ދިވެހި ޤައުމުގެ ބައްޕަ

ޤައުމެއް ބިނާ ކުރެވޭނީ، ޤައުމުގެ ތާރީޚާ މެދު ހެއިލުންތެރި، ޤައުމުގެ ބަޠަލުންނަށް ލޯބި ކުރާ، ޤައުމިއްޔަތުގެ ފިކުރު ހުރި ދަރީންތަކެއް އުފައްދައިގެން.

މިއީ މީގެ ދުވަސްތަކެއް ކުރީން ހަމަ މި ކޮލަމުގައި އަޅުގަނޑު ލިޔުނު ވާހަކައެކެވެ. ވާހަކައިގެ މުހިއްމުކަމުން، ތަކުރާރުކޮށް އެ ވާހަކަ ދައްކައިލާން ބޭނުން ވީއެވެ.

މީލާދީން 1773 ގައި ދިވެހިރާއްޖޭގައި ރަސްކަމުގެ އައު ދަރިކޮޅެއްގެ ބިންގާ އެޅުނެވެ. އެ ދަރިކޮޅަކީ މަޝްހޫރު ހުރާގޭ ދަރިކޮޅެވެ. އެ ދަރިކޮޅުގެ ބާނީ އަކީ އަދި ފުރަތަމަ ރަސްކަލަކީ ސުލްޠާން މުޙައްމަދު ޝަމްސުއްދީން އިސްކަންދަރު ދެވަނަ މި ނަންފުޅުގައި ތަޚުތަށް އިސް ވެވަޑައިގަތް، ހުރާގޭ މުޙައްމަދު މަނިކުފާނެވެ. 25 ސެޕްޓެންބަރު 2019 ގައި އަޅުގަނޑު މި ކޮލަމުގައި ލިޔުނު ލިޔުމެއްގައި ވެސް ދެންނެވި ފަދައިން، މި މުޙައްމަދު މަނިކުފާނަކީ ހުރާގޭ ދަރިކޮޅުގެ ފުރަތަމަ ރަސްގެފާނެވެ. މިއަދާ ހަމަޔަށް އަޅުގަނޑުމެންނަށް، ހުރާގޭ ދަރިކޮޅުގެ ފެށުމަކީ އަދި ފުރަތަމަ ރަސްކަލަކީ އައްސުލްޠާނުލް ޣާޒީ ޙަސަން ޢިއްޒުއްދީން ދޮން ބަންޑާރައިން ކަމަށް ކިޔައިދެވި ބުނެދެވިފައި އޮތުމާ އެކުގައި ވެހެވެ. އަޅުގަނޑު ދެކޭ ގޮތުގައި، ދޮން ބަންޑާރައިންނަކީ ދިވެހި ދައުލަތުގައި ޝާހީ ދަރިކޮޅެއްގެ ބިންގާ އެޅުއްވި ބެއިފުޅެއް ނޫނެވެ. އެމަނިކުފާނަކީ ދިވެހި ތަޚްތުގެ ވެރިޔާ ޤައުމުގައި ވަޑައިގެން ނެތް ޙާލަތެއްގައި، ޙާލާތީ މަޖުބޫރެއްގެ ސަބަބުން، ރަސްކަމާ ޙަވާލު ވެވަޑައިގަތް ބެއިފުޅެކެވެ. އެމަނިކުފާނު އެކަން ހަނދުމަފުޅު ނެއްތައެއްނުލައްވައެވެ. އެމަނިކުފާނު އަވަހާރަ ވުމުގެ އާލާސްކަންފުޅުގެ ތެރޭގައި، ޢާއިލާގެ އިސް ބެއިފުޅުންނާއި ދައުލަތުގެ ބޮޑުން ޙާޟިރު ކުރައްވައި، ދިވެހި ރަސްކަމަކީ އެމަނިކުފާނާއި އެމަނިކުފާނުގެ ޢާއިލާގެ އެއްޗެއް ނޫން ކަން އެ އެންމެތަކުންނަށް ސާފުސާފުކޮށް ހަނދާން ކޮށްދެއްވިއެވެ. އަދި ރަސްކަމުގެ ޙަޤީޤީ ވާރިސު ކަމަށް ވާ އިބްރާހީމް ރަސްގެފާނުގެ މުޙައްމަދު މަނިކުފާނު ތަޚުތުގައި ވެޑުވުމަށް ވަޞިއްޔަތް ކުރެއްވިއެވެ. އެ ވަޞިއްޔަތާ އެއްގޮތަށް، ދޮން ބަންޑާރައިން އަވަހާރަ ވުމަށް ފަހު ދިވެހި ސިންގާސަނާއަށް އިސް ކުރެވުނީ އިބްރާހީމް ރަސްގެފާނުގެ މުޙައްމަދު މަނިކުފާނެވެ. އާދެ، އައްސުލްޠާނުލް ޣާޒީ މުޙައްމަދު ޣިޔާޘުއްދީން އިސްކަންދަރުގެ ގޮތުގައެވެ. ދިޔަމިގިލީ ޝާހީ ޢާއިލާގެ ރަސްކަލެއްގެ ގޮތުގައެވެ.

ހުރާގޭ ދަރިކޮޅު ރަސްކަމެއް ދިވެހިރާއްޖޭގައި ފެށުނީ، ދޮންބަންޑާރައިންނަށް ފަހު، އެމަނިކުފާނުގެ ޢާއިލާގެ ބެއިފުޅަކު ކަމަށް ވާ ހުރާގޭ މުޙައްމަދު މަނިކުފާނު އިސް ވެ ހުންނަވައިގެން ގެނެވުނު އަނިޔާވެރި ބަޣާވާތުގައި ކީރިތި މަހާރަދުން މުޙައްމަދު ޣިޔާޘުއްދީން ޝަހީދު ކޮށް، އެ ހުރާގޭ މުޙައްމަދު މަނިކުފާނު ދިވެހިރާއްޖޭގެ ތަޚްތުގައި އިށީނދެވަޑައިގަތް ހިސާބުންނެވެ. ކީރިތި މަހާރަދުން ޝަހީދު ކޮށްލީ، ޙައްޖު ދަތުރުފުޅަކުން އެނބުރިވަޑައިގަތުމުން، ހައްޔަރު ކޮށްގެން ގެންގޮސް ހަށިކޮޅުގައި ކަޅުހިލަދައިން ބަރޯސީ ބަނދެފައި ކަނޑު ފައްތައިގެންނެވެ. ކީރިތިވަންތަ ﷲ ކީރިތި މަހާރަދުންގެ ފުރާނަފުޅު ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި ލައްވަވާށިއެވެ! ނުހަނު އަނިޔާވެރި ގޮތެއްގައި ކީރިތި މަހާރަދުން ޝަހީދު ކުރުމަށް ފަހު، ބާޣީންގެ ލީޑަރު ދިވެހި ތަޚުތުގައި އިށީނީ، ކުރީން ވެސް ދެންނެވި ފަދައިން، ސުލްޠާން މުޙައްމަދު ޝަމްސުއްދީން އިސްކަންދަރު ދެވަނަގެ ނަންފުޅުގައެވެ. މީލާދީން 1773 ވަނަ އަހަރުއެވެ. އެއަށްފަހު، އެ ދަރިކޮޅުގެ ވެރިކަން ދިވެހިރާއްޖެއިން އުވިގެން ދިޔައީ، ދެވަނަ ޖުމްހޫރިއްޔާގެ ދެވަނަ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް، 1978 ގައި ދިވެހިރާއްޖޭގެ ވެރިކަމާ ޙަވާލު ވެވަޑައިގަތް ހިސާބުންނެވެ.

ހުރާގޭ ދަރިކޮޅުގެ ވެރިކަމަކީ އެތައް ގޮތަކުން، ދިވެހިރާއްޖެއަށް ނިކަމެތިކަމާއި ދެރަ ގެނުވި ރަސްކަމެކެވެ. އެ ދަރިކޮޅުން ޚިދުމަތްތެރި އަދި ޙުއްބުލްވަޠަންގެ ރޫޙު ހުރި ބެއިބެއިފުޅުން ވެސް ފެނުނު މެއެވެ. ނަމަވެސް، ޖުމުލަ ގޮތެއްގައި ދެންނެވޭން އޮތް ވާހަކަ އަކީ، ހުރާގޭ ދަރިކޮޅުގެ ވެރިކަމުގައި ދިވެހި ޤައުމަށް ލިބުނީ ނިކަމެތިކަން ކަމަށެވެ. އޭގެ ތެރެއިން އެއް ކަމަކީ، ޢިލްމީ ގޮތުން ދިވެހިރާއްޖޭގެ ކުރިއެރުމާއި ތަރައްޤީ މުޅީން ހުއްޓުވައިލެވުނު ގޮތެވެ. ބާޣީ ލީޑަރު މުޙައްމަދު ޝަމްސުއްދީން އިސްކަންދަރު ދެވަނަ އާއި ހުރާގޭ ޝާހީ ޢާއިލާގެ ބޮޑުންގެ ސިޔާސަތުގެ ދަށުން، އެންމެ ފުރަތަމަ މި މަގުން ކުރެވުނު ކަމަކީ ޝަހީދު ކުރެވުނު ކީރިތި މަހާރަދުން މުޙައްމަދު ޣިޔާޘުއްދީން ނިސްބަތް ވެވަޑައިގަންނަވާ ދިޔަމިގިލީ ދަރިކޮޅުގެ އެއްވެސް ބެއިފުޅަކު ޢިލްމު ޙާޞިލު ކުރެއްވުން މަނާ ކުރެއްވުމެވެ. އެއަށްފަހު، ރަދުން ހިތްޕުޅާ ހަމަ ކުރައްވައިގެން ހުއްދަ ދެއްވި މީހަކު ފިޔަވައި، ދިވެހި އެއްވެސް ރައްޔިތަކު ޢިލްމު އުނގެނުން މަނާ ކުރުމުގެ މައްޗަށް މި އަމުރުފުޅުގެ ދާއިރާ ފުޅާ ކުރެވުނެވެ. މި ގޮތުގެ މަތީން، ދިވެހިރާއްޖޭގައި ޢިލްމު މަނާ ކުރެވުމުގެ ގެއްލުންތައް ބޮޑެވެ. ވަޒަން ކުރެވޭ ވަރަށް ވުރެ، ނުވަތަ ތަޞައްވުރު ކުރެވޭ ވަރަށް ވުރެ، އެތައް ގުނައެއް ބޮޑެވެ.

މި ދެންނެވި ފަދަ މާޙައުލެއްގައި، ދިވެހި ޤައުމުގެ ފަޚުރުވެރި ކާބަފައިންނާއި އަބްޠާލުންގެ ޙަޤީޤީ ޙައިޘިއްޔަތުތައް ވެސް ނިގުޅައިގަނެވުނީއެވެ. ހުރާގޭ ދަރިކޮޅުގެ ރަސްރަސްކަލުންނާއި ބޮޑުންގެ ވިދުވަރާއި ޝާނާއި ޝައުކަތުގެ ބިގަރުތައް އަލި ގަދަކޮށް ދިއްލުމުގެ ތެރޭގައި، ޤައުމަށް އަލިކަމާއި ހެޔޮކަން ގެންނެވި އެހެން ބަޠަލުންގެ ޒިކުރާގެ ޒީނަތްތެރި ބައްތިތަކުގެ ފާންކަން ފަނޑު ކޮށްލެވުނީއެވެ. މި ފަހަރު އަޅުގަނޑު ދައްކާން މި އުޅެނީ އޭގެ ތެރެއިން އެއް ބަޠަލުގެ ވާހަކައެވެ. އަޅުގަނޑު ދެކޭ ގޮތުގައި، ދިވެހި ޤައުމުގެ ބައްޕަގެ ވާހަކައެވެ. އެ ބެއިފުޅަކީ، އައްސުލްޠާން މުޙައްމަދު ބިން ޢަބްދުﷲ ސިރީ ބަވަނާދީއްތަ ދަރުމަވަންތަ ކީރިތި މަހާރަދުނެވެ.

ދަރުމަވަންތަ ކީރިތި މަހާރަދުނަކީ ދިވެހި ޤައުމުގެ ފަޚުރުވެރި އަދި ޝަރަފުވެރި ބައްޕަ ކަމުގައި ނުވާނޭ ގޮތެއް އެބައޮތްތޯއެވެ؟ ތާރީޚު ހެކި ވާ ފަދައިން، މުސްލިމް ދިވެހިރާއްޖެއެއް ވުޖޫދު ވެގެން އައީ އެމަނިކުފާނު އިސްލާމް ދީން ޤަބޫލުފުޅު ކުރައްވައި، ދިވެހިރާއްޖޭގެ ރަސްމީ ދީނަކީ އިސްލާމް ދީން ކަމުގައި ހައްދަވައި، އެމަނިކުފާނުގެ އަމުރުފުޅުގެ ދަށުން ދިވެހި ރައްޔިތުން އިސްލާމް ދީނުގެ ހިޔާވަހިކަމުގެ ދަށަށް ގެންނެވުމުންނެވެ. ސަބް-ކޮންޓިނެންޓުގައި އޮތް ބާޠިލަށް އަޅުދާސް ވުމާއި، ގެރި އާއި ނީލަގެރި އެތާއި ހަރުފަ ފަދަ ޖަނަވާރުތަކުން ފެށިގެން ގޮސް އިންސާނީ ކަރާމާތުގެ އުޞޫލުތަކުގެ ދަށުން ފަރުދާ ކުރެވޭ ގުނަވަންތަކަށް ދާންދެން އިލާހިއްޔަތުގެ ސިފަތައް ދީގެން އުޅުމުގެ ބިރުވެރި އަނދިރިކަމުން ދިވެހި އުއްމަތް މިންޖު ކުރެއްވެވީ އެމަނިކުފާނެވެ. ޙައްޤު ދީނުގެ ރޫޙާނީ އަދި އަޚްލާޤީ އަލިކަމުގެ ތެރެއަށް މި ޤައުމު ގެންނެވީ އެމަނިކުފާނެވެ. އެހެންކަމުން، ދިވެހި އިސްލާމީ ޤައުމިއްޔަތުގެ ބާނީ އަކީ އެމަނިކުފާނެވެ. ކޮންމެ މަހަކު، މަޢުޞޫމު ދިވެހި އަންހެން ކުއްޖަކު، ބުދު ދީނުގެ ހާމުދުރުންގެ ވަޙުޝީ އަދި ފާޙިޝް އެދުންތަކުގެ ރަންނަމާރިއަށް ޤުރުބާން ކުރެވެމުން ދިޔަ ކަޅު ދައުރެއްގެ އަނދިރިކަމުގެ ތެރެއިން، އިސްލާމް ދީނުގެ ލޯތްބާއި ރަޙްމާއި ޢަދާލަތާއި ހެޔޮކަމުގެ ތެރެއަށް މި ޤައުމު ގެންނެވި ލާމަސީލު ބަޠަލަކީ އެމަނިކުފާނެވެ. އެއަށްވުރެ ބޮޑު ހެޔޮކަމެއް މި ޤައުމަށް ކޮންދިން އެކަކު ވެސް ވޭތޯއެވެ؟ ޢަލީ ރަސްގެފާނު އެ ޤައުމަކަށް ޓަކައި ޝަހީދު ވެވަޑައިގަންނަވާނޭ މުސްލިމް ދިވެހި ޤައުމެއް، ދަރުމަވަންތަ ރަސްގެފާނާ ނުލައި އޮތީސްތޯއެވެ؟ ޣާޒީ މުޙައްމަދު ތަކުރުފާނު އެ ޤައުމަކަށް ޓަކައި މަތިވެރި ޖިހާދެއް ކުރައްވާނޭ ޤައުމެއް ދަރުމަވަންތަ ރަސްގެފާނާ ނުލައި އޮތީސްތޯއެވެ؟ ދޮން ބަންޑާރައިން އެ ޤައުމަކަށް ޓަކައި މަރާ ކުރިމަތި ލައްވަވާނޭ ޤައުމެއް، ދަރުމަވަންތަ ރަސްގެފާނާ ނުލައި އޮތީސްތޯއެވެ؟ ޝައްކެއް ނެތް ގޮތުގައި، ދަރުމަވަންތަ ރަސްގެފާނާ ނުލައި، އޮތީހީ ބުދު ދީނުގެ ނުވަތަ ހިންދޫ ދީނުގެ ބާޠިލުގެ ތެރޭގައި ހަފުސް ވެފައި އޮތް، މި ދީންތަކުގެ ބޮޑެތި ރަސްކަންތަކަށް އަޅުވެތި ވެފައި އޮތް "އައުޓްޕޯސްޓެއް" ނޫން ކަމަށް މެނުވީ ބެލެވޭނޭ ގޮތެއް ނެތެވެ.

ދަރުމަވަންތަ ރަސްގެފާނުގެ ވާހަކަ ދައްކާ އިރު، މަޝްހޫރު ރަންނަމާރި ވާހަކައިގައި އެ ކިޔާ ގޮތަށް، ކޮންމެ މަހަކު ބިކުރުވެރި އަންހެން ކުއްޖަކު ރޭޕް ކޮށް މަރައިލުމުގެ ޖަރީމާ ހިންގި "ހަގީގީ ކުށްވެރިޔަކީ" އެއިރު ހުންނެވި ރަސްގެފާނު ކަމަށް، ތާރީޚު ޢިލްމުވެރީން ކަމުގެ ދޮގު ދަޢުވާ ކުރި ބަޔަކު އީޖާދު ކޮށްގެން އުޅޭ ތިޔަރީއާ މެދު ވެސް އެއްޗެއް ދަންނަވައިނުލައި ދެވޭކަށް ނެތެވެ. އެ ތިޔަރީ އަކީ، ދެންނެވުމުގެ ހަމަ އެއްވެސް ބޭނުމެއް ނެތް ފަދައިން، އެއްވެސް ޢިލްމީ އަސާސެއް ނެތި ދެކެވިފައި ވާ ވާހަކައެކެވެ. ޚިޔާލީ ފުލޯކު ތެއްޔެއްގައި ޖަހާލަތުގެ އަލިފާނުން ކެއްކިގެން ސުފުރާމައްޗަށް ލެވުނު ވިޔާނުދާ ވާހަކަތަކެކެވެ. "ރަންނަމާރިޔަށް" ޤުރުބާން ކުރެވެމުން ދިޔަ އަންހެން ކުދީންގެ ޢިއްފަތްތެރިކަން ފޭރިގަނެ އެކުދީން މަރަމުން ގެންދިޔައީ ކާކު ކަމެއް ދިވެހި ތާރީޚަކުން އެއްވެސް މިންވަރަކަށް އެނގޭކަށް ނެތެވެ. ނަމަވެސް ތަންޤީދީ އަދި ދިރާސީ ނަޒަރަކުން ވިސްނައިލުމުން، ނެރެވޭ އެންމެ ދެކޮޅުޖެހޭ އަދި އެންމެ ސީދާސާދާ ނަތީޖާޔަކީ، އެކަން ކުރަމުން ގެންދިޔައީ ބުދުކޯލުގައި ތިބި ބުދު ދީނުގެ ހާމުދުރުން ކަމުގައި ބެލުމެވެ. އެކަމުގެ ތުހުމަތު ދަރުމަވަންތަ ރަސްގެފާނާ ދިމާޔަށް ގެންދެވޭނޭ އެއްވެސް ގޮތެއް އަދި މަގެއް ނެތެވެ.

ދިވެހިރާއްޖޭގައި ޤައުމިއްޔަތެއް ނެތުމުގެ އެންމެ ބޮޑު އެއް ސަބަބަކީ، ދިވެހި ދަރީންނަށް ދިވެހި ތާރީޚު ކިޔަވައިނުދެވުމެވެ. ދިވެހި ޤައުމުގެ މަތިވެރި އަބްޠާލުން ޤައުމަށް ކުރެއްވި ޚިދުމަތްތަކާއި ޤައުމަށް ޓަކައި ވެވަޑައިގަތް ޤުރުބާނީގެ ވާހަކަތައް، ބޮޑު ވަމުން އަންނަ ޖީލުތަކަށް އުނގަންނައިނުދެވުމެވެ. މި މައްސަލަ ޙައްލު ކުރެވި، ހެޔޮ ގޮތުގައި ދިވެހި ތާރީޚު ދިވެހި ދަރީންނަށް ކިޔަވައިދެވޭން ޖެހެއެވެ. އެ ކިޔަވައިދިނުމުގެ އެންމެ މުހިއްމު އެއް ބައެއް ކަމަށް ވާން ޖެހޭނީ، އަޅުގަނޑުގެ ނަޒަރުގައި، ދިވެހި ޤައުމުގެ ބައްޕަގެ ގޮތުގައި ދަރުމަވަންތަ ކީރިތި މަހާރަދުން ދެނެގަނެ، އެ ގޮތުގައި އެމަނިކުފާނަށް ލޯބި ކުރުމަށާއި ޤަދަރު ކުރުމަށް ދިވެހި ދަރީންނަށް ދަސް ކޮށްދިނުމެވެ.

ގުޅޭ ޓެގު
comment ކޮމެންޓް