ނަފްރަތުގެ ބިލާ މެދު ... ޢާއްމު ސިޓީއެއް 5

ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއްގެ ތެރެއިން.

5. ކުށް ދަރަޖަ ކުރުމުގައި ހުރި މައްސަލައެއް

ދެން އޮތީ، ނަފްރަތުގެ ބިލުގައި ހުރި އެތައް މައްސަލަތަކެއްގެ ތެރެއިން، ފަސްވަނަ ކަމެއްގެ ގޮތުގައި އަޅުގަނޑު ފާހަގަ ކުރާ ނުކުތާއެވެ. މި ނުކުތާ ފާހަގަ ކުރުމަށް ޓަކައި، ބިލުގެ 124 (ހ) ގެ (3) ވަނަ ނަންބަރުގެ i ވަނަ ނައްޞަށް ބަލައިލަމާ ހިންގަވާށެވެ! މި ނައްޞުގައި އޮންނަނީ "މީހެއްގެ ނަސްލަށް، ނުވަތަ އުފަން ވީ ޤައުމަށް، ނުވަތަ ކުލަޔަށް ބަލައި، އެ މީހަކަށް ޖިސްމާނީ އަނިޔާއެއް ދިނުމަކީ" ކުށެއް ކަމުގައެވެ.

މި ނުކުތާގައި އަޅުގަނޑު ފާހަގަ ކުރާން މި އުޅެނީ، މި ނައްޞުގައި ތަޖުރީމު ކުރެވިފައި ވާ ކުށް ބިލުގައި ދަރަޖަ ކޮށްފައި ވާ ގޮތެވެ. 124 (ށ) ގެ (4) އާއި (5) އާއި (6) ބެލުމުން އެނގޭ ގޮތުގައި، މީހަކު މި ނައްޞުގައި ބުނާ ކުށް ކުރާ ޙާލަތުގައި، ކުށުގެ ސަބަބުން މީހަކު މަރު ވެފައި ނުވަންޏާ، އަދި ކުށް ކުރަނީ މަޒުލޫމު ކިޑްނެޕް ކޮށްގެން ކަމަށް ނުވަންޏާ، އަދި ކުށް ކުރަނީ ޖިންސީ އަނިޔާއެއް ދީގެން ކަމަށް ނުވަންޏާ، އަދި ކުށް ކުރަނީ ފުރާނައަށް ގެއްލުން ދޭނޭ ކަމުގެ ބިރު ދައްކައިގެން ކަމަށް ނުވަންޏާ، އެއީ ޖިނާޔަތުގެ 4 ވަނަ ދަރަޖައިގެ ކުށެކެވެ. އާދެ، އިސްތިސްނާ މި ކުރެވެނީ ހަތަރު ޙާލަތެކެވެ. އެ ހަތަރު ޙާލަތު ފިޔަވައި އެހެން ކޮންމެ ޙާލަތެއްގައި ވެސް، މީހެއްގެ ނަސްލަށް ނުވަތަ އުފަން ވީ ޤައުމަށް ނުވަތަ ކުލަޔަށް ބަލައިގެން ކޮންމެ ކަހަލަ ޖިސްމާނީ އަނިޔާއެއް ދިނަސް، ކުށް ދަރަޖަ ކުރެވޭނީ ޖިނާޔަތުގެ 4 ވަނަ ދަރަޖައިގެ ކުށެއްގެ ގޮތުގައެވެ. ކިތަންމެ ކުޑަ އަނިޔާއެއް ދިނަސް، އަދި ކިތަންމެ ބޮޑު އަނިޔާއެއް ދިނަސް ވެހެވެ. އަނިޔާގެ ކުޑަބޮޑުމިނަކުން ނުވަތަ ސީރިއަސްކަމަކުން ކުށުގެ ދަރަޖައަށް އަންނާނޭ ތަފާތެއް ނޯންނާނެއެވެ.

މި ދެންނެވި ފަދަ "ޖިސްމާނީ އަނިޔާއެއް ދިނުން" ކަމަށް ބެލެވޭ ޢަމަލުތަކުގެ މިސާލުތަކަށް ބަލައިލަމާ ހިންގަވާށެވެ! މީހެއްގެ ނަސްލަށް ބަލައިގެން ނުވަތަ ވަކި ނަސްލެއްގެ މީހަކަށް ވީތީ ކުރާ ނަފްރަތާ އެކު އޭނާގެ ކަންކަށިމަތީގައި ޖެހުމުން، އެއީ އިޝާރާތް މި ކުރެވުނު ނައްޞުގެ ދަށުން ޖިނާޔަތުގެ 4 ވަނަ ދަރަޖައިގެ ކުށެކެވެ. ހަމަ އެހެންމެ، މީހެއްގެ ނަސްލަށް ބަލައިގެން ނުވަތަ ވަކި ނަސްލަކަށް ވީތީ ކުރާ ނަފްރަތާ އެކު އޭނާގެ ހަށިގަނޑަށް އެޗްއައިވީ ލޭ އެޅިޔަސް، ނުވަތަ އެކްސިޑެންޓެއް ކޮށްލައިގެން މަޒުލޫމުގެ ދެ ފައި ހަލާކު ކޮށްލިޔަސް، ނުވަތަ އެސިޑު އަޅައިގެން އޭނާގެ ދެ ލޯ އަނދިރި ކޮށްލިޔަސް، މި ނައްޞުގެ ދަށުން ކުށް ދަރަޖަ ކުރެވިގެން ދާނީ ހަމަ ކަންކަށިމަތީގައި ޖެހުމެކޭ އެއްފަދައިން ޖިނާޔަތުގެ 4 ވަނަ ދަރަޖައިގެ ކުށެއްގެ ގޮތުގައެވެ.

ދެން އޮތީ، ޖިނާޔަތުގެ 4 ވަނަ ދަރަޖައިގެ ކުށަށް އަދަބު ކަނޑައެޅުމުގެ ސުވާލެވެ. ޤާނޫނުލްޢުޤޫބާތުގެ މާއްދާތަކުން ސާފު ވާ ގޮތުގައި، ކޮންމެ ދަރަޖައެއްގެ ކުށަކަށް ވެސް، އަދަބު ކަނޑައެޅުމުގައި އަދަބު ލުއި ކުރުމާއި ބޮޑު ކުރުމުގައި ފަނޑިޔާރަށް އިޚްތިޔާރުތަކެއް އޮވެއެވެ. އެގޮތުން، ޤާނޫނުލްޢުޤޫބާތުގެ 92 ވަނަ މާއްދާގެ (ރ) ގައި ވާ ގޮތުން، ޖިނާޔަތުގެ 4 ވަނަ ދަރަޖައިގެ ކުށުން ކުށްވެރި ވެއްޖެ މީހަކަށް ދެވޭނީ 4 އަހަރަށް ވުރެ ދިގު ނޫން މުއްދަތެއްގެ ޖަލު ޙުކުމެއްގެ އަދަބެވެ. ޖޫރިމަނާ ކުރަންޏާ، ކުރެވޭނޭ މިންވަރަކީ 93 ވަނަ މާއްދާގެ (ހ) އާއި (ށ) 4 ގެ ދަށުން، ކުށުގެ ނަތީޖާއެއްގެ ގޮތުން ލިބުނު ގެއްލުން ނުވަތަ ކުށުގެ ވަސީލަތުން ކުށްވެރިޔާ ހޯދި ފައިދާއެއްގެ ދެ ގުނަ، ނުވަތަ ދެ ލައްކަ ދިވެހި ރުފިޔާގެ ޖޫރިމަނާއެކެވެ. 1002 ވަނަ މާއްދާގެ ދަށުން، ޖިނާޔަތުގެ 4 ވަނަ ދަރަޖައިގެ ކުށަށް އަދަބު ދެވޭ އަސާސީ މިންގަނޑަކީ 1 އަހަރާއި 7 މަހާއި 6 ދުވަހެވެ. އެހެންކަމުން، ކުށުގެ ނިސްބަތަށް ބަލައި މި ދެންނެވި މިންގަނޑުގެ ތެރޭގައި، ކުށުގެ އަދަބު ކުޑަ ކުރުމާއި ބޮޑު ކުރުމުގެ އިޚްތިޔާރު ފަނޑިޔާރަށް އޮންނާނެއެވެ. އެހެން ނަމަވެސް، އަޅުގަނޑުގެ ނަޒަރުގައި މި މައްސަލަ އަކީ އިޚްތިޔާރީ މިންގަނޑެއްގެ ތެރޭގައި އަދަބު ލުއި ކުރުމާއި ބޮޑު ކުރުމުގެ އިޚްތިޔާރު ފަނޑިޔާރަށް ދީފައި އޮވޭތޯ، އެ އިޚްތިޔާރު ބޭނުން ކުރެއްވުމުގައި ފަނޑިޔާރުން ޢަމަލު ކުރައްވާން ޖެހޭ "ސެންޓެންސިންގ ގައިޑްލައިންސް" އަކީ ކޮބައިތޯ، ކުށާއި އަދަބުގެ ނިސްބަތް ދިމާ ވޭތޯ ނުވަތަ ނޫންތޯ (assessment of the proportionality between crime and punishment) މިފަދަ "ޤާނޫނީ ޓެކްނިކާލިޓީޒް" ގެ ތެރެއަށް ވަންނާކަށް ޖެހޭ ވެސް ކަމެއް ނޫނެވެ. އަޅުގަނޑަށް ފެންނަ ގޮތުގައި، "މީހަކަށް ޖިސްމާނީ އަނިޔާއެއް ދިނުން" ފަދަ ގޮތަކަށް ކުށެއް ކަނޑައަޅައި، އެ ކުށަކީ ޖިނާޔަތުގެ 4 ވަނަ ދަރަޖައިގެ ކުށެކޭ ބުނުމަކީ އޭގެ ޒާތުގައި ޣައިރުމަޢުޤޫލު (irrational) ކަމެކެވެ. ކުރީން ވެސް ދެންނެވި ފަދައިން، ކުށުގެ ސީރިޔަސްކަމާއި އަނިޔާވެރިކަމުގެ މިންވަރާއި ނަތީޖާތަކަށް ބަލާ އިރު، އުޑާއި ބިމާހައި ތަފާތު ކުށްތަކެއް އެއް ދަރަޖައެއްގައި ދަރަޖަ ކުރެވޭ ޙާލަތު، ނައްޞު އޮތް ގޮތުން އަންނާނޭތީއެވެ. ނުވަތަ، އަތުވެދާނޭތީއެވެ.

މިއީ ކޮން ގޮތަކުން ތަބްރީރު ކުރެވޭނޭ ކަމެއްތޯއެވެ؟ ކަންކަށިމަތީގައި ޖެހުން، މޫނަށް ކުޅު ޖެހުން، ކޮއްޕައި ވައްޓައިލުން ފަދަ ކުށްތަކާއި، މީހެއްގެ ލޯ އަނދިރި ކޮށްލުން ނުވަތަ މީހެއްގެ ގަޔަށް އެޗްއައިވީ ފަދަ ބައްޔެއްގެ ޖަރާސީމު އެޅުން ފަދަ ކުށްތައް އެއް މިންގަނޑެއްގައި ދަރަޖަ ކުރެވޭ ގޮތަށް ޤާނޫނު ހެދުން ޖާއިޒު ވެގެން ވަނީ ކޮން ގޮތަކުންތޯއެވެ؟

6. ވިއުޕޮއިންޓް ޑިސްކްރިމިނޭޝަނުގެ މައްސަލަ

ނަފްރަތުގެ ބިލުގައި ބައެއް ކަހަލަ ޝުޢޫރުތަކާއި ޚިޔާލުތަކާއި ވިސްނުންތަކަކީ "ނަފްރަތުގެ ޢަމަލުތައް" ކަމަށް ބުނެ، އެ ޝުޢޫރުތަކާއި ޚިޔާލުތަކާއި ވިސްނުންތައް ފައުޅު ކުރުން ތަޖުރީމު ކޮށް މަނާ ކޮށްފައި ވާ އިރު، މަފްހޫމީ ގޮތުން ހަމަ އެއް ހަމަތަކަކާއި ޙުކުމްތަކެއް ހިނގާން ޖެހޭ އެހެން ކަންތައްތައް ތަޖުރީމު ކޮށްފައެއް ނުވެއެވެ.

ހެޔޮ ގޮތުގައި ނަފްރަތްތެރި ވާހަކަ [Hate Speech] ތަޖުރީމު ކޮށްފައި ވާ ޤައުމުތަކުގައި ކަމާ ބެހޭ ޤާނޫނުތައް ހެދިފައި ވާ ގޮތަށް ބައްލަވައިލެއްވުމުން އެނގިވަޑައިގަންނަވާނޭ ފަދައިން، އެ ތަންތަނުގައި ނަފްރަތްތެރި ވާހަކަ ކަމަށް ކަނޑައަޅަނީ ވަކި ނަސްލަކާ ދެކޮޅަށް ދައްކާ ވާހަކަ އެކަންޏެއް ނޫނެވެ. ވަކި ދީނެއްގެ ނަމުގައި ހަރުކަށިކަން އިސް ކުރާ މީހުން ދައްކާ ވާހަކަތައް އެކަންޏެއް ނޫނެވެ. އެ ތަންތަނުގައި އޮންނަނީ، އެއްވެސް ތަފާތު ކުރުމެއް ނެތި، ކޮންމެ ދީނަކާ ދެކޮޅަށް، ކޮންމެ ނަސްލަކާ ދެކޮޅަށް، ކޮންމެ ޖަމާޢަތަކާ ދެކޮޅަށް ވިޔަސް، ނަފްރަތްތެރި ވާހަކަތަކެއް ދެއްކުމަކީ ކުށެއް ކަމަށް ކަނޑައަޅައިފައެވެ.

ނަފްރަތުގެ ބިލު އެކުލަވައިލެވިފައި ވަނީ މި ދެންނެވި އުޞޫލަކުން ނޫނެވެ.

އެއް މިސާލަކަށް ބަލަންޏާ، އެ ބިލު އޮތް ގޮތުން، ކުށަކަށް ވަނީ އިސްލާމް ދީނާ ދެކޮޅުވެރި ވާ ނުވަތަ ދީނާ ޚިލާފަށް އުޅޭ ނުވަތަ ދީނަށް އިހާނާތްތެރިކޮށް ހިތާ މީހުންނާ ދެކޮޅަށް ނަފްރަތު ފައުޅު ކުރާ މީހުން އެކަނި ކަމަށް ޤަބޫލު ކުރެވެއެވެ. މިސާލަކަށް، ދިވެހި މުސްލިމަކު، އެހެން މީހަކާ ދިމާޔަށް "އެވަނި މިވަނި މީހާ އަކީ އިސްލާމް ދީނާ ޚިލާފަށް އުޅޭ، ދީނާ ދެކޮޅު ބައެކޭ" ބުނުމުން، ނަފްރަތުގެ ބިލުގެ 124 (ހ) (1) ގެ i ވަނަ މާއްދާގެ ދަށުން އޭނާ ކުށްވެރި ވާނެއެވެ. ނަމަވެސް، ދިވެހިރާއްޖޭގައި އުޅޭ ބިދޭސީ މީހަކު "ދިވެހީންނަކީ ކްރިސްޓިޔަން ދީނާ ޚިލާފަށް އުޅޭ ބައެކޭ، ކްރިސްޓިއަން ދީނާ ދެކޮޅުވެރި ބައެކޭ، ވަރަށް ހަރުކަށި ބައެކޭ، ޓެރަރިޒަމަށް ތާއީދު ކުރާ ބައެކޭ، ދުނިޔޭގެ ހުރިހައި ތަނެއްގައި ވެސް މުސްލިމަކު ވިއްޔާ އުޅޭނީ އެހެންނޭ، އެއީ މުސްލިމުންގެ ރަސޫލާ ދަސް ކޮށްދެއްވި ގޮތޭ" މި ކަހަލަ ގޮތްގޮތުން އިސްލާމް ދީނާ ދެކޮޅަށް ކިތަންމެ އެއްޗެއްސެއް ގޮވައި، މުސްލިމުންނާ މެދު ނަފްރަތާއި ތަޢައްޞުބުގެ ވާހަކަތައް ދޮގުވެރި ގޮތްގޮތުން ކިތަންމެ ވަރަކަށް ދެއްކިޔަސް، އެ ޢަމަލު ކުށްވެރި ކުރާނޭ އެއްވެސް ނައްޞެއް މި ޤާނޫނަކު ނެތެވެ.

ބިލުގެ އެހެން މާއްދާތައް ވެސް އެކުލަވައިލައިފައި ހުރީ ހަމަ މި ކަހަލަ ގޮތަކަށެވެ. އެ މާއްދާތަކުން ސާފު ވާ ފަދައިން، ބިލުން ތަޖުރީމު ކުރެވިފައި ވަނީ އިސްލާމް ދީނާ ޚިލާފު، ނުވަތަ އިސްލާމް ދީނާ ދެކޮޅު، ނުވަތަ އިސްލާމް ދީނާ އަރައިރުން ވާ ކަންތައްތަކެއް މީހަކު ކޮށްފި ނުވަތަ ކުރާ ކަމަށް ތުހުމަތު ކޮށް ރައުޔެއް ނުވަތަ ޚިޔާލެއް ފައުޅު ކުރުމާއި ތުހުމަތުތައް ކުރުން ފަދަ ކަންކަމެވެ. އާދެ، ކުށްވެރި މި ކުރެވެނީ މުޅީން ވެސް އިސްލާމް ދީން ދިފާޢު ކޮށް، އިސްލާމް ދީނާ ދެކޮޅުވެރި ވާ ބަޔަކާ މެދު މުސްލިމުން – ޙައްޤު ގޮތުގައި ވިޔަސް އަދި ނުޙައްޤު ގޮތުގައި ވިޔަސް – ދައްކައިފާނޭ ވާހަކަތައް ނުވަތަ ފައުޅު ކޮށްފާނޭ ރައުޔުތަކާއި ޝުޢޫރުތަކާއި ޚިޔާލުތައް ކަމެވެ. ސުވާލަކީ، ހަމަ މި ބާވަތުގެ ޢަމަލެއް ކަމަށް ވާ، އިސްލާމް ދީނާ ދެކޮޅަށް، މުސްލިމުންނަށް ބަދުބަސް ބުނެ ބަޔަކު ފައުޅު ކުރާ ޚިޔާލާއި ރައުޔާއި ޝުޢޫރުތަކަކީ ވެސް ނަފްރަތްތެރި ވާހަކަ (Hate Speech) ކަމަށް ކަނޑައަޅައި މި ބިލުގައި މަނާ ކޮށްފައި ނުވަނީ ކީއްވެގެން ހެއްޔޭ، މިއެވެ. މި ކުރެވޭ ކަމަކީ، ހުޅަނގުގެ ބައެއް ޤައުމުތަކުގައި އިސްރާއީލަކީ ނަސްލީ އިމްތިޔާޒުގެ (Apartheid State) ދައުލަތެކޭ ބުނުމަކީ ނަފްރަތްތެރި ވާހަކަ ކަމަށް ބަލައި އެ ކަން ތަޖުރީމު ކުރާ އިރު، ކީރިތި މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައާ ދެކޮޅަށް ހިތަށް އެރި ގޮތަކަށް ކާޓޫނު ކުރަހައި ޝާއިޢު ކުރުމަކީ ޚިޔާލު ފައުޅު ކުރުމުގެ މިނިވަންކަން ކަމަށް އޮންނަ އޮތުމާ އެއްފަދަ ކަމެކެވެ. އިސްރާއީލާ ދެކޮޅަށް "ބޮއިކޮޓް، ޑައިވެސްޓްމަންޓް އަދި ސޭންކްޝަންސް" އަށް ގޮވައިލުމަކީ "އެންޓިސެމިޓިޒަމް" ގެ ލޭބަލް ޖެހޭ ނަފްރަތްތެރި ވާހަކަ ކަމަށް ޤާނޫނުގައި ލިޔުމާ އެކު، ފަލަސްޠީނީންނަކީ ޓެރަރިސްޓުނޭ ބުނެ ކޮންމެ ވާހަކައެއް ދެއްކުން ވެސް ޤާނޫނީ ގޮތުން ހުއްދަ ކޮށްފައި ބޭއްވުމަށް ގެންގުޅޭ އުޞޫލާ އެއްފަދަ ކަމެކެވެ.

އެހެން މިސާލަކަށް ވެސް ބަލައިލެވިދާނެއެވެ. 124 ވަނަ މާއްދާގެ އެކިއެކި މާއްދާތަކުގައި، މީހެއްގެ ނަސްލަށް، ނުވަތަ އުފަން ވީ ޤައުމަށް، ނުވަތަ ކުލަޔަށް، ނުވަތަ ސިޔާސީ ވިސްނުމަށް ބަލައި، ނަފްރަތާއި ތަޢައްޞުބުގެ މަޤްޞަދެއްގައި މީހަކަށް އަނިޔާއެއް ކުރުން ވަނީ ތަޖުރީމު ކޮށްފައެވެ. ސުވާލަކީ، މީހެއްގެ ކިބައިގައި ވަކި ކަހަލަ ބައްޔެއް ހުންނަ ހުރުމަށް ބަލައި، އެ މީހަކާ މެދު ނަފްރަތާއި ތަޢައްޞުބު ފައުޅު ކުރުން މި ބިލުން ތަޖުރީމު ނުކުރީ ކީއްވެގެން ހެއްޔޭ، މިއެވެ.

މި ދެންނެވި ދެ މިސާލުން އޮޅުން ފިލާ ޙަޤީޤަތަކީ، ނަފްރަތުގެ ބިލަކީ ކޮންމެހެން ނަފްރަތްތެރި ވާހަކަ ހުއްޓުވުމުގެ މަޤްޞަދުގައި ހުށައެޅިފައި އޮތް ބިލެއް ނޫންކަމެވެ. އެ ބިލުގެ އަމާޒަކީ ނަފްރަތްތެރި ވާހަކަ ދައްކާ މީހުންގެ ތެރެއިން، ހަމައެކަނި ދެ ޖަމާޢަތެއް ކަމެވެ. ފުރަތަމަ ޖަމާޢަތަކީ އިސްލާމް ދީނާ ދިމާ ކުރާ ނުވަތަ ދީން ނިކަމެތި ކުރާން އުޅޭ ފަރާތްތަކާ ދެކޮޅަށް ނަފްރަތާއި ތަޢައްޞުބާއި ރުޅިވެރިކަން ފައުޅު ކުރާ މީހުންނެވެ. ދެވަނަ ޖަމާޢަތަކީ ސިޔާސީ ގޮތުން މީހަކުގެ ކިބައިގައި ހުންނަ ވިސްނުމަކާ ދެކޮޅަށް، އެ މީހަކާ މެދު ނަފްރަތާއި ތަޢައްޞުބާއި ރުޅިވެރިކަން ފައުޅު ކުރާ މީހުންނެވެ. އަނެއްކާވެސް އަޅުގަނޑު ސުވާލު އުފައްދަމެވެ. މި ދެ ބާވަތުގެ އިތުރުން، އެހެނިހެން ގޮތްގޮތުން ނަފްރަތްތެރި ވާހަކަ ދެއްކުން މި ބިލުން ތަޖުރީމު ނުކުރެވުނު ސަބަބަކީ ކޮބައިތޯއެވެ؟ މި ދެ ބާވަތުގެ ނަފްރަތްތެރި ޚިޔާލާއި ޝުޢޫރު ފިޔަވައި، ނަފްރަތްތެރި އަދި ތަޢައްޞުބީ އެހެން ޚިޔާލުތަކާއި ޝުޢޫރުތަކަކީ މުޖުތަމަޢުގައި ފަތުރާން އަދި ފެތުރޭން ޖެހޭ އެއްޗަކީތޯއެވެ؟ މި ދެ ބާވަތުގެ ނަފްރަތާއި، އެހެން ނަފްރަތާ ދެމެދު ތަފާތު ކުރުމެއް މި ގެންގުޅެވެނީ ކީއްވެގެންތޯއެވެ؟

މި ދަންނަވާ ބާވަތުގެ ތަފާތުކުރުމަށް އިނގިރޭސި ބަހުން، ޤާނޫނީ ޢިލްމުގެ އަހުލުވެރީން ކިޔައިއުޅޭ ނަމަކީ [Viewpoint Discrimination] ނުވަތަ [Viewpoint Selective Censorship] އެވެ.

ވިއުޕޮއިންޓް ޑިސްކްރިމިނޭޝަނަކީ ދުނިޔޭގެ ހަރުދަނާ ޤާނޫނީ ނިޒާމުތަކުގައި މަނާ ކުރެވިފައި އޮންނަ ކަމެކެވެ. ޤާނޫނީ ފަލްސަފާ އާއި ޢިލްމުގެ އަސާސީ މަބްދައުތަކާ ޚިލާފު ކަމެކެވެ. އެއީ އިންސާނީ ޙައްޤުތައް، ޚާއްޞަ ގޮތެއްގައި ޚިޔާލު ފައުޅު ކުރުމުގެ މިނިވަންކަން، ރައްކައުތެރި ކުރުމަށް އޮންނަ ހުރަހެކެވެ. ހަމަހަމަކަމުގެ މަބްދައާ ޚިލާފު ކަމެކެވެ. ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ ވެސް އެތައް މާއްދާއެއްގެ އަލީގައި ދަންނަވާން ޖެހެނީ ވިއުޕޮއިންޓް ޑިސްކްރިމިނޭޝަން ކަމަށް ބެލެވޭ ޤާނޫނެއް ހަދައި ހިންގުމަކީ ޣައިރުދުސްތޫރީ ކަމަކަށް ވާނޭ ކަމަށެވެ. އެ ހުރިހައި މާއްދާތަކުގެ ތަފްޞީލުތަކަކަށް އަޅުގަނޑު ނުދާނަމެވެ. އެކަމަށް ޓަކައި އިތުރު އެތައް ޕެރެގުރާފުތަކެއް ލިޔާން ޖެހޭނޭ ކަމަށް ޓަކައެވެ.

އެހެންކަމުން، ނަފްރަތްތެރި ވާހަކަ ތަޖުރީމު ކުރައްވަންޏާ، ނަފްރަތާ އެކު ވަކި ދެ ބާވަތެއްގެ ވާހަކަ ނުވަތަ ޚިޔާލު ނުވަތަ ޝުޢޫރު ފައުޅު ކުރުން އެކަނި ތަޖުރީމު ނުކުރައްވާށެވެ. ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ހަމަތަކުގެ ދަށުން، ޢަދުލުވެރި އަދި އިންޞާފުވެރި ގޮތުގައި ތަޖުރީމު ކުރާން ޖެހޭ ހުރިހައި ނަފްރަތަކާއި ތަޢައްޞުބެއް ވެސް ތަޖުރީމު ކުރައްވާށެވެ. މިސާލަކަށް، އިސްލާމޮފޯބިއާ އާއި، އިސްލާމް ދީނާ ދެކޮޅަށް ހަރުކަށި ދީނެކޭ ނުވަތަ އަންހެނުންނަށް ނިކަމެތިކޮށް ހިތާ ދީނެކޭ ނުވަތަ ޝަރުޢީ ޙައްދުތަކަކީ ބަރުބަރީ ޙައްދުތަކެކޭ އަދި ލާއިންސާނީ ޙައްދުތަކެކޭ ކިޔައިގެން ފައުޅު ކުރާ ނަފްރަތާއި ތަޢައްޞުބު ވެސް ތަޖުރީމު ކުރައްވާށެވެ. "އިސްލާމީ ޓެރަރިސްޓުންނޭ" ނުވަތަ "ޖިހާދީ ޓެރަރިޒަމޭ" ނުވަތަ "ޖިހާދީ ހަރުކަށި ފިކުރޭ" ކިޔައިގެން، އިސްލާމް ދީނާ ދެކޮޅަށް ފައުޅު ކުރެވޭ ނަފްރަތާއި ތަޢައްޞުބު ވެސް ތަޖުރީމު ކުރައްވާށެވެ!


ނޯޓު: މިއީ ރައްޔިތުންގެ މަޖިލިހަށް ހުށައެޅިފައި ވާ ނަފްރަތުގެ ބިލާ ބެހޭގޮތުން ރައްޔިތުންގެ މަޖިލިހުގެ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވުނު ސިޓީއެކެވެ. ސިޓީ މި ކޮލަމުގައި މި ޝާއިޢު ކުރެވެނީ އެޑިޓް ކުރެވި އިތުރު ތަފްޞީލުތަކާ އެކު ލިޔެވިފައި ވާ ސިލްސިލާއެއްގެ ގޮތުގައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް