ޕީޕީއެމްއާއެކު ސިޔާސީ މަޝްވަރާ ކުރާނީ އިންޑިއާއަށް ބަދުބަސް ބުނުން ހުއްޓާލުމުން: ނަޝީދު

މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު، ކުރީގެ ރައީސް ޔާމިން އަބްދުލްގައްޔޫމްއާ އެކު -- ފައިލް ފޮޓޯ/ ރައީސް އޮފީސް

އިދިކޮޅު ޕީޕީއެމް ނުވަތަ އެނޫންވެސް އެހެން ޕާޓީއަކާއެކު ސިޔާސީ ގޮތުން މަޝްވަރާ ކުރަނީ ދެ ފަރާތުން ވެސް އެއް ފިކުރަކަށް އައުމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއަށް ފަހު މިއަދު ފުރަތަމަ ފަހަރަށް ނަޝީދު ވަނީ ނޫސްވެރިންނާ ބައްދަލުކުރައްވާފައެވެ.

މި ބައްދަލުވުމުގައި ޕީޕީއެމްއާއެކު ސިޔާސީ މަސައްކަތް ކުރައްވާނެ ކަމަށް މީގެ ކުރިން ރައީސް ނަޝީދު ވިދާޅުވެފައިވުމާ ގުޅިގެން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ ހޯލް ޕާޓީ އެއްބަސްވުން ގިނަ ކަންކަމުގައި ހުންނަން ޖެހޭ ކަމަށެވެ. އަދި ވަކިން ހާއްސަކޮށް ހާރިޖީ ސިޔާސަތަށް މިއީ މުހިންމު ކަމެއް ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެކަމާ ގުޅުވައިގެން ރައީސް ނަޝީދު ވިދާޅުވީ ސިޔާސީ ޕޯޑިއަމްތަކުގައި އިންޑިއާ އާއި އެހެނިހެން ގައުމުތަކާ ގުޅުވައިގެން ބަދުބަސް ބުނުމަކީ ރަނގަޅު ކަމެއް ނޫން ކަަމަށެވެ.

"އަޅުގަނޑު ހަމަ ވަރަށް ބޮޑަށް ކަނޑައެޅިގެން ދަންނަވަން އެބަ، އެއްވެސް ބަޔަކާ އެކީގައި ސިޔާސީ މަޝްވަރާއެއް ކުރެވޭނީ ސިޔާސީ އެއްފިކުރަކަށް އައިސްގެން. އޭގެތެރޭގައި އިންޑިއާއަށް ބަދު ބަސް ނުބުނުން އެއީ ބޭނުންތެރި ކަމެކޭ. އެގޮތަށް އެބޭފުޅުންގެ ސިޔާސަތުތައް ބައްޓަން ވާންޖެހޭ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން ސިޔާސީ ގޮތުން މަސައްކަތްކުރާ ނަމަ ދީނީ ގޮތުން ހައްދު ފަހަނައަޅާ ދިއުމާއި ހަރުކަށި ވިސްނުންތަކާ ދެކޮޅު ހަދާ، އަދި ޑިމޮކްރަސީއަށް ތާއީދުކުރާ ބަޔަކަށް ވާން ޖެހޭނެ ކަން ނަޝީދު ފާހަަގަކުރެއްވިއެވެ.

އިދިކޮޅު ޕީޕީއެމްގެ ޖަލްސާތަކުގައި އިންޑިއާއަށް ފާޑުކިޔާތީ މީގެ ކުރިން ވެސް ރައީސް ނަޝީދު ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.

comment ކޮމެންޓް