މި ސަރުކާރަށް ބްރިޖުގެ މަޝްރޫއު ކުރިއަށް ނުގެންދެވޭނެ: ސައީދު

ޖޫން 1، 2020: 2020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 1 ވަނަ ޖަލްސާ -- ފޮޓޯ/ މަޖިލިސް

ތިލަމާލެ ބްރިޖުގެ މަޝްރޫގައި މިއަދު ސޮއިކުރި ނަމަވެސް މި ސަރުކާރަށް އެ މަޝްރޫއު ކުރިއަށް ނުގެންދެވޭނެކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ އިގްތިސާދީ ހާލަތާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން ސައީދު "ސަން" އަށް ވިދާޅުވީ މި ސަރުކާރަކީ ބްރިޖުގެ މަޝްރޫއު ފަދަ ބޮޑެތި މަޝްރޫތައް ހިންގުމުގެ ގާބިލުކަން ލިބިފައިވާ ސަރުކާރެއް ނޫންކަމަށެވެ.

"އަޅުގަނޑު ގަބޫލެއް ނުކުރަން މި ސަރުކާރަކަށް ބްރިޖުގެ މަސައްކަތް ނިންމާލެވޭނެ ކަމަކަށް. އެއީ އުތުރު ތިލަފަޅުގެ އެއްބަސްވުން މަޖިލީހަށް ސިއްރުކޮށްފައި އޮވެ ބްރިޖުގެ އެއްބަސްވުމުގައި ސޮއިކުރުން ސައްހަ ވެސް ނުވާނެ،" ސައީދު ވިދާޅުވިއެވެެ.

ސައީދު އިތުރަށް ވިދާޅުވީ މިއަދު ގައުމުގައި ބޮޑު ނުތަނަވަސްކަމެއް އޮއްވާ މިފަދަ މަޝްރޫއެއް ހިންގުމަށް އެއްބަސްވުމެއްގައި ސޮއި ކުރުމަކީ ކޮށްގެންވާނެކަމެއް ނޫންކަމަށެވެ.

"މި ސަރުކާރުން އެއްވެސް ބަލައިލުމެއް ނެތި ދަރަނި އުފައްދަމުން ދަނީ. މި ބޭފުޅުން މި އުފައްދާ ދަރަނި ދަންތުރައަކީ ހަގީގަތުގައި ރާއްޖޭގެ މިނިވަންކަމަށްވެސް އޮތް ބޮޑު ނުރައްކަލެއް،" ސައީދު ވިދާޅުވިއެވެ.

ހަމައެއާއެކު އޭނާ ވަނީ މިދިޔަ ސަރުކާރުން ކަމެއް ނުކުރާކަމަށް ބުނެ ވާހަކަދެއްކުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއްގެ ގޮތުގައިވެސް ސިފަކުރައްވާފައެވެ.

އެންމެ ފުރަތަމަ ރާއްޖޭގައި ކަނޑު ހުރަސްކޮށް ބްރިޖުގެ މަސައްކަތްކޮށްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގައެވެ.

ސިނަމާލެ ބްރިޖު ދިއްލާފައި--- ސަން ފޮޓޯ: އަހުމަދު އައުޝަން

އެގޮތުން މާލެ އާއި ހުޅުލެ ގުޅާލައި އެޅި "ސިނަމާލެ ބްރިޖު"ގެ މަސައްކަތް 2015 ވަނަ އަހަރު ފަށާ މަސައްކަތް ނިންމުމަށްފަހު 2018 ވަނަ އަހަރުގެ އޯގަސްޓު މަހުގެ ތެރޭ ވަނީ ރަސްމީކޮށް ހުޅުވާފައެވެ.

އެ މަސައްކަތް ކޮށްފައިވަނީ ޗައިނާގެ ކުންފުންޏެއް ކަމަށްވާ ސީސީސީސީ ކުންފުނިންނެވެ. އެ ބްރިޖުގެ މަސައްކަތަށް ޖުމްލަ 200 މިލިއަން ޑޮލަރު ވަނީ ހަރަދުކޮށްފައެވެ.

މި ސަރުކާރުން ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ތިލަމާލެ ބްރިޖުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިއަދެވެ. އެގޮތުން މިމަސައްކަތް ހަވާލުކޮށްފައިވަނީ އިންޑިއާގެ ކުންފުންޏެއް ކަމަށްވާ އެފްކޮންސް އިންފްރާސްޓްރަކްޗާ ލިމިޓެޑާއެވެ.

އެ މަޝްރޫއުއަކީ އިންޑިއާގެ އެގްޒިމް ބޭންކުން ދޭ 400 މިލިއަން ޑޮލަރުގެ ލޯނު އެހީގެ ދަށުން ކުރިއަށްގެންދާ މަޝްރޫއެކެވެ. އެ ލޯނު އަނބުރާ ދައްކަން ފަށަން ޖެހެނީ މަޝްރޫއު ނިމޭތާ ފަސް އަހަރު ދުވަހުގެ ފަހުންނެވެ.

comment ކޮމެންޓް