ރައީސް އަމީނުގެ މަރަށް އިންސާފު ހޯދުމަށްޓަަކައި އިންތިގާލީ އިންސާފު އޮފީހަށް

އަމީން ދީދީ މިސްރުގެ އަހުރާމްތައް ކައިރީގައި --

ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް މުހައްމަދު އަމީން ދީދީގެ މަރަށް އިންސާފު ހޯދުމަށްޓަކައި ރައީސް އަމީންގެ މަރުގެ މައްސަލަ އިންތިގާލީ އިންސާފުގެ އޮމްބަޑްސަން ޕާސަންގެ އޮފީހަށް ހުށަހަޅައިފިއެވެ.

މި މައްސަލަ އެ އޮފީހަށް ހުށަހަޅައިފައިވަނީ އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ)އެވެ.

މި މައްސަލަ އެ އޮފީހަށް ހުށަހަޅާފައިވަނީ ދައުލަތުގެ މުއައްސަސާއަކުން ނިޒާމީ ގޮތެއްގައި ހިންގި އަމަލެއްގެ ސަބަބުން އިންސާނީ ހައްގެއް ނިގުޅައިގެންފައިވާކަމަށް ބުނެއެވެ. އަދި އެފަދަ އަމަލެއްގެ ސަބަބުން މީހެއްގެ އަސާސީ މިނިވަންކަން ނިގުޅައިގެންފައިވާކަމަށް ބުނެއެވެ.

އެގޮތުން ބޮންޑޭވަނީ ރައީސް އަމީނާ މެދު ދައުލަތުން އަމަލުކޮށްފައިވާ ގޮތް އިތުރަށް ސާފުކޮށްދޭންޖެހޭކަމަށް ވިދާޅުވެފައެވެ.

ހަމައެއާއެކު ރައީސް އަމީނަކީ ހާއިނެއްކަމަށް ބުނެ ކޮށްފައިވާ ހުކުމް ބާތިލުކުރުމަށް ވެސް އެ މައްސަލަ ހުށަހަޅަމުން އޭނާ ވަނީ އެދިވަޑައިގެންފައެވެ.

ރައީސް އަމީން ރާއްޖޭގެ ވެރިކަން ކުރައްވާފައިވަނީ 1953ވަަނަ އަހަރު އަށް މަސް ދުވަހުގެ މުއްދަތަކަށެވެ. އެއާއެކު ވެރިކަމުން ދުރުކުރެވުމަށްފަހު އެމަނިކުފާނު އަވަހާރަަވީ ވިހަމަނާފުށީގައެވެ. އެއީ މިހާރުގެ ކުރުނބާ އައިލެންޑް ރިސޯޓެވެ.

އިންތިގާލީ އިންސާފުގެ އޮފީހުގެ މަގްސަދަކީ ދައުލަތުގެ މުއައްސަސާތަކުން، ދިވެހިރައްޔިތުންގެ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފަށް ހިންގާފައިވާ އަމަލުތައް ދެނެގަތުމެވެ. އަދި އެފަދަ ކަންތައްތައް ތަހުގީގުކޮށް ހަގީގަތާ ހަމައަށް ވާސިލްވުމެވެ.

comment ކޮމެންޓް