އޮތުންކަމަށެވެ. އަދި ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ މަސައްކަތްތެރިންނަށް ވެސް ފަސޭހަކަމާއެކު ހެޔޮ އަގެއްގައި އެ ގައުމަށް ދަތުރުކުރުމުގެ މަގު ފަހިކޮށްދިނުމަށްކަމަށް ވެސް އެ އެއާލައިނުން ބުންޏެވެ.

ޔޫއެސް ބަންގްލާ އެއާލައިނަކީ ދުނިޔޭގެ އެކި ގައުމުތަކަށް މިހާރު ވެސް ދަތުރުތައް ބާއްވަމުން އަންނަ އެއާލައިނެކެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް އިތުރު މަންޒިލްތަކަށް ދަތުރު ބޭއްވުމަށް ތައްޔާރުވަމުން އަންނަކަމަށް އެ އެއާލައިނުން ބުންޏެވެ.

comment ކޮމެންޓް