މިއަހަރު އެންމެ ގިނައިން ދައުލަތުން ވަކީލުން ހޯދައި ދިނީ ކުޑަކުދިންނަށް

ޖުލައި 20، 2021: އަޟްހާ އީދުގައި މާލޭ ސަރަހައްދުގައި ހަވީރު ހަތަރަކުން ރޭގަނޑު 8 އަކަށް ފައިމަގުގައި އުޅުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މި އަހަރުގެ މިހާތަނަށް ދައުލަތުން އެންމެ ގިނައިން ގާނޫނީ ވަކީލުންގެ އެހީތެރިކަން ފޯރުކޮށްދީފައި ވަނީ ކުޑަކުދިންނަށް ކަމަށް އެޓާނީ ޖެނެރަލް އޮފީހުގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

މި އަހަރުގެ ޖެނުއަރީން ފެށިގެން އޯގަސްޓް މަހުގެ ނިޔަލަށް ޖުމްލަ 140 ފަރާތަކަށް ދައުލަތުން ގާނޫނީ ވަކީލުންގެ އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.

އޭގެ ތެރޭގައި އެކި ތުހުމަތުތައް ކުރެވޭ 18 އަހަރުން ދަށުގެ 74 ކުޑަކުދިން ހިމެނެއެވެ.

އަށާރަ އަހަރުން މަތީގެ 66 މީހަކަށް ގާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދީފައި ވާއިރު، އޭގެ ތެރޭގައި ހިމެނެނީ 18 އަހަރާ 30 އަހަރާ ދެމެދުގެ 28 މީހުންނާއި، 50 އަހަރުން ދަށުގެ 31 މީހުންގެ އިތުރުން 51 އަހަރުން މަތީގެ ހަތް މީހުންނެވެ.

ކުޑަކުދިންގެ ތެރެއިން ވެސް އަދި ބޮޑެތި މީހުންގެ ތެރެއިން ވެސް އެންމެ ގިނައިން ވަކީލުން ހަމަޖައްސައިދީފައި ވަނީ މަސްތުވާ ތަކެއްޗާ ގުޅޭ ތުހުމަތުތަކުގައެވެ.

ދައުލަތުގެ ފަރާތުން ގާނޫނީ ވަކީލުން ހަމަޖެއްސި ކުޑަކުދިންނަށް ކުރެވޭ ތުހުމަތުތައް:

  • މަސްތުވާތަކެއްޗާ ގުޅޭ ކުށްތައް - 40 ކުދިން
  • މާރާމާތީ ހިންގުން، އަނިޔާއެއް ދިނުން - 12 ކުދިން
  • ވައްކަން ކުރުން، މަކަރާއި ހީލަތުން ފައިސާ ހޯދުން - އަށް ކުދިން
  • މުދަލަށް ގެއްލުން ދިނުން - ހަތަރެއް
  • ބްލެކްމެއިލް ކުރުން - ތިން ކުދިން
  • މީހުން މެރުން - ތިން ކުދިން
  • ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސް އަޅައި އިންޒާރު ދިނުން - ދެ ކުދިން
  • ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ކުށްތައް - ދެ ކުދިން

ދައުލަތުގެ ފަރާތުން ގާނޫނީ ވަކީލުން ހަމަޖެއްސި ބޮޑެތި މީހުންނަށް ކުރެވޭ ތުހުމަތުތައް:

  • މަސްތުވާތަކެއްޗާ ގުޅޭ ކުށް - 38
  • ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުން - 17 މީހުން
  • މީހުން މެރުން - ހަތަރު މީހުން
  • ވައްކަން ކުރުން، ހިޔާނާތްތެރިވުން - ތިން މީހުން
  • މާރާމާތީ ހިންގުން، އަނިޔާ ދިނުން - ދެ މީހުން
  • ޓެރަރިޒަމްގެ ކުށްތައް - އެކަކު
  • ރޭޕްކުރުން - އެކަކު
comment ކޮމެންޓް