އެމެރިކާގެ ނާއިބު ރައީސް ކަމަލާ ހެރިސް، ޑީއެމްޒީއަށް ޒިޔާރަތްކުރައްވައިފި

އެމެރިކާގެ ނާއިބު ރައީސް ކަމަލާ ހެރިސް ދެކުނު ކޮރެއާގެ ރައީސާ ބައްދަލުކުރައްވަނީ --- ފޮޓޯ/ އޭޕީ

ދެކުނު ކޮރެއާއާއި އުތުރު ކޮރެއާގެ ބޯޑަރު ސަރަހައްދު ކަމުގައިވާ ޑީމިލިޓަރައިޒްޑް ޒޯން (ޑީއެމްޒީ)އަށް އެމެރިކާގެ ނާއިބު ރައީސް ކަމަލާ ހެރިސް ޒިޔާރަތްކުރައްވައިފިއެވެ.

ކަމަލާ މި ޒިޔާރަތް ކުރައްވާފައިވަނީ އެމެރިކާއާއި ދެކުނު ކޮރެއާއާ ދެމެދު އޮތް ގާތް، ވަރުގަދަ ގުޅުން ރަމްޒުކޮށްދިނުމުގެ ބޭނުމުގައެވެ.

ޖަޕާނަށް ކުރެއްވި ޒިޔާރަތް ނިންމަވާލެއްވުމަށްފަހު ކަމަލާ ދެކުނު ކޮރެއާއަށް ވަޑައިގެން، އެ ގައުމުގެ ރައީސް ޔޫން ސުކް ޔިއޯލްއާ ވަނީ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި އުތުރު ކޮރެއާގެ ބެލިސްޓިކް މިސައިލް ޓެސްޓުތަކާ ގުޅޭގޮތުން ދެ ލީޑަރުން ވަނީ މަޝްވަރާ ކުރައްވާފައެވެ.

މީގެއިތުރުން، އުތުރު ކޮރެއާގެ މި މިސައިލް ޓެސްޓުތައް ހަރުކަށި އިބާރާތުން ދެކުނު ކޮރެއާއާއި އެމެރިކާއިން ވަނީ ކުށްވެރިކޮށްފައެވެ.

ދެހާސް ނަވާރަ ވަނަ އަހަރު އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވަނީ ޑީއެމްޒީ ހުރަސްކުރައްވައި، އުތުރު ކޮރެއާއަށް ތާރީޚީ ޒިޔާރަތެއް ކުރައްވާފައެވެ. އަދި އުތުރު ކޮރެއާގެ ސުޕްރީމް ލީޑަރު ކިމް ޖޮންގް އުން އާ ބައްދަލުކުރައްވައި، އުތުރު ކޮރެއާ ޑީނިއުކްލިއަރައިޒް ކުރެއްވުމަށް މަޝްވަރާ ކުރެއްވިއެވެ.

ނަމަވެސް ޓްރަމްޕްގެ ވެރިކަން ނިމި، އެމެރިކާ އާއި އުތުރު ކޮރެއާގެ ކޯޅުންގަނޑު އިތުރަށް ގޯސްވެފައިވާއިރު، އުތުރު ކޮރެއާއިން އަންނަނީ އެކި ޒާތްޒާތުގެ ބެލިސްޓިކް މިސައިލްތައް ޓެސްޓުކުރަމުންނެވެ.

ދެކުނު ކޮރެއާއާއި އެމެރިކާއާ ދެމެދު އަސްކަރީ ހަރަކާތްތައް ޓްރަމްޕުގެ ވެރިކަމުގައި މަޑުޖައްސާލާފައިވި ނަމަވެސް، ބައިޑެންގެ ވެރިކަމުގައި ދެ ގައުމު ގުޅިގެން އަސްކަރީ ތަމްރީނުކުރުންތައް ދަނީ ކުރިއަށް ގެންދަމުންނެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި ވެސް މި ދެ ގައުމުގެ އަސްކަރީ ގުޅުން ބަދަހިކުރުމަށް ނިންމާފައިވާއިރު، އުތުރު ކޮރެއާއިން ދެކެނީ އެމެރިކާއަކީ އެ ގައުމަށް އޮތް ބިރެއްގެ ގޮތުގައެވެ.

comment ކޮމެންޓް