ގައިން ގަޔަށް ނާރާ ބަލިތަކާ ބެހޭ ސާވޭ އަލުން ފަށަނީ

ސެޕްޓެމްބަރ 2، 2021: ހުޅުމާލެ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް-19 ގެ ހާލަތާ ގުޅިގެން މެދުކަނދާލާފައިވާ "ސްޓެޕްސް ސާވޭ" މާދަމާ އަލުން ފަށާނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

މި ސާވޭ އަކީ ދިރިއުޅުކުގެ ވައްޓަފާޅިއާ ގުޅިފައިވާ، ދިގު މުއްދަތަށް ބޭސް ފަރުވާ ކުރަންޖެހޭ ބަލިތައް ނުވަތަ ގައިންގަޔަށް ނާރާ ބަލިތައް ޖެހުމަށް މެދުވެރިވާ ހިރާސްތައް ދެނެގަތުމަށް ކުރިއަށްގެންދާ ސާވޭއެކެވެ.

ރާއްޖޭގެ ހުރިހާ ސަރަހައްދެއް ތަމްސީލުވާ ގޮތަށް މި ސާވޭ ފެށީ މިދިޔަ އަހަރު ތެރޭގައިއެވެ. އަދި ކޮވިޑްގެ ބަލިމަޑުކަމާ ގުޅިގެން ސާވޭ މެދު ކެނޑުނު ނަމަވެސް، އަމާޒަކީ މި އަހަރު ސާވޭކޮށް ނިންމުން ކަމަށް އެޗްޕީއޭއިން ބުންޏެވެ.

މި ސާވޭ އަކީ އެޗްޕީއޭ އިން އިސްނަގައިގެން ގައުމީ ޔުނިވާސިޓީ އާއި ޑަބްލިއުއެޗްއޯއާ ގުޅިގެން ކުރިއަށް ގެންދާ ސާވޭ އެކެވެ.

އެޗްޕީއޭ އިން ބުނީ އެ ސާވޭ ކުރުމަށް ގުރުއަތުން ނަގާ ގޭގެއަށް މައުލޫމާތު އެއްކުރަން ޓީމުތަކުން ދާނެ ކަމަށެވެ. ސާވޭގެ މަސައްކަތުގައި ބައިވެރިވާ މީހުން ތިބޭނީ ގައުމީ ޔުނިވާސިޓީން ދޫކޮށްފައިވާ ހާއްސަ ފާހެއް އަޅައިގެން ކަމަށާއި އެ ސާވޭ އަށް އެއްބާރުލުން ދިނުމަށް އެޗްޕީއޭ އިން ވަނީ އެދިފައެވެ.

comment ކޮމެންޓް