ޓެރަރިޒަމްގެ ނުރައްކަލާ މެދު ސަރުކާރުން ސީރިއަސްވާންޖެހޭ: އެމްޑީޕީ

އެމްޑީޕީ ގައުމީ ހިންގާ ކޮމިޓީގެ ބައްދަލުވުމުގައި ދެ ރައީސުން ބައިވެވެވަޑައިގަންނަވަނީ ---

ޓެރަރިޒަމްގެ ނުރައްކަލާ މެދު ސަރުކާރުން އިތުރަށް ސީރައަސްވުމަށް ވެރިކަންކުރާ ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީއިން ގޮވާލައިފިއެވެ.

ރައީސް ނަޝީދަށް ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް އެމްޑީޕީއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ ޓެރަރިޒަމްގެ ނުރައްކަލާ މެދު އަމަލުކުރުމުގައި ސަރުކާރުގެ ފަރާތުން އެއްވެސް އިހުމާލެއް ފެނިގެންނުވާނެކަމަށެވެ.

"ރައްޔިތުންނާއި ރާއްޖެއަށް ކުރިމަތިވެފައިވާ ޓެރަރިޒަމްގެ ނުރައްކަލާ މެދު އަމަލުކުރުމުގައި ސަމާލުކަން ދިނުމުގައާއި، ފަރުވާތެރިވުމުގައި އިހުމާލުނުވުމަށާއި، ނުވަތަ ސީރިއަސްވުމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް މި ޕާޓީން އިލްތިމާސްކުރަމެވެ،" އެ ބަޔާނުގައި ބުންޏެވެ.

ހަމައެއާއެކު އެ ޕާޓީން ވަނީ ޓެރަރިޒަމްގެ މައްސަލަތަކުގައި ކަންކަން ހިނގަމުން އަންނަ ގޮތާ ގުޅިގެން ވެސް ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެގޮތުން އެ ޕާޓީން ބުނީ ޓެރަރިޒަމްގެ ސީރިއަސް މައްސަލަތަކުގައި ތުހުމަތު ކުރެވި ހައްޔަރުކުރެވޭ މީހުން ފަސޭހައިން މުޖުމަތަމައުގެ ތެރެއަށް މިއަދު ވެސް ދޫކޮށްލާކަމަށެވެ. އަދި އެއީ ދައުލަތުގެ ކަމާބެހޭ އިދާރާތަކުގެ ތެރެއިން ކޮންމެވެސް އެއް އިދާރާއަކުން ވާ އިހުމާލެއްގެ ސަބަބުން ހިނގާ ކަމެއްްކަމަށް އެ ޕާޓީން ބުންޏެވެ.

"މިފަދަ ސީރިއަސް އަދި ބޮޑު ޓެރަރިޒަމްގެ މައްސަލައެއްގައި ހައްޔަރުކުރެވުނު މީހަކު، މި ބާވަތުގެ ގާނޫނީ ހުއްޖަތެއްގައި ދޫވެ ދިޔައީ، ތަހްގީގުކުރާ އިދާރާ ނުވަތަ ޕްރޮސެކިއުޓާ ޖެނެރަލް ނުވަތަ ކޯޓުން ކުރެ ކޮންމެވެސް ފަރާތަކުން ޓެރަރިޒަމްގެ މައްސަލަތަކުގައި ސަމާލުވެ، ފަރުވާތެރިވެ، ނުވަތަ ސީރިއަސް ވާންޖެހޭ މިންވަރަށް އަމަލުނުކުރުމުގެ ސަބަބުންކަމަށް ދެކެމެވެ،"

މީގެ އިތުރުން އެ ޕާޓީން ވަނީ މޭ މަހުގެ ހަވަނަ ދުވަހު ރައީސް ނަޝީދަށް ދިން ޓެރަރިސްޓު ހަމަލާގެ ބައިވެރިންގެ ޝަރީއަތް ހިނގައިފާނެ ގޮތަކާ މެދު ވެސް ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ ޕާޓީން ބުނީ ޓެރަރިޒަމްގެ މައްސަލަތަކުގައި ހައްޔަރުކުރެވޭ މީހުން ފަސޭހައިން ދޫވެގެން ދިއުމަކީ އެ މައްސަލައިގެ ތަހުގީގަށް ވެސް އޭގެ ނޭދެވޭ އަސަރު ފޯރާނެކަމެއްކަމަށެވެ. އަދި އެއީ އެ ޕާޓިން ކަންބޮޑުވާ ކަމެއްކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

comment ކޮމެންޓް