ދަރިފުޅަށް ކިޔަވައިދިނުމުން ޓީޗިން ފެށި އިނާ، ބައިނަލްއަގުވާމީ އެވޯޑަކާ ހަމައަށް

މަރިޔަމް އިނާޝާ ރަފީއު (އިނާ). ލައިޓްހައުސް ލާނިން އެޑިއުކޭޓަރުގެ ފަރާތުން ދޭ އިމްޕެކްޓް އެވޯޑުގެ ޕްރީ-ޕްރައިމަރީ/ޕްރައިމަރީ ކެޓަގަރީން ދެވަނަ ހާސިލުކޮށްފައި

ޅަފަތުގެ ތައުލީމު އުނގަންނައި ދިނުމުގެ ދާއިރާއިން ކުރިއަށްދިއުމަކީ މަރިޔަމް އިނާޝާ ރަފީއު (އިނާ) ކުރިން ރާވާފައި އޮތް ކަމެއް ނޫނެވެ. އިނާ އެ ދާއިރާއަށް ޝައުގުވެރި ކުރުވީ މަޔަކަށް ވީ ހިސާބުންނެވެ. މިއަދު އޭނާއަކީ ބައިނަލްއަގްވާމީ ފެންވަރުގެ އެވޯޑެއް ހާސިލުކޮށްފައިވާ ޓީޗަރެކެވެ. އެއީ އިންޑިއާގެ އެންމެ ބޮޑު އެއް ސްކޫލް ނެޓްވޯކް ކަމަށްވާ ލައިޓްހައުސް ލާނިން އެޑިއުކޭޓަރުގެ ފަރާތުން ދޭ އިމްޕެކްޓް އެވޯޑުގެ ޕްރީ-ޕްރައިމަރީ/ޕްރައިމަރީ ކެޓަގަރީން ފަހުރުވެރި ދެވަނައެވެ.

"ދަރިފުޅު ލިބިގެން ގޭތެރޭގައި ހޭންޑްސް އޮން އެކްސްޕީރިއެންސެއް، ދަރިފުޅަށް ފޯރުކޮށްދޭންވެގެން މިކަން ފެށީ. ދެން އާލީ ޗައިލްޑްހުޑް އެޑިއުކޭޝަންއަކީ ކުރިއަށްދާން ރަނގަޅު ރޮނގެކޭ ހިތަށް އަރާފައި ބެޗްލާސް ހަދަން ފެށީ. އެއީ މެލޭޝިއާގައި." އާލީ ޗައިލްޑްހުޑް އެޑިއުކޭޝަންއަށް ވަދެވުނު ގޮތް "ސަން"އާ ހިއްސާ ކުރަމުން އިނާ ކިޔައިދިނެވެ.

މަތީ ތައުލީމު ހާސިލުކުރަމުންދިޔައިރު ވެސް އިނާ މެލޭޝިއާގައި އިންޓާންއެއްގެ ގޮތުގައި މަސައްކަތް ކުރިއެވެ. އަދި މި ދާއިރާއަށް ހުރި ޝައުގެއްގެ ބޮޑުކަމުން މެލޭޝިއާގެ ޕްރީސްކޫލެއްގައި ވޮލަންޓިއަރެއްގެ ގޮތުގައިވެސް މަސައްކަތްކުރިއެވެ.

މަތީ ތައުލީމު ފުރިހަމަ ކުރުމަށްފަހު 2018ވަނަ އަހަރު މާލެއަށް އައިސް، ޓީޗިން ދާއިރާގެ ފުލްޓައިމް ވަޒީފާއަކަށް އިނާ ގުޅުނީ ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލާއެވެ. އަދި ކެއާ ސޮސައިޓީގައި ޕާޓް ޓައިމްކޮށް ސެން ޓީޗަރެއްގެ ގޮތުގައިވެސް މަސައްކަތް ކުރިއެވެ.

އެ ވަޒީފާގައި އިނާ ވަނީ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ވަން ޓު ވަން ސެޝަންތައް ނަގައިދީފައެވެ. އޭގެ އިތުރުން އިނާ ގަބޫލު ކުރާ ގޮތުގައި 'ޕްލޭ ބޭސްޑް ލާނިންގް' އަކީ ކުޑަކުދިންނަށް ވަރަށް މުހިއްމު ކަމެކެވެ. މިކަމަށް ބެލެނިވެރިން ހޭލުންތެރި ކުރުމަށާ ކުދިންނަށް މި އުފާ ހޯދައި ދިނުމުގެ ގޮތުން އިނާ ވަނީ މެސީ ޕްލޭ ސެޝަންތަކެއް ވެސް ހިންގާފައެވެ.

އިނާ ކުރިއަށްގެންދިޔަ މެސީ ޕްލޭ ސެޝަނެއްގެ ތެރެއިން--

ލައިޓްހައުސް ލާނިން އެޑިއުކޭޓާ އިމްޕެކްޓް އެވޯޑުގެ ޕްރީ-ޕްރައިމަރީ/ޕްރައިމަރީ ކެޓަގަރީއިން އިނާ ދެވަނަ ހާސިލުކުރީ ލައިޓްހައުސް ނެޓްވޯކްގައި ހިމެނޭ 1،200އަށްވުރެ ގިނަ ޕްރީސްކޫލާއި 42އަށް ވުރެ ގިނަ ސްކޫލުގެ ޓީޗަރުންނާ ވާދަކުރުމަށްފަހުގައެވެ.

އެ އެވޯޑު ދިނުމުގައި ބަލާފައިވަނީ މުޖުތަމައަށް ކޮށްދީފައިވާ ހިދުމަތްތަކަށެވެ. އަދި އިނާއަށް އެ އެވޯޑާ ހަމައަށް ވާސިލުވެވުނީ މެދުކެނޑުމެއް ނެތި މި ދާއިރާއަށް ކޮށްދިން ހިދުމަތްތަކުގެ އިތުރުން، ކޮވިޑް-19 ބަލިމަޑުކަމުގެ ތެރޭގައި ކުޑަކުދިންނަށް ފޯރުކޮށްދިން އަގުހުރި ހިދުމަތްތަކުގެ ސަބަބުންނެވެ.

ކޮވިޑް ތެރޭގައި ސްކޫލްތަކުން އޮންލައިންކޮށް ކިޔަވައިދޭ ގޮތަށް ބަދަލުކުރަން ނިންމިއިރު ބިލަބޮންގްއަކީ އެ ބަދަލަށް ފުރިހަމައަށް ތައްޔާރުވެފައި އޮތް ސްކޫލެކެވެ. އޭރުވެސް އިނާއަކީ ބިލަބޮންގްގެ ޓީޗަރަކަށް ވުމާއެކު އެތަނުން އޮންލައިންކޮށް ކިޔަވައިދިނުމާ ގުޅޭ ގިނަ ކަންތައްތަކާއި އުކުޅުތައް ދަސްވިކަމަށް އޭނާ ބުނެއެވެ.

"ވަރަށް ގިނަ އެއްޗެހި ދަސްވި. އޭގެ އިތުރުން ލޮކްޑައުން ތެރޭގައި އައިލެންޑާސް އެޑިއުކޭޝަނުން ބޭއްވި އިނޮވޭޓް އެޑިއުކޭޝަން ސިމްޕޯސިއަމްގައި އިނާއަށް މުޅި ރާއްޖޭގެ ކުޑަކުދިންނަށް ވާހަކަ ކިޔާ ދިނުމަށް ފުރުސަތު ލިބުނު. މިފަދަ ދުވަސްކޮޅެއްގައިވެސް ގޭގައި ބަންދުވެފައި ތިބި ކުޑަކުދިންނަށް އެހީތެރިކަން ފޯރުކޮށްދެވިދާނެކަން ދަސްވި... އެކުދިން ވާހަކަ އަޑުއެހުމަށް ހުންނަ ޝައުގުވެރިކަން ފެނުނު. އެހެންވެ އަމިއްލައަށް އިސްނަގައިގެން އިތުރު ކުދިންނަށް ވާހަކަ ކިޔާދިނުން ކުރިޔަށް ގެންދަން ބޭނުންވީ،" ބަލިމަޑުކަމުގެ ތެރޭގައި ކުރި މަސައްކަތްތައް ހިއްސާކުރަމުން އިނާ ބުންނެވެ.

އޮންލައިންކޮށް ކުރިއަށްގެންދިޔަ އެ ސެޝަންތަކުގެ ސަބަބުން ގޭތެރޭގައި ބަންދު ވެފައި ތިބި ނަމަވެސް، އެހެން ކުދިންނާ ބައްދަލުވެ، އިޖުތިމާއީ ގުޅުން ދެމެހެއްޓުމުގެ ފުރުސަތު ކުޑަކުދިންނަށް ފަހިވެގެންދިޔައެވެ.

އިނާގެ އޮންލައިން ސްޓޯރީ ސެޝަންއެއް--

މި ދާއިރާއިން ބައިނަލްއަގްވާމީ ފެންވަރުގެ އެވޯޑެއް ލިބުމުން އިނާ ބުނީ ޓީޗަރުން ކުރާ ބުރަ މަސައްކަތް ދެނެގަނެ، ބަލައިގަންނާތީ އުފާވާކަމަށެވެ. އަދި ގިނަ ފަހަރަށް އެ ދާއިރާގައި ހިދުމަތުގެ އަގުވަޒަން ކުރުމަކީ އޮންނަ ކަމެއް ނޫން ކަމަށާއި ނަމަވެސް މިފަދަ އެވޯޑެއް ލިބުމަކީ މި ދާއިރާއިން ކުރިއަށްދިއުމަށް އެހެން ޓީޗަރުންނަށް ވެސް ލިބޭ އިތުރު ހިތްވަރެއްގެ ގޮތުގައި ދެކޭ ކަމަށް އިނާ ބުންޏެވެ.

"ބޭރުގެ ބަޔަކު، ބައިނަލްއަގްވާމީ ފެންވަރުގައި މިކަން ފާހަގަ ކުރުމަކީ އެހެން ޓީޗަރުންނަށްވެސް ލިބޭ އުންމީދަކަށްވެ، މިކަހަލަ ކަންކަން ކުރުމަށް އެއްބާރުލުން ލިބޭނެ ކަމަކަށް ވާތީ އުފާވަނީ،" އިނާ ބުންޏެވެ.

ކުޑަކުދިންނަށް ހިދުމަތް ކޮށްދީ، އުނގަންނައިދިނުމަށް ކުރަމުންދާ މަސައްކަތުގައި ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލާއި އައިލެންޑާސް އެޑިއުކޭޝަންގެ ފަރާތުން މެދުކެނޑުމެއްނެތި ފޯރުކޮށްދެމުންދާ އެހީތެރިކަމަށް އިނާ ވަރަށް ހާއްސަ ޝުކުރެއް އަދާކުރެއެވެ.

ޓީޗިން ދާއިރާގައި އިނާ މަސައްކަތް ކުރަމުންދާތާ މިހާރު ގާތްގަނޑަކަށް ފަސް އަހަރު ވެފައިވާ އިރު، އިނާގެ އަމާޒަކީ އޭނާގެ މަސައްކަތުން ގިނަ ބަޔަކަށް ފައިދާކުރާ ފަދަ ހިސާބަކަށް ވާސިލުވުމެވެ.

"މިހާރު ބޮޑަށް އަމިއްލައަށް އިސްނަގައިގެން މިކަންކަން ކުރަނީ. ބޭނުންވަނީ ލިބިފައިހުރި އިލްމު ކުދިންނަށާއި އެހެން ޓީޗަރުންނަށް ވެސް ފޯރުކޮށްދެވޭ ހިސާބަކަށް ދާން. ކުރެވޭ އިމްޕެކްޓް ފުޅާކުރަން." އިނާ ބުންޏެވެ.

comment ކޮމެންޓް