ވެމްކޯއަށް ފައިސާ ދިނުމަށް ޓަކައި ބަޖެޓަށް ވާނީ އެދިފައި: މުއިއްޒު

އޮގަސްޓް 30، 2021: މާލޭ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު --- ސަން ފޮޓޯ/ ފަޔާޒު މޫސާަ

މާލޭ ސިޓީ ކައުންސިލުން ވެމްކޯއަށް ދޭންޖެހޭ 30 މިލިއަނަށްވުރެ ގިނަ ރުފިޔާ ދިނުމަށް ޓަކައި ބަޖެޓަށް އެދިފައިވާނެ ކަމަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ސިޓީ ކައުންސިލުން ވެމްކޯއަށް 30.5 މިލިއަން ރުފިޔާ ދޭން ޖެހޭ ކަމަށް އެ ކުންފުނިން ވަނީ މިދިޔަ ބުރާސްފަތި ދުވަހު ބުނެފައެވެ.

އެކަމާ ގުޅިގެން މުއިއްޒު ވިދާޅުވީ އެއީ މިހާރު ކައުންސިލުގައި ތިއްބެވި މެމްބަރުން މަގާމާ ހަވާލުވީ އިރު ވެސް ދައްކަން ޖެހިފައިވާ ފައިސާ ކަމަށެވެ.

"ވެމްކޯއަށް ދައްކަންޖެހިފައިވާ 30 މިލިއަން ރުފިޔާ އަކީ އަޅުގަނޑުމެން ކައުންސިލާ 17 މެއި 2021 ގައި ހަވާލުވިއިރު ވެސް ދައްކަން ޖެހިފައިވާ ފައިސާއެއް. އެ ފައިސާ ދައްކަން ބޭނުންވާ ބަޖެޓަށް ވާނީ އެދިފައި،" މުއިއްޒު ވިދާޅުވިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ވެމްކޯއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސަރު އަބްދުލްހަލީމް އަބްދުލްޣަފޫރު ވިދާޅުވީ ފައިސާގެ ކަންކަމުގައި އަބަދުވެސް ދެ ފަރާތުގެ ދެމެދުގައި މުއާމަލާތް ކުރެވޭ ކަމަށާއި ނުދެއްކި ހުރި ފައިސާގެ މަތިން ހަނދާންކޮށްދީ ސިޓީ ވެސް ފޮނުވާ ކަމަށެވެ.

https://sun.mv/156946

ވެމްކޯއާ ސިޓީ ކައުންސިލާ ދެމެދު މި ފަހުން މައްސަލަތަކެއް އުފެދުނީ މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ގޭބިސީތަކުގެ ވަކި ފަންގިފިލާއިން ކުނި ނަގާ ގޮތަށް ވެމްކޯގެ ހިދުމަތަށް ބަދަލު ގެނައުމުންނެވެ.

އެއީ ކުރިން ވެސް ހިދުމަތް ދެމުން އައި ގޮތް ނަމަވެސް، ކޮވިޑްގެ ހާލަތުގައި ވެމްކޯއިން ކުނި ނަގަމުން ދިޔައީ ގޭބިސީތަކުން މަގުމައްޗަށް ކުނި ނެރުމުންނެވެ.

ވަކި ފަންގިފިލާތަކުން ކުނި ނަގާ ގޮތަށް ބަދަލުކުރި ނަމަވެސް، ބައެއް ގޭބިސީތަކުން އޭގެ ފަހުން ވެސް ވަނީ މަގުމައްޗަށް ކުނި ނެރެފައެވެ.

މައްސަލަ ގޯސްވީ މި މަހު 15ގެ ފަހުން ގޭބިސީތަކުން މަގުމައްޗަށް ނެރުނު ކުންޏާ ވެމްކޯއިން ހަވާލު ނުވުމުން، ސިޓީ ކައުންސިލްގެ މުވައްޒަފުންތަކެއް ނުކުމެ، އުކާނުލައި ހުރި ކުނިތައް އެއްކުރުމަށްފަހު ޕިކަޕެއްގައި ގޮސް ވެމްކޯ އޮފީސް ކައިރިއަށް އަޅާލުމުންނެވެ.

https://sun.mv/156927

ސިޓީ ކައުންސިލުން ބުނީ އެއީ މިސްކޮމިއުނިކޭޝަނަކުން ދިމާވި ކަމެއް ކަމަށާއި އެކަމަށް މައާފަށް އެދޭ ކަމަށެވެ.

comment ކޮމެންޓް