ނަޝީދުގެ ގުލްޒާރުގައި އެމަނިކުފާނު އިންދީ ކަށި ކުނބުރު ގަސްތަކެއް: މަލީހު

ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރައީސް ނަޝީދަށް އެމަނިކުފާނުގެ ސިޔާސީ ހަޔާތުގެ ގުލްޒާރުގައި އިންދެވުނީ ކަށި ކުނބުރު ގަސްތަކެއްކަމަށް ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެއެވެ.

ރޭ ޕީޕީއެމްގެ އޮފީހުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން މަލީހު ވިދާޅުވީ ރައީސް ނަޝީދު އަބަދުވެސް ދައްކަވަނީ އެމަނިކުފާނުގެ ބަގީޗާގައި ނޫރާނީ މާ ފޮޅޭކަމަށް ކަމަށެވެ.

"އެމަނިކުފާނުގެ ގުލްޒާރުގައި އިންދެވި އޮށްތަކެއް. އެ ނޫރާނީ މާ ފޮޅޭނެކަމަށް. އެހެންނަމަވެސް މިއަދު އަަޅުގަނޑުމެންނަށް ފެނިގެން މި ދަނީ ރައީސް ނަޝީދަށް އެމަނިކުފާނުގެ ގުލްޒާރުގައި އިންދެވުނީ ކަށި ކުނބުރު ގަސްތަކެއްކަން،" މަލީހު ވިދާޅުވިއެވެ.

މަލީހު ވިދާޅުވީ ރައީސް ނަޝީދު ވިދާޅުވާ ގޮތަށް އެމަނިކުފާނުގެ ގުލްޒާރުގައި ދުވަހަކުވެސް ނޫރާނީ މަލެއް ނުފޮޅޭނެ ކަމަށެވެ. އަދި އެކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ވެސް ރައީސް ނަޝީދަށްކަމަށް މަލީހު ވިދާޅުވިއެވެ.

މީގެ އިތުރުން މަލީހު ވަނީ މިއަދު ގައުމުގައި އަދުލު އިންސާފުގެ ހައްގު އޮތް ގޮތަށްވެސް ފާޑު ވިދާޅުވެފައެވެ.

"އެމްޑީޕީގެ ވެރިކަމެއްގައި އެ ޕާޓީގެ ރައީސް ނަޝީދު ރާއްޖެ ވަޑައިގެން ނުގެންނެވޭ ހާލަތުގައި ހުރިކަމަށް ވާނަމަ ދެން ކޮންބަޔަކަށް ތޯ އެމްޑީޕީއަށް އިންސާފު ގާއިމްކޮށްދެވޭނީ،" މަލީހު ވިދާޅުވިއެވެ.

މަލީހު ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ވާދަކުރެވޭނެހެން އިންތިހާބެއް ބާއްވަން ޖެހޭނެ ކަމަށްވެސް ވިދާޅުވެފައެވެ. އަދި އެ އިންތިހާބު މި އަހަރު އޮންނަންވާނެކަމަށް ވެސް ވިދާޅުވިއެވެ.

ހަމައެއާއެކު އެމްޑީޕީގެ ޖަޒީރާ ރާއްޖެ މެނިފެސްޓޯގައި ވާގޮތުން މިހާރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދައުރު ހަމަވެފައިވާކަމަށް ވެސް މަލީހު ވިދާޅުވިއެވެ.

ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ހިނގަމުން އަންނަ ކަންތައްތަކާ ބެހޭ ގޮތުން އިދިކޮޅުން އަންނަނީ ގިނަ ކަންބޮޑުވުންތަކެއް ފާޅުކުރަމުންނެވެ.

comment ކޮމެންޓް