އަލީ ވަހީދުގެ އަޑުއެހުމެއް މާދަމާއަށް ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފި

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ކްރިމިނަލް ކޯޓަށް ހާޒިރު ވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ޖިންސީ ކުށުގެ ދައުވާތަކުގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާއަށް ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފިއެވެ.

އަލީ ވަހީދުގެ އަޑުއެހުން ތާވަލްކުރީ މާދަމާ ހެނދުނު 9:00 އަށެވެ.

އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ދައުވާތައް

  • ޖިންސީ އަނިޔާ ކުރުން
  • ރޭޕްކުރަން އުޅުން
  • ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުން
  • ޖިންސީ ގޯނާ ކުރުން
  • ޖިންސީ ގޯނާ ކުރަން އުޅުން
  • ހުއްދަނޫން ޖިންސީ މުއާމަލާތެއް ހިންގަން އެދުމުގެ ދެ ދައުވާ

އަލީ ވަހީދުގެ މައްޗަށް އެ ދައުވާތައް އުފުލާފައިވަނީ އޭނާ ޓޫރިޒަމް މިނިސްޓަރު ކަމުގެ މަގާމުގައި ހުރިއިރު އެ މިނިސްޓްރީގެ ގިނަ އަދަދެއްގެ އަންހެން މުއައްޒަފުންތަކަކަށް ޖިންސީ ގޯނާ އަދި ރޭޕް ކުރަން އުޅުނު ކަމުގެ ތުހުމަތުގައެވެ.

ކްރިމިނަލް ކޯޓުގެ ހުއްދައާ އެކު އަލީ ވަހީދު ވަނީ ބޭސްފަރުވާއަށް ކަމަށް ބުނެ އިނގިރޭސިވިލާތައް ވަޑައިގެންފައެވެ. އެއަށްފަހު އޭނާގެ ޝަރީއަތް އޮންލައިންކޮށް އެ ކޯޓުން ކުރިއަށްގެންދަން ފެށިއެވެ. ނަމަވެސް ދައުލަތުން ވަނީ އެއީ ގާނޫނީ ގޮތުން ކުރެވޭނެ ކަމެއް ނޫން ކަމަށް ބުނެ އެކަމަށް އިއުތިރާޒު ކޮށްފައެވެ. އެކަމަކު ކްރިމިނަލް ކޯޓުން ނިންމީ ރާއްޖެއިން ބޭރުގައި ހުންނަ މީހެއްގެ ޝަރީއަތް އޮންލައިންކޮށް ކުރިއަށްގެންދިޔުމަކީ ގާނޫނީ ހުރަހެއް ނެތް ކަމެއް ކަމަށެވެ.

އޮންލައިންކޮށް ޝަރީއަތް ކުރިއަށްގެންދަން ނިންމި ނިންމުން ދައުލަތުން ވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ. އަދި އެ ކޯޓުގެ ނިންމުން ދައުލަތުން ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅާފައެވެ.

އެ މައްސަލައިގެ ޝަރީއަތުގެ މަޖިލީހަށް ހާޒިރުވާން އަލީ ވަހީދަށް އެންގުމުން އޭނާ ހާޒިރުވެފައި ނުވާތީ، އެއީ ކޯޓުގެ ހުރުމަތް ކަނޑާލުމުގެ ކުށެއް ކަމަށް ކަނޑައަޅައި އޭނާ ދެ މަހާއި 12 ދުވަހަށް ޖަލަށްލާން ސުޕްރީމް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.

ސުޕްރީމް ކޯޓުން ކުރި ހުކުމް ތަންފީޒު ކުރުމަށް އިންޓަޕޯލް މެދުވެރިކޮށް އަލީ ވަހީދު ރާއްޖެ ގެނައުމުގެ މަސައްކަތް ދިވެހި ފުލުހުން ކުރަމުން ދަނިކޮށް، އިނގިރޭސިވިލާތުގެ ފުލުހުން މިއަދު ވަނީ އޭނާ ހައްޔަރުކޮށްފައެވެ.

ނަމަވެސް ދިވެހި ފުލުހުން ބުނީ އަލީ ވަހީދު ހައްޔަރުކުރި ކަމުގެ އެއްވެސް މައުލޫމާތެއް ބައިނަލްއަގުވާމީ އެއްވެސް އިދާރާއަކުން އަންގާފައިނުވާ ކަމަށެވެ.

comment ކޮމެންޓް