އިސްރާއީލުގެ ސަލާމަތީ ނިޒާމު ފޫއަޅުވާލި ފަލަސްތީނުގެ އަސީރުން ހޯދުމުގައިވެސް އިސްރާއީލަށް ނާކާމިޔާބު

އިސްރާއީލުގެ ބޮޑުވަޒީރު ނަފްތާލީ ބެނެޓް

ޓެލްއަވީވް (ސެޕްޓެމްބަރު 8): އިސްރާއީލުން ސަލާމަތީ ގޮތުން އެންމެ ވަރުގަދަ ފިޔަވަޅުތައް އަޅާފައިވާ ޖަލު ކަމަށްވާ ޖަލްބޫއު ޖަލުން ފަލަސްތީނުގެ ހަ އަސީރުން ފިލުމާ ގުޅިގެން މުޅި އިސްރާއީލަށް ކުއްލި ޝޮކެއް ލިބިފައިވާއިރު އެ ހަ އަސީރުން ހޯދުމަށް ކުރަމުން ގެންދާ މަސައްކަތުންވެސް މިހާތަނަށް އިސްރާއީލުގެ ސަލާމަތީ ބާރުތަކަށް އެއްވެސް ކާމިޔާބެއް ނުލިބޭކަމަށް އިސްރާއީލުގެ މިޑީއާ ބުނެފިއެވެ.

އިސްރާއީލުގެ ނޫސްތައް ބުނާގޮތުން ޖަލްބޫއު ޖަލުން ފަލަސްތީނުގެ ހަ އަސީރުން ފިލުމަކީ އިސްރާއީލު އުފެދުމަށްފަހު އެގައުމުން ދުޝްމަނުންގެ ސިކުނޑިތަކަށް ވައްދާފައިވާ "ސެކިއުރިޓީ ލެޖެންޑް" ގެ އިތުބާރު ގެއްލި އިސްރާއީލުގެ އަމަނާއި ސަލާމަތް ނުރައްކަލަށް ހުށަހެޅިގެން ދިޔަކަމެކެވެ.

އިސްރާއީލު ފަލަސްތީނުގެ ބިމުގައި ދެމިއޮތުމަށްޓަކައި އެގައުމުން ޕްރޮޕަގެންޑާކޮށް އަރަބިންގެ ހިތްތަކަށް ވައްދާފައިވަނީ އިސްރާއީލަކީ ސަލާމަތީގޮތުން ނުކުޅެވޭނެ ގައުމެއްކަމާއި އިސްރާއީލުގެ އަމަނާބެހެ ރޭވުންތަކަކީ އާދައިގެ އެއްޗެއް ނޫންކަމެވެ. އަދި އިސްރާއީލުގެ ޔަހޫދީ ސިކުނޑިތަކަކީ އާދަޔާ ޚިލާފު މޮޅު ސިކުނޑިތަކެއްކަމާއި އެ ސިކުނޑިތަކުން އުފައްދާފައިވާ އަމަނާބެހޭ ރޭވުންތަކަކީ "ސެކިއުރިޓީ ލެޖެންޑް" އެއްކަމުގައެވެ.

ނަމަވެސް އެތަށް ކަމެއްގައި އިސްރާއީލު ޖާސޫސީ ގޮތުން ފެއިލްވެފައިވާކަން ކުރިންވެސް ވަނީ ފެނިފައެވެ. އަދި މިހާރު މިކަން ދަނީ މާބޮޑަށްވެސް ފެންނަމުންނެވެ. މިފަހަކަށް އައިސް މިކަން މާބޮޑަށް ފެންނަމުންދާތީ މިއީ އިސްރާއީލު ދެމިއޮތުމަށް އޮތް ބިރެއްކަމަށް އިސްރާއީލުގެ ނޫހެއްކަމަށްވާ "ޔަދިއޯތު އަހްރަނޯތު" ބުނެއެވެ.

އިސްރާއީލުގެ އެހެން ނޫހެއްކަމަށްވާ " މައާރީފް" ބުނާ ގޮތުން ފަލަސްތީނުގެ ހަ އަސީރުން އިސްރާއީލުގެ ސަލާމަތީ ބާރުތަކަށް ރޭކާވެސް ނުލާގޮތަށް ޖަލުން ފިލިގޮތް ހޯދުމަށް ޓަކައި އިސްރާއީލުގެ އަމަނާބެހޭ ދާއިރާތަކުން ވަނީ މިކަމުގެ ތަހްގީގުތަކެއް ފުޅާ ދާއިރާއެއްގައި ފަށާފައެވެ. ފިލާފައިވާ އަސީރުން ހޯދުމަށްޓަކައި އިސްރާއީލުގެ ފުލުހުންނާއި ސިފައިންގެ ލަޝްކަރުތަކުގެ އިތުރުން އިސްރާއީލުގެ ޖާސޫސީ ދެ އިދާރާކަމަށްވާ މޫސާދު އާއި ޝިން ބޭތު ވެސް ހަރަކާތްތެރިވަމުން ދާކަމަށް މިނޫސް ބުނެއެވެ.

އިސްރާއީލު ބުނާގޮތުން ޖަލްބޫއު ޖަލުން ފަލަސްތީނުގެ ހަ އަސީރުންނަށް ފިލުމުގެ ފުރުސަތު ލިބުނީ އެތަނުގައި ހަރުކޮށްފައިވާ ސީސީޓީވީ ކެމެރާތަކުން ޖަލު ބަލަހައްޓަން ތިބި ގާޑުންނާ އަދި ފުލުހުން އެވަގުތު ނިދާފައި ތިބުމުގެ ސަބަބުންނެވެ. އިސްރާއީލު މިހެން ބުނާއިރު ސަމުސަލެއް ވަރުގެ އެއްޗެއް ނޫނީ ނުލިބޭގޮތަށް ތިބި ފަލަސްތީނުގެ އަސީރުން ޖަލްބޫއު ޖަލުގެ ބިމު އަޑިން ކޮނެ ފިލުމަށް މަސައްކަތް ކުރާތާ އެތަށް މަހެއްވެފައިވާކަން ފަހުންވަނީ ހާމަވެފައެވެ.

މިހާ ގިނަ ދުވަހު މިމަސައްކަތްކުރިއިރުވެސް ޖަލު ބަލަހައްޓާ ފަރާތްތަކަށާ އަދި އިސްރާއީލުގެ އަމަނާބެހޭ އިދަރާތަކަށް މިތަން ކޮންނަމުންދާކަން ރޭކާ ނުލުމަކީ އިސްރާއީލުގެ ލަދުގަންނަންޖެހޭ ވަރުގެ ބޮޑު ނާކާމިޔާބީ އެއްކަމަށް ޚުދު އިސްރާއީލުގެ މިޑީއާ ރިޕޯޓްތަކުގައިވެސްވަނީ ސިފަކޮށްފައެވެ.

ފަލަސްތީނުގެ އަސީރުން ޖަލްބޫއު ޖަލުން ފިލިކަމަށްވަނީ އެމީހުން ތިބި ގޮޅީގެ ފާހާނާގެ ތެރެއިން ވަރަށް ސިއްރިޔާތުގައި ބިންގަރާހެއް ކޮނެގެން ޖަލުގެ ބޭރު ފާރުގެ އަޑިންގޮސް ޖަލުގެ ބޭރަށް ބިންގަރާސް ފޫއަޅުވާލައިގެންނެވެ. މިއީ ފިލްކަމުން ފެންނަވަރުގެ އާދަޔާ ޚިލާފު މޮޅު ކަމެއްގެ ގޮތުގައި ދަނީ ސިފަކުރެވެމުންނެވެ. މިވަރުގެ ބޮޑު މަސައްކަތެއް ޖަލުތެރޭގައި ކުރިއިރު އިސްރާއީލަށް ރޭކާލާފައިވެސް ނުވެއެވެ.

އިސްރާއީލުގެ އަމަނާބެހޭ ނަޒަރިއްޔާތައް ފޭލްވަމުންދާނަމަ އިސްރާއީލެވެ ކިޔާ ޔަހޫދީ ދައުލަތަށް ފަލަސްތީނުގެ ބިމުގައި އަމާންކަމާއެކު ނޯވެވޭނެކަމުގެ ބިރު އިސްރާއީލުގެ ޔަހޫދީން ކުރާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ. ފަލަސްތީނުގެ ބިމުގައި އިސްރާއީލުގެ ނަމުގައި އުފައްދާފައިވާ ދައުލަތަށް އެމެރިކާ އާއި ޔޫރަޕްގެ ގައުމުތަކާ އަދި އެނޫންވެސް ގައުމުތަކުން ހިޖްރަކޮށްގެން އުޅޭ ޔަހޫދީންނަށް މިބިރު އިހްސާސް ވަމުންދާނަމަ އެމީހުން އިސްރާއީލު ދޫކޮށް އެމީހުންގެ އަސްލު ގައުމުތަކަށް އެނބުރި ދިޔުމާމެދު ވިސްނާނެ ކަމަށާ މިއީ އިސްރާއީލު ރޫޅުމުގެ ކޮޅުމަތި ކަމަށް ވެދާނެކަމުގެ މުހައްލިލުން ދެކެއެވެ.

ޖަލްބޫއު ޖަލުން ފަލަސްތީނުގެ ހަ އަސީރުން ފިލުމާ ގުޅިގެން އިސްރާއީލުން ގެންދަނީ ފަލަސްތީނުގެ އަސީރުން ހައްޔަރުކޮށްފައިވާ އިސްރާއީލުގެ އެހެން ޖަލުތަކުގައިވެސް މިފަދަ ކަމެއް ކުރަމުން ގެންދޭތޯ ބަލަމުންނެވެ. އަދި އިސްރާއީލުން ވަނީ ފަލަސްތީނުގެ އަސީރުންގެ ތެރެއިން އެތަށް ބަޔަކު އެހެން ޖަލުތަކަށް ބަދަލުކޮށް ޖަލުތައް ބަލައި ފާސްކުރުމުގެ ޚާއްސަ މަސައްކަތް ތަކެއް ފަށާފައެވެ.

އިސްރާއީލުގެ ޖާސޫސީ އިދާރާތައް ލަފާކުރާގޮތުން ފިލި ހަ އަސީރުން ދާނީ ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ސަރަހައްދުތަކަށެވެ. ނޫނީ އިސްރާއީލުގެ ސަރަހައްދީ ރޮނގު ހުރަސްކޮށް ސޫރިޔާއަށްވެސް އެމީހުން ފިލާފާނެކަމުގެ ބިރު އިސްރާއީލުން އިހްސާސް ކުރެއެވެ. މިހާތަނަށް މި ހަ އަސީރުން ގެ ހިލަމެއްވެސް އިސްރާއީލަށް ވެފައެއް ނުވެއެވެ.

އިސްރާއީލުގެ އަނިޔާވެރިކަމާއި އިސްތިއުމާރާ ދެކޮޅަށް ޖިހާދުކުރާ ފަލަސްތީނުގެ ޖަމާއަތްތަކުންވަނީ މި ހަ އަސީރުން ފިލުމުގެ ސަބަބުން އިތުރު ހިއްވަރެއް ލިބިފައެވެ. އިޒްރާއީލުގެ އަމަނާބެހޭ ނިޒާމަކީ "ސެކިއުރިޓީ ލެޖެންޑް" އެއް ފަދަ އެއްޗެއް ގެ ގޮތުގައި އިސްރާއީލުން ސިފަކުރާ ސިފަކުރުމަކީ ޖޯކެއްކަމާއި އަސީރުން ކުރި ހިއްވަރަށް ސާބަސްދީ އެމީހުންނަކީ މިނިވަންކަމުގެ ބަތަލުން ކަމަށް ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދުކުރާ ޖަމާއަތްތަކުން ގެންދަނީ ސިފަކުރަމުންނެވެ.

comment ކޮމެންޓް