"ރައީސް ނަޝީދުގެ ކަނާއަތުގެ ތިން އިނގިލި ބުރިކޮށްލަން ޖެހިދާނެ"

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު -- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކަނާއަތުގެ ތިން އިނގިލި ބުރިކޮށްލަން ޖެހިދާނެ ކަމަށް އެމަނިކުފާނުގެ އަރިސް ބޭފުޅެއް ކަމަށްވާ ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.

މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާގައި ލިިބިވަޑައިގެން ޒަހަމްތަކަށް އެމަނިކުފާނު އަންނަނީ އިނގިރޭސިވިލާތުގައި ފަރުވާ ހޯއްދަވަމުންނެވެ.

"ސަން"އާ ވާހަކަ ދައްކަވަމުން ބޮންޑޭ ވިދާޅުވީ ރައީސް ނަޝީދު ރާއްޖެ ވަޑައިގަތުމަށް އޮތް އެއް ހުރަހަކީ ދެ ހަފްތާއިން އެއްފަހަރު ޑޮކްޓަރަށް ދަައްކަން ޖެހުން ކަމަށެވެ.

މީގެ އިތުރުން އެމަނިކުފާނުގެ ކަނާތު ތިން އިނގިލި އޮތީ ވަރަށް ބޮޑަށް އައްސިވެފައި ކަމުގައި ރައީސް ނަޝީދާ ހަވާލާދީ ބޮންޑޭ ވިދާޅުވިއެވެ.

"ޑޮކްޓަރު ހަ މަހަށް ބަލާފަ ރަނގަޅު ނުވާ ކަމަށް ވަނީ ނަމަ ބުރިކޮށްލާނެ ވާހަކަ ވެސް އެބައޮތް ބުނެފައި،" ބޮންޑޭ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) -- ފޮޓޯ/ މަޖިލިސް

މީގެ އިތުރުން ރައީސް ނަޝީދަކީ ވަރަށް ގިނައިން ލިޔުއްވާ ބޭފުޅެއް ކަމަށް ވިދާޅުވެ ބޮންޑޭ ވަނީ ރައީސް ނަޝީދުގެ އިނގިލިތައް ބުރިކޮށްލަން ޖެހިއްޖެނަމަ އެމަނިކުފާނު މަސައްކަތް ކުރައްވާނީ ކިހިނެއްތޯ ސުވާލު ކުރައްވާފައެވެ.

ރައީސް ނަޝީދު ރާއްޖެ ވަޑައިގަތުމަށް ދެން އޮތް ހުރަހެއްކަމުގައި ބޮންޑޭ ފާހަގަ ކުރެއްވީ ރާއްޖޭގައި އަދިވެސް އެމަނިކުފާނަށް ސަލާމަތާއި ރައްކާތެރިކަން ނެތުމެވެ.

"ދެން މިތާ ސެކިއުރިޓީ ވާހަކަ. ސެކިއުރިޓީއެއް ނެތް މިތާނގައެއް،" ބޮންޑޭ ވިދާޅުވިއެވެ.

ބޮންޑޭ ވިދާޅުވީ ރައީސް ނަޝީދުގެ އުމުރުފުޅުން މިހާރު 53 އަހަރު ވެއްޖެ ކަމަށާއި އުމުރު ހޭދަކުރެއްވީ ރައްޔިތުންގެ ހައްގުގައި ކަމަށެވެ. އަދި ދިވެހިރައްޔިތުންގެ ހައްގުގައި ކޮށްދިން ކަންކަމަށް، މިއަދުގެ ދައުލަތުން ރައީސް ނަޝީދަށް ހައްގު މިންވަަރަކީ މިއީތޯ ބޮންޑޭ ވަނީ ސުވާލު އުފައްދަވައިފައެވެ.

ބޮންޑޭ ވިދާޅުވީ ރައީސް ނަޝީދުގެ ދަރިކަނބަލުން ވެސް އެމަނިކުފާނުގެ ސަލާމަތާއި ރައްކާތެރިކަމާމެދު ކަންބޮޑުވެލައްވާ ކަމަށެވެ. އަދި އެމަނިކުފާނު ސިޔާސީ ދާއިރާގައި މަސައްކަތް ކުރެއްވުމަށް ދަރިކަނބަލުން ބޭނުންފުޅު ނުވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އެ ކުދިން އެބުނަނީ ބައްޕާއޭ އުމުރުން 53 އަހަރުވީއޭ. މީއެއް ނޫންހޭ މިގައުމު އޮތް ހާލަތަކީ. ދެން ނުވިއެއް ނޫންހޭ ރަނގަޅެއް. ރަނގަޅު ކުރަން އެހެން ޖެނަރޭޝަނެއް ނުކުންނަންވީއޭ. އެ ކުދިން އެ ބުނަނީ ގައުމުގައި އެހެން ބަޔަކު ވެސް ތިކަމާ އުޅެން ވެއްޖެއޭ،" ރައީސް ނަޝީދުގެ ދަރިކަނބަލުންނާ ހަވާލާދީ ބޮންޑޭ ވިދާޅުވިއެވެ.

comment ކޮމެންޓް