އެޗްއާރުސީއެމްގެ މެންބަރު ކަމަށް ސަމާއު އައްޔަން ކުރަން މަޖިލީހުން ރުހުން ދީފި

ސަމާއު އަހްމަދު ނަޖީބު

ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް)ގެ މެންބަރު ކަމަށް ގދ. ތިނަދޫ، އަސާގެ، ސަމާއު އަހުމަދު ނަޖީބު އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.

އެޗްއާރުސީއެމްގެ މެންބަރު ކަމަށް ސަމާއު އައްޔަން ކުރަން މަޖިލީހުން ރުހުން ދިނީ އެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 42 މެމްބަރުންގެ އިއްތިފާގުންނެވެ.

އެޓާނީ ޖެނެރަލް އޮފީހުގެ ސީނިއާ ސްޓޭޓް އެޓާނީއެއް ކަމަށްވާ ސަމާއުގެ ނަމާއި އިތުރު 13 ނަމެއް، އެޗްއާރުސީއެމްގެ މެންބަރު ކަމަށް އައްޔަން ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހަށް ފޮނުއްވީ މިދިޔަ ޖުލައި މަހުގައިއެވެ. އެ 14 ނަމުގެ ތެރެއިން މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީން ފާސް ކުރީ ސަމާއުގެ ނަމެވެ.

އެޗްއާރުސީއެމްގައި މިހާރު ތިއްބަވަނީ އާމިނަތު ޝަފާއަތު އަބްދުއްރައްޒާގާއި, މުއުމިނާ ވަހީދު އާއި ޑރ. އަހުމަދު އަދުހަމް އަބްދުﷲ އާއި މަރިޔަމް މުނާ އެވެ. އެ ކޮމިޝަންގައި ތިއްބަވަން ޖެހޭ މެންބަރުންގެ އަދަދަކީ ފަހެކެވެ.

comment ކޮމެންޓް