އެކުވެރިކަމުގެ ފުރަތަމަ މެޗުން ބަންގްލަދޭޝް ބަލިވެއްޖެ

ބަންގްލަދޭޝް އާ ފަލަސްތީން ބައްދަލުކުރި އެކުވެރިކަމުގެ މެޗުގެ ތެރެއިން--- ފޮޓޯ: ބީއެފްއެފް

ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ބަންގްލަދޭޝް ކުޅުނު ފުރަތަމަ މެޗުން އެގައުމު ބަލިވެއްޖެއެވެ. ކިރްގިސްތާނުގައި ތިން ގައުމު ހިމަނައިގެން ކުރިއަށް ގެންދާ ތުރީ ނޭޝަން ކަޕުގައި ފަލަސްތީން އަތުން ބަންގްލަދޭޝް ބަލިވީ 2-0 ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ގޯލު ފެނިގެންދިޔައީ 33 ވަނަ މިނިޓުގައެވެ. ފަލަސްތީނަށް މިގޯލު ޖަހައިދިނީ ވިންގާ ލައިތު ހަރޫބްއެވެ. ދެވަނަ ހާފު ފަށައިގެން ދެމިނިޓުގެ ތެރޭގައި ފަލަސްތީނުން ދެވަނަ ގޯލު ޖެހިއެވެ. މިލަނޑު ޖަހައިދިނީ ޑިފެންޑަރު ޔާސިރު ހަމަދުއެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ބަންގްލަދޭޝް ގައުމީ ޓީމުގެ ކޯޗު ޖޭމީ ޑޭ ބުނީ މިމެޗު އުނދަގޫ ވާނެކަން ކުރިންވެސް އިނގޭ ކަމަށާއި ދެގައުމުގެ ފުޓުބޯޅައިގެ ލެވެލު ވަަރަށް ތަފާތު ކަމަށެވެ.

"މެޗަށް ނިކުތީވެސް އުނދަގޫ މެޗެއްކަން އެނގިގެން. ފަލަސްތީނު ފީފާ ރޭންކިންވެސް މާކުރީގައި އުޅެނީ. އުނދަގޫ މެޗެއްގައި ކުޅުންތެރިން ކުރި މަސައްކަތާމެދު ހިތް ހަމަޖެހޭ،" ޑޭ ބުންޏެވެ.

ޓްރޭނިން ކޭޕުގެ ތެރެއިން ކުޅޭ ދެވަނަ މެޗުގައި ބަންގްލަދޭޝް ވާދަކުރާނީ ކްރިގިސްތާނާ ދެކޮޅަށެވެ. އެމެޗަށް ނިކުންނައިރު ފުރަތަމަ 11އަށް ބަދަލުތަކެއް ގެއްނާނެ ކަމަށް ޑޭ ބުންޏެވެ.

ކިރްގިސްތާނު މެޗުގައި ޓީމުގެ ކުޅުން އިތުރަށް ރަނގަޅު ކުރެވޭނެ ކަމަށް ގަބޫލު ކުރާ ކަމުގައިވެސް ޑޭ ބުންޏެވެ. ބަންގްލަދޭޝް އާ ކިރްގިސްތާން މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންގާރަ ދުވަހުއެވެ.

comment ކޮމެންޓް