ސިރާޖުގެ އެމްޓީސީސީ ދަތުރު: ކާތިބުކަމުން ސީނިއާ މެނޭޖަރަކަށް

އެމްޓީސީސީގެ މެރިން ޓްރާންސްޕޯޓް ޑިވިޝަނުގެ ސީނިއާ މެނޭޖަރު އިބްރާހިމް ސިރާޖު --- ސަން ފޮޓޯ/ އަހްމަދު އައިމަން އަލީ

ތ. ތިމަރަފުށްޓަށް އުފަން އިބްރާހިމް ސިރާޖު ވަޒީފާގެ މައިދާނަށް ނުކުތީ އުމުރުން އެންމެ 18 އަހަރުގައި ހޯމް އެފެއާޒް މިނިސްޓްރީންނެވެ. ހަޔާތުގައި ބޮޑު ބައި ހޭދަކުރި އެމްޓީސީސީ އޭރު އަދި ނުއުފައްދައެވެ. އޭގެ ކުޑަ ދުވަސްކޮޅެއް ފަހުން، 1980 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 18ވަަނަ ދުވަހު އެމްޓީސީސީ އުފެއްދުމާއެކު ސިރާޖު، އެތަނުން ވަޒީފާއެއް ހޯދުމުގެ މަސައްކަތް ފެށިއެވެ. އަދި އެކުންފުނިން ވަޒީފާ ހަމަޖެހުނީ އޭގެ އެއް އަހަރާ ތިން މަސް ފަހުން، 1982 ވަނަ އަހަރުގެ ފެބްރުއަރީ 9ވަނަ ދުވަހުގައެވެ. އޭގެ ފަހުން މިއަދާ ހަމައަށް އޭނާ ވަނީ މެދުކެނޑުމެއްނެތި އެކުންފުނީގެ އެތައް ޑިޕާޓްމަންޓްތަކުގައި ގިނަ އަދަދެއްގެ މަގާމުތަކުގައި ވަޒީފާ އަދާކޮށްފައެވެ.

ސިރާޖުގެ ތައުލީމީ ހަޔާތަށް ބަލާލާއިރު، ގުރޭޑު 10 ފުރިހަމަ ކުރުމަށްފަހު އޭނާ ވަނީ ކާތިބުކަމުގެ ސަނަދު ހާސިލުކޮށްފައެވެ. އުމުރުން 18 އަހަރުގައި ހޯމް މިނިސްޓްރީގެ ކާތިބުކަމުގެ ވަޒީފާއާ ގުޅުނެވެ. އެމްޓީސީސީގައި ސިރާޖު އަދާކުރި ފުރަތަމަ ވަޒީފާއަކީ އޭރު އެކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަހްމަދު އާދަމްގެ ކާތިބުކަމުގެ ވަޒީފާއެވެ.

39 އަހަރުގެ ތެރޭގައި 17 ވެރިންނާއެކު މަސައްކަތް ކުރެއްވި

އެމްޓީސީސީގައި ވަޒީފާ އަދާކުރި ފުރަތަމަ ދުވަސްވަރުގައި ސިރާޖު ވަނީ އޭރު އެކުންފުނިން ކުރިއަށްގެންދިޔަ ބޮޑެތި މަސައްކަތްތަކުގައިވެސް ބައިވެރިފައެވެ. މަސްދޯނި ފަހަރުގައި އިންޖީނު އެޅުމުން ފެށިގެން ހުޅުލޭގެ ޕަވާހައުސް ހެދުމާއި އޭރު ތަރައްޤީ ކުރަމުންދިޔަ ރިސޯޓުތައް ނިންމުމުގެ މަސައްކަތުގައި ވެސް ސިރާޖު ވަނީ ބައިވެރިވެފައެވެ. ސިރާޖު ސިފަކުރައްވާ ގޮތުގައި އޭރު އެކުންފުނީގެ އެމްޑީއަކަށް ހުންނެވި އަހްމަދު އާދަމްއަކީ ވަރަށް މަސައްކަތްތެރި ބޭފުޅެކެވެ.

"އޭރު އޮންނާނީ މަސައްކަތް ފަށާ ގަޑިއެއް އެކަނި. ނިމޭ ވަކި ގަޑިއެއް ނޯންނާނެ. ވަރަށް މަސައްކަތްތެރި ބޭފުޅެއް އަހްމަދު އާދަމްއަކީ." ސިރާޖު ވިދާޅުވިއެވެ.

"އުމުރުން ހަގުކަމާއި މަސައްކަތުގެ ބުރަކަމާ ހުރެ ވަޒީފާއިން ވަކިވާންވެސް ހައެއްކަ ފަހަރު ހިތަށް އެރި. އެކަމަކުވެސް ހަމަ ހިތްވަރުކޮށްލާފައި ހުރެވުނީމަ، 39 އަހަރުވަންދެންވެސް މި ހުރެވުނީ."

ސިރާޖު އެމްޓީސީސީގައި ހޭދަކުރެއްވި 39 އަހަރުގެ ދިގު މުއްދަތުގައި 17 މެނޭޖިން ޑިރެކްޓަރުންގެ ދަށުން ވަނީ މަސައްކަތް ކުރައްވާފައެވެ. އެ މުއްދަތުގައި ސިރާޖު، އެމްޓީސީސީގައި އަދާނުކުރާ ވަޒީފާއެއް މަދެވެ.

"އެންމެ ފުރަތަމަ އަދާކުރި ކާތިބުކަމުގެ ވަޒީފާގައި މުސާރައަކަށް ލިބުނީ 420 ރުފިޔާ. އެއީ އެ ޒަމާނުގައި މުސާރަ ހުންނަ މިންވަރު. އޭގެ ފަހުން ޓްރޭޑިން، ކޮންސްޓްރަކްޝަން، ރެންޓަލްސް އަދި ޓްރާންސްޕޯޓް ޑިޕާޓްމަންޓުގެ ވެސް އެކި މަގާމުތަކުގައި މަސައްކަތްކުރިން." އޭނާ ވިދާޅުވިއެވެ.

39 އަހަރުގެ ކެރިއަރުގައި އެއްވެސް ގޮންޖެހުމެއް ނެތް!

އެއް ކުންފުންޏެއްގައި އެތައް އަހަރެއް ވޭތުކުރާއިރު، ބައިވަރު ގޮންޖެހުންތަކާ ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ. އެހެން ނަމަވެސް ސިރާޖު ވިދާޅުވާ ގޮތުގައި އޭނާގެ ކެރިއަރުގައި އެފަދަ އެއްވެސް ގޮންޖެހުމެއް އަދި މިހާތަނަށް ކުރިމަތިވެފައި ނުވެއެވެ.

"ވަޒީފާގެ ގޮންޖެހުމެއް ކުރިމައްޗެއް ނުވޭ. ގޮންޖެހުންތަކަކީ އެމީހަކު އަމިއްލައަށް ކުރިމަތި ކުރުވާ ކަންކަން. ހިތްހަމަ ނުޖެހޭ ކަމެއް އޮވެއްޖެނަމަ، ވާހަކަދައްކައިގެން ހައްލު ކުރެވޭނެ. ކެތްކުރަން ޖެހޭ ކަންކަންވެސް ހުންނާނެ." އޭނާ ވިދާޅުވިއެވެ.

ސިރާޖު ވިދާޅުވީ މިހާ ގިނަ ދުވަސްވީއިރު އަދި 17 މެނޭޖިން ޑިރެކްޓަރުންގެ ދަށުގައި މަސައްކަތް ކުރެއްވިއިރުވެސް އެއްވެސް ވެރިއެއްގެ ފަރާތުން ހިތްހަމަ ނުޖެހޭ ކަމަކާ އަދި މިހާތަނަށް ކުރިމަތިލާން ނުޖެހޭ ކަމަށެވެ. އަދި ކެރިއަރުގައި އެންމެ ފަހުރުވެރިވާ ކަމަކީވެސް އެއީ ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްޓީސީސީގެ މެރިން ޓްރާންސްޕޯޓް ޑިވިޝަނުގެ ސީނިއާ މެނޭޖަރު އިބްރާހިމް ސިރާޖު އޭނާގެ ދަށުން މަސައްކަތް ކުރާ ބައެއް މުވައްޒަފުންނާއެކު --- ސަން ފޮޓޯ/ އަހްމަދު އައިމަން އަލީ

ކާތިބުގެ މަގާމުން ސީނިއާ މެނޭޖަރަކަށް

އެމްޓީސީސީގައި އެތައް މަގާމުތަކެއް އަދާކުރެއްވުމަށްފަހު ސިރާޖަކީ މިއަދު އެ ކުންފުނީގެ މެރިން ޓްރާންސްޕޯޓް ޑިވިޝަނުގެ ސީނިއާ މެނޭޖަރެކެވެ. އޭނާއަށް އެންމެ ފުރަތަމަ ޔުނިޓް މެނޭޖަރުކަމުގެ މަގާމު ލިބުނީ 1992 ވަނަ އަހަރުގައެވެ. އަދި ކުންފުނީގެ އޮނިގަނޑު ތެރެއިން ލިބެން ހުރި ވަޒީފާގެ ކުރިއެރުމާއިއެކު މިހާރު ވަނީ ސީނިއާ މެނޭޖަރުގެ މަގާމާއި ހަމައަށް އާދެވިފައެވެ.

އެ މުއްދަތުގައި ސިރާޖު އެމްޓީސީސީގައި އަދާކުރެއްވި އިސް ވަޒީފާތަކުގެ ތެރޭގައި ވިލިނގިލި، ހުޅުމާލެ އަދި ތިލަފުށި ފެރީ އޮޕަރޭޝަން ހިންގައި ބެލެހެއްޓުން، އަތޮޅުތަކުގެ ލޯންޗް ސެކްޝަން ބެލެހެއްޓެވުން އަދި ރެންޓަލްސް ޑިޕާޓްމަންޓް ބެލެހެއްޓެވުން ހިމެނެއެވެ. މީގެ އިތުރުން އޭނާ ވަނީ އެމްޓީސީސީގެ ޔަންމާ ސެންޓަރުގެ މެނޭޖަރުގެ މަގާމާއި ކޮންސްޓްރަކްޝަން އެންޑް ކޮންޓްރެކްޓިން ޑިޕާޓްމަންޓް އަލަށް އުފެއްދިއިރު، އިމަރާތް ކުރުމުގެ ބައިގެ މެނޭޖަރުކަންވެސް ކުރައްވާފައެވެ.

މިހާރު މައިގަނޑު ގޮތެއްގައި ސިރާޖު ބަލަހައްޓަވަނީ އަތޮޅުތެރޭގެ ދަތުރުފަތުރުގެ ހިދުމަތް ދިނުމުގެ ކަންކަމާއި އާންމު ފެރީ އޮޕަރޭޝަން ބެލެހެއްޓުމުގެ މަސައްކަތެވެ. އެ މަސައްކަތުގެ ދަށުން ސިރާޖު ގެންދަވަނީ 193 ރަށަކަށް ޚިދުމަތް ދިނުމުގައި ބޭނުންކުރާ 36 ފެރީގެ އޮޕަރޭޝަން ބަލަހައްޓަވަމުންނެވެ.

އެމްޓީސީސީގެ ވަޒީފާއާ ގުޅުނު ދުވަސްވަރާއި މިހާރާއި ހުރި ތަފާތު ސިފަކުރައްވާނީ ކިހިނެއްތޯ ސުވާލުކުރުމުން ސިރާޖު ވިދާޅުވީ މިހާރު ކުންފުނި ހިނގަމުންދަނީ ވަރަށް ރަނގަޅަށް ކަމަށެވެ. އެގޮތުން ބައިވަރު މަޝްރޫއުތައް އެ ކުންފުނިން ކުރިއަށްގެންދާ ކަމަށާއި ޒުވާނުންނަށް ބައިވަރު ފުރުސަތު އެ ކުންފުނީގައި އެބަހުރި ކަމަށް އޭނާ ވިދާޅުވިއެވެ.

"ޒުވާނުންނަށް ބުނެލަން އޮތީ ވަކި ކަމެކޭ ކުރާނީ ނުބުނެ، ލިބެން ހުރި ވަޒީފާގެ ފުރުސަތުތަކުގެ ބޭނުންހިފާ މަސައްކަތާއި ކުރިމަތިލާށޭ. މަސައްކަތުގައި ކުރިއަށްދާން ގަދަ އަޅާ މަސައްކަތްކުރާ މީހަކަށް ކާމިޔާބު މިންވަރުކުރަށްވާނެ." އެމްޓީސީސީގައި މަސައްކަތްކުރަން ޝައުގުވެރިވާ ޒުވާނުންނަށް ސިރާޖު ދެއްވި މެސެޖަކީ މިއީއެވެ.

އުމުރުން 61 އަހަރު ފުރިފައިވާ ސިރާޖު އަދިވެސް ހުންނެވީ އެމްޓީސީސީއާއެކު ކުރިއަށްދާ ގޮތަށެވެ.

" ރިޓަޔާ ކުރަންދެންވެސް މިތަނުގައި، އެމްޓީސީސީގައި މަސައްކަތް ކުރާނީ."

comment ކޮމެންޓް