މައްސަލަ ހިނގައިދިޔަ ގޮތް ކިޔައިދޭން އަލީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަނީ

ޖެނުއަރީ 30، 2020: އަލީ ވަހީދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޖިންސީ ގޯނާގެ ދައުވާ އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ނޫސްވެރިންގެ ބައްދަލުވުމެއް މިއަދު ބާއްވާނެކަމަށް އިއުލާނު ކޮށްފިއެވެ.

މިއަދު އަލީ ވަހީދުގެ ޓްވިޓާ އެކައުންޓްއިން ކުރި ޓްވީޓެއްގައިވާގޮތުން ނޫސްވެރިންގެ ބައްދަލުވުން އޮންނާނީ ހަވީރު 16:00 ގައެވެ. މި ނޫސްވެރިންގެ ބައްދަލުވުން ބާއްވަނީ ކިހިނެތްކަމެއް އަލީ ވަހީދު ހާމަކޮށްފައި ނުވިނަމަވެސް އެ ބައްދަލުވުން އޮންނާނީ އޮންލައިންކޮށްކަމަށް "ސަން"އަށް ވަނީ އިތުބާރުހުރި މަސްދަރަކުން މައުލޫމާތު ލިބިފައެވެ. ބައްދަލުވުމުގައި ވާހަކަދައްކާނީ ސީދާ އަލީ ވަހީދުކަމަށް މައުލޫމާތު ވަނީ ލިބިފައެވެ. އެ ބައްދަލުވުމުގައި އަލީ ވަހީދުގެ މައްޗަށްކޮށްފައިވާ ޖިންސީ ގޯނާގެ ދައުވާތަކާ ގުޅޭގޮތުން އަދި "އެ ކަންކަން ހިނގައިދިޔަ ގޮތް، މުޅި މައްސަލަ ފަށައިގެން ނިމެންދެން" އަލީ ވަހީދު ކިޔައިދޭނެކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ.

އަލީ ވަހީދުގެ މައްޗަށް ވަނީ އޭނާ ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުރިއިރު އެ މިނިސްޓްރީގެ ގިނަ އަދަދެއްގެ އަންހެން މުއައްޒަފުންތަކަކަށް ޖިންސީ ގޯނާ އަދި ރޭޕް ކުރަން އުޅުނު ކަމުގެ ދައުވާކޮށްފައެވެ.

މީގެ އިތުރުން އަލީ ވަހީދު ބޭސްފަރުވާއަށްކަމަށް ބުނެ އިނގިރޭސިވިލާތައް ފުރާފައިވާތީ އޮންލައިންކޮށް ޝަރީއަތުގައި ބައިވެރިވާން ކްރިމިނަލް ކޯޓުން ހުއްދަދީފައިވާ މައްސަލައިގެ އިސްތިއުނާފުގެ އަޑުއެހުމަށް ސުޕްރީމް ކޯޓަށް ހާޒިރުނުވުމުގެ ސަބަބުން އޭނާގެ މައްޗަށް ވަނީ ދެ މަހާ 12 ދުވަހުގެ ޖަލު ހުކުމެއް އެ ކޯޓުން އިއްވާފައެވެ.

ނަމަވެސް އަލީ ވަހީދު މިވަގުތު އިނގިރޭސިވިލާތުގައި ހުރުމުގެ ސަބަބުން ހުކުމް ތަންފީޒުކުރަން ފަށާފައެއް ނުވެއެވެ. ކަރެކްޝަންސްއިން އަލީ ވަހީދުގެ މައްޗަށް ހުކުމް ތަންފީޒު ކުރުމަށް އޭނާ ރާއްޖެ ގެނައުމަށް ފުލުހުންގެ އެހީއަށް ވަނީ އެދިފައެވެ. ފުލުހުން ވަނީ އިންޓަޕޯލް މެދުވެރިކޮށް އަލީ ވަހީދު ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް އެފަހުން ބުނެފައެވެ. އަދި އިނގިރޭސިވިލާތުގެ ފުލުހުންނާއި ގުޅިގެން މަސައްކަތް ކުރަމުންދާކަމަށްވެސް ފުލުހުން ބުންޏެވެ.

އަލީ ވަހީދު ވަނީ އޭނާއާ ދެކޮޅަށް ކުރާ ދައުވާތަކަށް އިންކާރުކޮށް، އެއީ ސިޔާސީ ގޮތުން ކުރާ ކަމެއްކަމަށް މީގެ ކުރިން ބުނެފައެވެ. އަލީ ވަހީދަށް ޖިންސީ ގޯނާގެ ތުހުމަތުތައް ގިނަ އަދަދެއްގެ މުއައްޒަފުންތަކެއް ކުރުމާއެކު އޭނާ މިދިޔަ އަހަރު ތެރޭ މަގާމުން ވަކިކުރީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއެވެ.

comment ކޮމެންޓް