ބެލަންޑިއޯގެ އުންމީދާ އެކު ޖޯޖީނިއޯގެ ހިތް އުމުރަށް ޗެލްސީއާ އެކު

އިޓަލީގެ މިޑްފީލްޑަރު ޖޯޖީނިއޯ --- ފޮޓޯ//ލައިވްސްކޯ

ނިމިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގާއި މި އަހަރު އޮތް ޔޫރޯ ކާމިޔާބު ކުރި އިޓަލީ ޓީމުގައި ހިމެނުނު ޖޯޖީނިއޯ ކުރިއަށް އޮތް 10 އަހަރުވެސް ކުޅެން ބޭނުން ވަނީ ޗެލްސީގައި ކަމަށް އޭނާ ބުނެފިއެވެ.

ތޯމަސް ޓުޗެލްގެ ކޯޗު ކަމުގައި ޗެލްސީން މިދިޔަ ސީޒަނުގެ އެންމެ ޝަރަފުވެރި މުބާރާތް، ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމުގައި އެންމެ ބޮޑު ދައުރެއް އަދާ ކުރި ޖޯޖީނިއޯ ވަނީ ޔޫރޯގައި ވެސް އެ ފޯމު ދަމަހައްޓައިފައެވެ. އެ ދެ މުބާރާތުގައި އޭނާ ދެއްކި ތަފާތު މޮޅު ކުޅުމާ އެކު ޔޫއެފާގެ އަހަރުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ޖޯޖީނިއޯއަށް ވަނީ ލިބިފައެވެ.

ޔޫއެފާގެ ބޮޑު ޝަރަފާ އެކު ޖޯޖީނިއޯ ވެގެން ގޮސްފައިވަނީ އެ އިދާރާއިގެ އެންމެ ބޮޑު ދެ މުބާރާތް ކާމިޔާބު ކޮށްގެން މި އެވޯޑް ހޯދި 10 ވަނަ ކުޅުންތެރިޔާއަށެވެ. އެއާ އެކު ޗެލްސީން ޖޯޖީނިއޯއަށް ދިގު ތާރީހަކަށް އެއްބަސްވުން އިތުރުކުރާނެކަމުގެ އަޑުތައް ފެތުރުނު ނަމަވެސް ޗެލްސީން އަދި އެފަދަ ވާހަކައެއް ނުދައްކާ ކަމަށް ޖޯޖީނިއޯ ވަނީ ބުނެފައެވެ.

"އުމުރުން 29 އަހަރުގައި ކެރިއަރުގެ ކުރިއަށް އޮތް އަހަރުތަކާ މެދު ވިސްނާލާ ނަމަ ބުނެވޭނީ 40 އަހަރު ވަންދެން ކުޅެން ބޭނުމޭ. ޗެލްސީން 10 އަހަރުގެ ކޮންޓްރެކްޓެއް ދިނަސް ކުޅޭނަން،" ޖޯޖީނިއޯ ބުންޏެވެ.

އޭނާ ބުނީ މިވަގުތު ކޮންޓްރެކްޓުގައި ބާކީ ދެ އަހަރު އަދި އެބައޮތް ކަމަށެވެ. އެހެންކަމުން އެއްބަސްވުން އައު ނުކުރެވިދާނެތީ އެކަމާ އަދި ނުވިސްނާ ކަމަށާއި، ޗެލްސީގައި މިވަގުތު މިހުރީ ހިތްހަމަ ޖެހިގެން ކަމަށް އޭނާ ބުންޏެވެ.

މި އަހަރުގެ ކާމިޔާބީތަކާ އެކު އަހަރުގެ މޮޅު ކުޅުންތެރިޔާއަށް ދޭ ބެލަންޑޯގެ ހައްގުވެރިއަކީ ޖޯޖީނިއޯ ކަމަށް އޭނާއަށް ސަޕޯޓްކުރާ ގިނަ ބަޔަކު އަންނަނީ ދެކެމުންނެވެ. ހަމައެހެންމެ ޖޯޖީނިއޯގެ ދިފާއުގައި ބައެއް ކޯޗުންނާއި ކުޅުންތެރިންވެސް ތެދުވެފައިވާ އިރު ޖޯޖީނިއޯ ބުނީ އެ އެވޯޑާ ދޭތެރޭ މާބޮޑު ފަރުވާލެއް މިވަގުތު ނެތް ކަމަށެވެ.

"ބެލެންޑިއޯއާ ދޭތެރޭ އެއްޗެއް ބުނާކަށް ބޭނުމެއް ނޫން. އެކަން ދޫކޮށްލާނީ ދެން ތިބި މީހުންނަށް. މި އަހަރު ބާކީ އަދު ވަރަށް ދުވަސް އެބައޮތް. ވާނެ ގޮތެއް ނޭންގެ. އެކަމަކު އުންމީދު ކުރަން އެވޯޑް ލިބިދާނެ ކަމަށް،"

comment ކޮމެންޓް