ކޫއްޑޫ - ވިލިނގިލި ބްރިޖްގެ މަސައްކަތް މިއަހަރު ފަށަން މަސައްކަތް ކުރަނީ

ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން -- ސަން ފޮޓޯ / އަހުމަދު އަވްޝަން އިލްޔާސް

ގއ. ވިލިނގިއްޔާއި ކޫއްޑޫ ގުޅާލުމަށް އަޅާ ބުރިޖުގެ މަސައްކަތް މި އަހަރު ނިމުމުގެ ކުރިން ފެށުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން ވިދާޅުވެއްޖެއެވެ.

ބުރިޖުގެ މަސައްކަތާ ގުޅޭގޮތުން ސައުދު "ސަން" އަށް ވިދާޅުވީ ވަކި ޓައިމްލައިނެއްގެ ދަށުން އެ މަސައްކަތްކުރާނެ ގޮތް މިހާރު ރާވަމުން އަންނަކަމުގެ މައުލޫމާތު އޭނާއަށް ލިބިވަޑައިގަންނަވާކަމަށެވެ.

"އެ މަޝްރޫއު ކުރިއަށް ގެންދިއުމަށްޓަަކައި ސަރުކާރުން މަސައްކަތްތަކެއް އެބަކުރައްވާ. އެގޮތުން ކޮންޓްރެކްޓާ ފައިނޭސިންގެ ތެރެއިން އެކަން ކޮށްދޭނެ ފަރާތެއް ހޯދުމުގެ މަސައްކަތް ކުރަމުން ދަނީ. ދެން އެކަމަށް ވެސް ޓައިމް ލައިނެއް އެބައޮތް،" ސައުދު ވިދާޅުވިއެވެ.

ސައުދު ވިދާޅުވީ މި އަހަރު ނިމޭއިރު މަސައްކަތް ނުފެށިއްޖެނަމަ ރާއްޖޭގެ ކުންފުންޏަކާ އެ މަސައްކަތް ހަވާލުކޮށްގެން ކުރިއަށް ގެންދިޔުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލަފާ އަރުވާފައިވާނެކަމަށެވެ.

"މިސާލަކަށް އެމްޓީސީސީއާ އެ މަސައްކަތް ހަވާލުކުރުން. އެމްޓީސީސީގެ އެބަހުރި އެ ގާބިލުކަން. ވިލިނގިއްޔާއި ކޫއްޑޫއާ ދޭތެރޭގައި ބްރިޖު ކަނެކްޝަން އަޅާ އެ ޕްރޮޖެކްޓު ކާމިޔާބުކަމާއެކު ކޮމްޕްލީޓް ކުރެވޭނެ. އެ މަސައްކަތް ނިންމުމުގެ ގާބިލުކަން ދިވެހީންގެ ކިބައިގައި އެބަހުރި،" ސައުދު ވިދާޅުވިއެވެ.

ސައުދު އިތުރަށް ވިދާޅުވީ ގއ. އަތޮޅުގެ ހުރިހާ ރައްޔިތުން ވެސް މިއަދު ބޭނުންވަނީ ވިލިނގިއްޔާ ޖެހިގެން ކައިރީގައި ހުރި ހުރިހާ ރަށެއް ވެސް ގުޅިގެން ދިޔުމަށްކަމަށެވެ. އަދި ވިލިނގިއްޔާއި ކޫއްޑޫއާ ދެމެދު އަޅާ ބުރިޖަކީ މި މަސައްކަތުގެ ފެށުމެއްކަމަށް ސައުދު ވިދާޅުވިއެވެ.

"އަތޮޅުގެ ހުރިހާ ރަށެއް ވިލިނގިއްޔާ ގުޅުވާލުމުން އިގްތިސާދީ ގޮތުން ވަރަށް ވަރުގަދަ ހަބަކަށް ވެގެންދާނެ ގއ. ގެ މި ޒޯނު. މި މަޝްރޫއަކީ ވަރަށް މުހިންމު މަޝްރޫއަކަށް ވެގެންދާނެ. ވިލިނގިލީގެ ހުރިހާ ރައްޔިތުން އެންމެ އިންތިޒާރުކުރާ މަޝްރޫއު މި މަޝްރޫއަކީ،" އޭނާ ވިދާޅުވިއެވެ.

ހަމައެއާއެކު ސަރުކާރުން މި މަޝްރޫއު ކުރިއަށް ނުގެންގޮސްފިނަމަ ރައްޔިތުން އެކަމަށް ޖަވާބު ދޭނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އެކަން ކާމިޔާބު ނުވެއްޖެއްޔާ ރައްޔިތުންނަށް ފެނިގެންދާނެ ސަރުކާރުން ރައްޔިތުންނަށް ވީ އެ ވައުދަކީ ދޮގެއްކަން. ވޯޓުން އެކަން ދައްކާނެ،" ސައުދު ވިދާޅުވިއެވެ.

comment ކޮމެންޓް